05 Sep 2022, 00:41
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ދަށުން ހިންގަމުން އަންނަ ހަތަރު އެެއާޕޯޓެއްގައި އަލަށް ބެހެއްޓި ސްކޭން މެޝިންތައް ބޭނުންކުރުމުގެ ހުއްދަ އެމްއެންޑީއެފުން ދީފިއެވެ.
މި މެޝިންތައް ބެހެއްޓީ، ހދ. ކުޅުދުއްފުށީ އެއާޕޯޓް، ށ. ފުނަދޫ އެއާޕޯޓް، ފުވައްމުލައް ސިޓީ އެއާޕޯޓުގެ އިތުރުން ގދ. މާވަރުލު އެއާޕޯޓުގައެވެ.
ޑިފެންސް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުޙައްމަދު ޝާން "ސަން"އަށް ވިދާޅުވީ މި ފަހަރު އަލަށް ބެހެއްޓި މެޝިންތަކާއެކު ރީޖިނަލް އެއާޕޯޓް ބޭނުން ކުރަމުން އަންނަ ހުރިހާ އެއާޕޯޓެއްގައި ބޭނުންކުރާ ސްކްރީނިން މެޝިންތަކަކީ ޑިފެންސް މިނިސްޓްރީގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)އިން އެކުލަވާލާފައިވާ "މޯލްޑިވްސް އޭވިއޭޝަން ސެކިއުރިޓީ ސްކްރީނިން ޓެކްނޮލޮޖީ" ލިސްޓްގައި ހިމެނޭ އެކްސްރޭ މެޝިންތަކެއް ކަމަށެވެ.

ހަތަރު އެއާޕޯޓެއްގައި އަލަށް ބެހެއްޓި ސްކޭން މެޝިން --
ޝާން ވިދާޅުވީ އާރްއޭސީއެލުން މި ހަތަރު އެއާޕޯޓުގައި ބެހެއްޓި މެޝިންތަކަކީ ރެޕިސްކޭން ބްރޭންޑްގެ މެޝިން ތަކެއް ކަމަށާއި އެ ބްރޭންޑްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއާ ސާވިސް ޕްރޮވައިޑާއަކީ ވެސް އާރުއޭސީއެލް ކަމަށް ޝާން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެއާއެކު ސްކްރީނިން މެޝިންތަކަށް ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ހަތަރު އެއާޕޯޓެއްގައި އަލަށް ބެހެއްޓި ސްކޭން މެޝިން --
މިއީ ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކަންކަން ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ގެންގުޅުއްވާ ދުރު ވިސްނުންފުޅުގެ ދަށުން ކަނޑައަޅުއްވާފައިވާ ސިޔާސަތާއި އެއްގޮތަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ސީދާ ބެއްލެވުމުގެ ދަށުން މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ބެހެއްޓި ހަތަރު މެޝިނެވެ.
މިފަދަ ފެންވަރު ރަނގަޅު މެޝިންތަކެއް ރާއްޖޭގައި ބޭނުންކުރާ މިއީ ފުރަތަމަ ފަހަރެވެ.