ވޮޝިންޓަން (4 ސެޕްޓެމްބަރު 2022): އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާއަށް ތާއީދުކުރާ ހަރުކަށި ފިކުރުގެ މީހުން އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް އަތްގަދަ ކުރަމުން ގެންދާކަމަށާއި އެކަމުގެ ސަބަބުން އެމެރިކާގެ ޑިމޮކްރަސީއަށް ނުރައްކާ ކުރިމަތިވެފައިވާ ކަމަށް ރައީސް ޖޯ ބައިޑެން ވިދާޅުވުމުން ޓްރަމްޕް އެކަމަށް ރައްދު ދެއްވައިފިއެވެ.

ބައިޑެންއަށް ރައްދު ދެއްވަމުން ޓްރަމްޕް ވިދާޅުވީ ބައިޑެން ގެންދަވަނީ އެމެރިކާގެ ރައީސްކަމުގައި ހުންނަވައިގެން ރައްޔިތުންނަށް ބިރުދައްކަމުން ކަމަށާއި މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ބައިޑެންގެ ވާހަކަތަކަށް ރިޕަބްލިކަން ޕާޓީގެ އެހެން ބައެއް ބޭފުޅުން ވެސް ވަނީ ރައްދު ދެއްވާފައެވެ.

މިގޮތުން ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ރިޕަބްލިކަން ޕާޓީ ތަމްސީލު ކުރައްވާ ކެލިފޯނިޔާގެ މެންބަރު ކެވިން މެކްކާތީ ވަނީ އެމެރިކާ ބައިބައި ކުރަން މަސައްކަތް ކުރައްވާކަމުގެ ތުހުމަތު ބައިޑަންގެ މައްޗަށް ކުރައްވާފައެވެ. އޭނާވަނީ ޓްރަމްޕާއި ރިޕަބްލިކަން ޕާޓީއާ ދެކޮޅަށް ބައިޑެން ދެއްކެވި ހަރުކަށި ވާހަކަތަކާއި ކުރެއްވި ތުހުމަތުތަކާ ގުޅިގެން މައާފަށް އެދިވަޑައިގަތުމަށް ބައިޑެންގެ ކިބައިން އެދިވަޑައިގެންފައެވެ.

އެމެރިކާގެ ކޮންގްރެސްގެ މިޑްޓާމް އިލެކްޝަންއަށް އަމާޒުކޮށް ޑިމޮކްރެޓިކް ޕާޓީން ކޭންޕޭން ފެށުމުގެ ގޮތުން ދެއްވި ޚިތާބެއްގައި ބައިޑެން ވިދާޅުވީ ޓްރަމްޕާއި އޭނާގެ ހަރުކަށި ފިކުރަށް ތާޢީދުކުރާ މީހުންނަކީ އެމެރިކާގެ ޑިމޮކުރަސީއަށް އޮތް ނުރައްކަލެއް ކަމަށެވެ. އެއީ އިދިކޮޅު ޕާޓީއަށް އަމާޒުކޮށް އެމެރިކާގެ ރައީސަކު މިހާތަނަށް ދައްކަވާފައި ނުވާވަރުގެ ހަރުކަށި ވާހަކަތަކެކެވެ.

ބައިޑެން ތުހުމަތު ކުރެއްވި ގޮތުގައި ޓްރަމްޕުގެ ސިޔާސީ ފިކުރު ކަމަށްވާ "މޭކް އެމެރިކާ ގްރޭޓް އަގެއިން" އަކީ އެމެރިކާގެ ޑިމޮކްރަސީއަށް ނުރައްކާތެރި އަދި ސިޔާސީގޮތުން ހައްދުފަހަނަޅައި ދިޔުމަށް މަގުފަހިވާ ފިކުރެކެވެ.

އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސްގެ މިޑްޓާމް އިލެކްޝަންއަށް އަމާޒުކޮށް ޑިމޮކްރެޓިކް ޕާޓީން ކޭންޕޭން ފެށުމުގެ ގޮތުން ޕެންސިލްވޭނިޔާގެ ފިލެޑެލްފިޔާގައި ހުންނަ އިންޑިޕެންޑެންސް މާލަމުގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ ޓްރަމްޕްގެ ހަރުކަށި ފިކުރުގެ މީހުން 2021 ވަނަ އަހަރުގެ ޖަނަވަރީމަހު އެމެރިކާގެ ކޮންގްރެސްއަށް އަރައިގަނެ އެތަން ހިސާރުކޮށް އެމެރިކާއަކީ ތަސައްރަފު ނުފުދޭގައުމަކަށް ހެދުމަށް ޖެހި ސަކަރާތުގެ ސަބަބުން އެމެރިކާގެ ކަރާމާތާއި ހައިބަތަށް ވަރަށްބޮޑަށް ލޮޅުން އަރާފައިވާ ކަމުގައެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ޓްރަމްޕާއި އޭނާއަށް ތާއީދުކުރާ މީހުން ބޭނުންވަނީ އެމެރިކާ އެތައް އަހަރެއް ފަހަތަށް ޖައްސައި އެމެރިކާގެ ޑިމޮކްރަސީ ހަލާކުކޮށްލަން ކަމަށް ބައިޑެން ތުހުމަތު ކުރެއްވިއެވެ.

ފިލެޑެލްފިޔާގެ އިންޑިޕެންޑެންސް މާލަމަކީ އިނގިރޭސީންގެ އަތްދަށުން އެމެރިކާ މިނިވަންކަން ހޯދުމާއެކު އެމެރިކާގެ މިނިވަންކަމާބެހޭ ލިޔުމުގައި ސޮއިކުރި ތާރީޚީ ރަސްމިއްޔާތު ބޭއްވި މާލަމެވެ. މި މާލަމުގައި ދެއްވި ޚިތާބުގައި ބައިޑެންވަނީ އެމެރިކާގެ ރައީސަކު ކުރީގެ ރައީސަކާ މުޚާތަބުކޮށް މީގެކުރިން ވިދާޅުނުވާވަރުގެ ހަރުކަށި އިބާރާތްތަކެއް ބޭނުން ކުރައްވާފައެވެ.

ބައިޑެން ވިދާޅުވިގޮތުގައި ޓްރަމްޕްގެ ސިޔާސީ ފިކުރު ކަމަށްވާ "މޭކް އެމެރިކާ ގްރޭޓް އަގެއިން" އަކީ ހައްދު ފަހަނަޅާފައިވާ ފިކުރެކެވެ. އެމެރިކާގެ ޑިމޮކްރެޓިކް ނިޒާމުގެ އިތުބާރު ގެއްލުވާލަން މަސައްކަތްކުރާ ފިކުރެކެވެ. އެ ފިކުރުގެ މީހުން މަސައްކަތްކުރަނީ އެމެރިކާގެ ޑިމޮކްރެޓިކް ނިޒާމު މުޅިން ހަލާކުކޮށްލަންކަމަށް ވިދާޅުވިއެވެ.

ބައިޑެން ވިދާޅުވިގޮތުގައި އެމެރިކާގެ އިންތިޚާބުގެ ނިޒާމުގެ ސައްހަކަމާމެދު ޓްރަމްޕް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ޓްރަމްޕާއި އޭނާގެ ސަޕޯޓަރުން ގެންދަނީ އެމެރިކާގެ ދަސްތޫރުގެ ބާރުކަނޑުވާލަން މަސައްކަތް ކުރަމުންނެވެ.

ބައިޑެން ވިދާޅުވިގޮތުގައި ރިޕަބްލިކަން ޕާޓީގެ ހުރިހާ މެންބަރުންނަކީ ޓްރަމްޕްގެ ހަރުކަށި ފިކުރުގެ މީހުންނެއް ނޫނެވެ. ޓްރަމްޕާއި އޭނާގެ ހަރުކަށި ފިކުރަށް ނިސްބަތްވަނީ މަދުބަޔެކެވެ. ނަމަވެސް އެމީހުން ވަނީ ރިޕަބްލިކަން ޕާޓީގެ ކޮންޓްރޯލް ނަގާފައިވާކަމަށާއި މިއާއެކު ރިޕަބްލިކަން ޕާޓީ ދަނީ ނުބައި މަގަކުންކަން ބައިޑެން ތުހުމަތު ކުރެއްވިއެވެ.