އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ހޮވުމަށް ނެގި ވޯޓު އެގައުމުގެ ފޮރިން ސެކްރެޓަރީ ލިޒް ޓްރަސް ކާމިޔާބު ކުރައްވައިފިއެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން މިދިޔަ ޖުލައި މަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީން އާ ލީޑަރަކު ހޮވުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން އެ ޕާޓީން ވެރިކަމަށް ކުރިމަތިލެއްވި އަށް ކެނޑިޑޭޓުންގެ ތެރެއިން ދެ ކެނޑިޑޭޓަކު ހޮވުމަށް އެންމެ ފުރަތަމަ، ޕާލިމެންޓުގައި ތިއްބަވާ ޕާޓީގެ މެންބަރުން ވޯޓު ދެއްވިއެވެ.

އެއަށް ފަހު ދެން ވޯޓަށް ހުޅުވާލީ އިނގިރޭސިވިލާތުގައި ތިބި އެ ޕާޓީގެ އާންމު ރައްޔިތުންނަށެވެ. އެގޮތުން މިދިޔަ މަހުގެ ކުރީކޮޅު، ޕޯސްޓް މެދުވެރިކޮށާއި އޮންލައިންކޮށް ވޯޓުލުމުގެ ފުރުސަތު ދިނީ މި އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ކުރިން ކޮންޒަވޭޓިވް ޕާޓިއަށް ރެޖިސްޓާކޮށްފައިވާ މީހުންނަށެވެ.

އެ ޕާޓީގެ މެންބަރުންގެ އަދަދު ގާތްގަނޑަކަށް 200،000އަށް އަރާ އިރު އެއީ ގައުމުގެ އާބާދީގެ އެއް ޕަސެންޓަށް ވުރެ ވެސް ދަށް އަދަދެކެވެ. އެ ވޯޓުގައި ބައިވެރިވުމުގެ މުއްދަތު ހަމަވީ މިދިޔަ ހުކުރު ދުވަހެވެ.

އިނގިރޭސި ޕާލިމެންޓުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ ވޯޓުގެ ނަތީޖާ ހާމަކޮށްފައިވާ އިރު، ޓްރަސް ވަނީ 81،326 ވޯޓު ކާމިޔާބު ކުރައްވާފައެވެ. އޭނާއާ ވާދަ ކުރެއްވި ކުރީގެ މާލީ ވަޒީރު ނުވަތަ ޗާންސެލާ އޮފް އެކްސްޗެކާ ރިޝީ ސުނާކްއަށް ލިބުނީ 60،399 ވޯޓެވެ.

އެ ނަތީޖާ އިއުލާން ކުރުމުން، ޖޯންސަން މާދަމާ ރާނީއަށް އިސްތިއުފާގެ ސިޓީ އަރުވާނެއެވެ. އެއަށް ފަހު ޓްރަސް، ރާނީއާ ބައްދަލުކުރައްވާނެއެވެ. އަދި އާ ސަރުކާރު އެކުލަވާލުމުގެ ޒިންމާ ރާނީ ހަވާލުކުރައްވާނެއެވެ.

ލިޒް ޓްރަސްއަކީ ކޮން ބޭފުޅެއް؟

މޭރީ އެލިޒަބެތު (ލިޒް) ޓްރަސްއަކީ އިނގިރޭސިވިލާތުގެ ކުރީގެ ގިނަ ބޮޑުވަޒީރުންނެކޭ އެއްގޮތަށް އޮކްސްފޯޑް ޔުނިވާސިޓީން ސިޔާސީ ދާއިރާއާއި އިކޮނޮމިކްސްއިން ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޮކްސްފޯޑްގައި އުޅުއްވި އިރު ޓްރަސް ވަނީ ވާތު ފިޔައިގެ، އޮކްސްފޯޑް ޔުނިވާސިޓީ ލިބެރަލް ޑިމޮކްރެޓްސް ދަރިވަރުން ޖަމިއްޔާގެ ރައީސްކަން ކުރައްވާފައެވެ.

ނަމަވެސް އެއަށް ފަހު ޓްރަސް ގުޅިވަޑައިގެންނެވީ ކަނާތު ފިޔައިގެ ކޮންޒަވޭޓިވް ޕާޓީއާއެވެ. އަދި އޭނާ ވަނީ ތިން ބޮޑުވަޒީރެއްގެ ދައުރެއްގައި މިނިސްޓަރު ކަމުގެ މަގާމު ހަ ފަހަރަކު ފުރުއްވާފައެވެ.

