31 Mar 2012, 11:11
ގއ. ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް [ކޭއެފްއެމް] ކުންފުނީގެ ކޮރަޕްޝަނުގެ މައްސަލަތަކެއްގެ އެންޓި ކޮރަޕްޝަން ކޮމިޝަން [އޭސީސީ] އިން ތަހްގީގު ކުރަން ފަށައިފި އެވެ.
އޭސީސީގެ ނައިބު ރައީސް މުވައްވިޒް ރަޝީދު މިއަދު ވިދާޅުވީ ކޫއްޑޫގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ އާންމު ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން އެ މައްސަލަތައް ތަހްގީގުކުރުމަށް އޭސީސީގެ ޓީމެއް ކޫއްޑޫގައި ހަރަކާތްތެރިވާ ކަމަށެވެ.
މީގެ ހަފުތާއެއް ކުރިން ކޫއްޑޫ އަށް އޭސީސީ އިން ހަތަރު މީހުންގެ ޓީމެއް ގޮސްފައިވާ ކަމަށާއި އެ ޓީމްގައި އޭސީސީގެ މެންބަރަކު ހިމެނިވަޑައިގަންނަވާ ކަމަށް މުވައްވިޒް ވިދާޅުވި އެވެ.
އެހެންނަމަވެސް އޭސީސީ އިން ތަހްގީގު ކުރަމުންގެންދާ މައްސަލަތަކުގެ ތަފްސީލް އޭނާ ވިދާޅެއްނުވެ އެވެ.
ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ކުންފުނީގައި ކޮރަޕްޝަނުގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ ކުންފުނީގެ މެނޭޖްމަންޓާ ދެކޮޅަށް އެ ކުންފުނީގެ މުވައްޒަފުންތަކެއް މި މަހުގެ ތިން ވަނަ ދުވަހު ވަނީ މުޒާހަރާ ކޮށްފަ އެވެ.
އެ މުޒާހަރާގައި ކޫއްޑޫ ފިޝަރީޒްގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މެނޭޖުމަންޓްގެ އިސް މުވައްޒަފުން އެބަތިބި ކަމަށް ބުނެ އެ މުވައްޒަފުން ވަކިކުރުމަށް ގޮވާލަފައިވެ އެވެ.
އޭގެ އިތުރުން ކޫއްޑޫގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާ ކަމަށް ބުނެ ގއ. އަތޮޅު ކައުންސިލުން ވެސް އޭސީސީ އަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ.