ވޭތުވެ ދިޔަ 24 ގަޑިއިރުތެރޭ އެންމެ ބޯކޮށް ވާރޭ ވެހުނީ ގދ. ކާޑެއްދޫއަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ވޭތުވެދިޔަ 24ގަޑިއިރު ތެރޭ ކާޑެއްދޫއަށް 124.8 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށެވެ. މި އަހަރުގެ މިހާތަނަށް އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ރ. އަލިފުއްޓަށެވެ. މިދިޔަ ޖުލައި މަހު އެރަށަށް 158.7 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

މެޓުން ބުނީ މި ހަފުތާގައި ވެސް ރާއްޖޭގެ ގިނަ ރަށްތަކަށް މޫސުން ގޯސްވާނެކަމަށެވެ. މިދިޔަ ހަފުތާގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯހެވެ.

"އުތުރާއި މެދު ރާއްޖެތެރެއަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގަ. ދެކުނުގެ އަތޮޅުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގަ ވައިޖެހޭނެ ކަމަށް ލަފަކުރެވޭ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ،" މެޓް އޮފީހުން ބުންޏެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މުޅި ރާއްޖެއަށް މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން ވަނީ އެންމެން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.