މާލޭގައި އާންމު ބަހުގެ ޚިދުމަތް ތައާރަފްކުރުމަށް ފަރުމާ ކުރެވިފައިވާ ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރިޓީއެލް) މިނީބަހުގެ ޚިދުމަތް މާދަމާ ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

މި ޚިދުމަތް ފޯރުކޮށްދޭން ހަމަޖެހިފައިވަނީ ތިން ރޫޓަކުންނެވެ. އެއީ، އަމީނީ ރޫޓް، ސޯސަން ރޫޓް އަދި އޯކިޑް ރޫޓެވެ. މާލޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މި ތިން ރޫޓްގައި ޖުމްލަ 40 ބަސް ހުއްޓި ހުންނާނެއެވެ. މާލޭގައި ފަށާ މިނީބަހުގެ ޚިދުމަތަށް ކަނޑައަޅާފައިވާ އަގަކީ ހަތް ރުފިޔާއެވެ.

މިނީބަހުގެ ޚިދުމަތް ދިނުމަށް 18 ބަސް މާލޭގައި ހަރަކާތްތެރިވާނެއެވެ. އޭގެތެރެއިން އަށް ބަހަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާފޭބޭގޮތަށް ރޭމްޕް އަދި ފުރޮޅުލީ ގޮނޑިއަށް ޚާއްސަ ޖާގަ އެކުލެވޭ ބަސްތަކެކެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަ ބަހުގައި 20ގޮނޑި ހުންނާނެއެވެ. އަދި އާންމު ބަސްތަކުގައި ހުންނާނީ 22 ގޮނޑިއެވެ. މިނީބަސްތަކުގައި ކޮންމެ ބަހެއްގައި 10 މީހުނަށް ކޮޅަށްތިބެ ދަތުރުކުރެވޭނެއެވެ.

މިނީބަހުގެ ޚިދުމަތް ހަފުތާގެ ކޮންމެ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 00:15 އަށް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެއެވެ. އަދި މި ޚިދުމަތް ކޮންމެ ބަސްހުއްޓިއަކަށް 10 މިނެޓަކާއި 15 މިނެޓާ ދެމެދުގެ ވަގުތެއްގައި ލިބޭނެއެވެ.

މާދަމާ ފެށުމަށް ހަމަޖެހިފައިވާ މި ޚިދުމަތުގެ ފުރަތަމަ ދެ ހަފުތާގެ ދަތުރުތައް ކުރަން ހަަމަޖެހިފައި ވަނީ މުޅިން ހިލޭއެވެ.

ދެ ހަފުތާގެ މުއްދަތު ނިމުމުން، ދަތުރުކުރެވޭނީ އާރްޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ކިއުއާރް ޓިކެޓް ނަގައިގެނެވެ. ކިޔުއާރް ޓިކެޓް ބައްލަވައިގަންނަވާނެގޮތުގެ ވީޑިއޯ އެމްޓީސީސީގެ އާރްޓީއެލް ޔޫޓިއުބް ޗެނަލުން ފެންނާނެއެވެ. އަދި އާރްޓީއެލް ޓްރެވަލް އެޕް، އެޕަލް އެޕް ސްޓޯ އަދި ގޫގްލް ޕްލޭސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.

ދެ ހަފުތާއަށް ފަހު، ޓިކެޓް ނަގައިގެން ދަތުރުކުރަން ފެށުނަސް، 65 އަހަރުން މަތީގެ މީހުންނަށާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ޚާއްސަ އެހީއަށް ބޭނުންފުޅުވާ ފަރާތްތަކުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް އެމްޓީސީސީއިން ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، ޔުނިފޯމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރުކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

އާރްޓީއެލް މާލެ ބަހުގެ ރޫޓް މެޕް، އާރްޓީއެލް ވެބްސައިޓު އަދި އެޕް މެދިވެރިކޮށް ކަސްޓަމަރުންނަށް ބައްލަވައިލެއްވޭނެއެވެ.