ޓްރަސްއަކީ ތަފާތު ކަންކަމާ ބެހޭ ގޮތުން އޭނާ ގެންގުޅުއްވާ ވިސްނުން އެކި ފަހަރު އެކި ގޮތަށް ބަދަލުކުރައްވާ މީހެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. އެގޮތުން އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަންއިން ވަކިވުމާ ދެކޮޅަށް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވުމަށް ފަހު މިހާރު އޭނާއަކީ ބްރެގްޒިޓަށް ތާއިދު ކުރައްވާ ބޭފުޅެކެވެ.

އިނގިރޭސިވިލާތުގައި އިންފްލޭޝަން މަތިވެ، އިގުތިސާދީ ހީނަރުކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައި ޓްރަސް ވަނީ ޓެކްސް ކުޑަ ކުރާނެ ކަމަށާއި ސަރުކާރުން ދަރަންޏަށް ނަގާ މިންވަރު އިތުރު ކުރާނެ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ ޖުލައި މަހުގެ ހަތެއްގައި ޖޯންސަން ބޮޑުވަޒީރު ކަމުންނާއި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމުން އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ ސަރުކާރުގެ 60އަށް ވުރެ ގިނަ މެންބަރުން ދެ ދުވަސް ތެރޭ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި ފަހުންނެވެ. އެގޮތުން އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި ފަސް ވަޒީރަކު ވެސް ހިމެނުނެވެ.

ޖޯންސަންގެ ސަރުކާރުން އެންމެ ފުރަތަމަ އިސްތިއުފާ ދެއްވި ދެ ވަޒީރުންނަކީ ސުނާކްގެ އިތުރުން ސިއްހަތާބެހޭ ވަޒީރު ސާޖިދު ޖާވިދެވެ.

އެ ވަޒީރުން އިސްތިއުފާ ދެއްވީ، ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ޕާޓީ މެންބަރަކު ސަރުކާރުގެ މަގާމަކަށް އިސްކުރުމާ ބެހޭ ގޮތުން އުފެދުނު މައްސަލައަކާ ގުޅިގެންނެވެ. އެގޮތުން ކޮންޒަވެޓިވް ޕާޓީގެ ޗީފް ވިޕްގެ މަގާމަށް މިދިޔަ ފެބްރުއަރީ މަހު އައްޔަން ކުރި ކްރިސް ޕިންޗާގެ މައްޗަށް، ޖިންސީ ފުރައްސާރައިގެ ތުހުމަތު ކޮށްފައިވާކަން ޖޯންސަންއަށް ކުރިން އެނގިވަޑައިނުގަންނަވާ ކަމަށް ބޮޑުވަޒީރުގެ އޮފީހުން ކުރިން ބުނެފައިވެއެވެ.

ނަމަވެސް ފަހުން ޖޯންސަން ވަނީ އެ ތުހުމަތުތަކާ ބެހޭ މައުލޫމާތު ކުރިން ލިބިފައިވާ ކަމަށާއި ޕިންޗާ ސަރުކާރުގެ މަގާމަކަށް އައްޔަން ކުރެވުމަކީ ގޯހެއް ކަމަށް ވިދާޅުވެފައެވެ.

ހަމައެއާއެކު، ކޮވިޑް-19އިގެ ސަބަބުން އިނގިރޭސިވިލާތުގައި ގައިދުރުކުރުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތައް އަޅާފައި އޮތް ދުވަސްވަރު ބޮޑުވަޒީރުގެ އޮފީހުގައި ޕާޓީތަކެއް ބޭއްވި މައްސަލައިގަވެސް ޖޯންސަންއަށް ފާޑުކިޔުންތައް އަމާޒުވިއެވެ. އެފަދަ މައްސަލައަކާ ގުޅިގެން ޖޯންސަން ޖޫރިމަނާ ވެސް ކުރިއެވެ. އެހެންކަމުން ޖޯންސަންއަކީ، އިނގިރޭސި ބޮޑުވަޒީރުގެ މަގާމުގައި ހުންނަވަނިކޮށް ގާނޫނާ ހިލާފަށް އަމަލުކުރިކަން ސާބިތުވި ފުރަތަމަ ބޮޑުވަޒީރެވެ.

މީގެ އިތުރުން ގައުމުގެ މާލީ ހާލަތު ގޯސްވެ، އިގުތިސާދީ އަނދަވަޅުން އަރައި ނުގަނެވުމުގެ ސަބަބުން ވެސް ޖޯންސަންގެ ސަރުކާރަށް ގިނަ ބަޔެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ.