ބާސެލޯނާގެ ހާލަތު މިހާރު އޮތީ ރަނގަޅު މަގަކަށް އެޅިފައިކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ރޭ ލަލީގާގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު 3-0ގެ ނަތީޖާއަކުން ކާމިޔާބުކޮށް މީޑިއާ ވާހަކަދައްކަމުން ޒަވީ ބުނީ ޓީމުގެ ފަރާތުން ރަނގަޅު ކަންކަން ފެނުނު ނަމަވެސް ކުރިއަށް ދިޔުމަށް އަދި ވެސް ރަނގަޅުކުރަން ހުރި ކަންކަން އެބަހުރި ކަމަށެވެ.

ޒަވީ ބުނީ ސަޕޯޓަރުންނާއި ޓީމަށް ހެޔޮ އެދޭ މީހުން އަދިވެސް ކެތްތެރިވާން ޖެހޭ ކަމަށާއި ޓީމުގެ ރަން ޒަމާން އަދި އެނބުރި އަންނާނެކަމަށެވެ.

ލަލީގާގެ ރޭހާ ގުޅޭގޮތުން ސުވާލުކުރުމުން ޒަވީ ބުނީ ލީގު ހޯދުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ. ލީގު ހޯދުމަށް ވާދަކުރަން ޖެހޭނީ އެންމެ ވާދެވެރި ރެއާލް މެޑްރިޑާކަމަށް ވެސް ޒަވީ ބުންޏެވެ.

"މިދިޔަ ހަފުތާގައި ބުނިން ހިލޭ ޖެހުންތަކާއި ކޯނަރުތަކުން ކުރާ އެޓޭކްތައް ރަނގަޅުކުރަން ޖެހޭ ވާހަކަ. މިއަދު މިއޮތީ ކޯނަރަކުން ގޯލެއް ޖަހައިފައި. ކަންކަން ރަނގަޅުވާނީ މަޑުމަޑުން،" ޒަވީ ބުންޏެވެ.

ރޭ ސެވިއްޔާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ވެސް ބާސާއިންނެވެ. އެ ގޯލް ޖެހީ އޭރިއާ ތެރެއިން ރޮބަޓް ލެވަންޑޯސްކީ ގޯލަށް ޖެހި ބޯޅައެއް ސެވިއްޔާ ޑިފެންޑަރު ސަލާމަތް ކުރުމުގެ ތެރޭގައި ރަފީނިއާއަށް ލިބުމުން މެޗުގެ 21 ވަނަ މިނެޓުގައެވެ.

މީގެ އިތުރުން މެޗުގެ 36 ވަނަ މިނެޓުގައި ޖޫލްސް ކުންޑޭ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައިގެ ބޭނުންހިފައި ލެވަންޑޯސްކީ ވަނީ ބާސާގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ބާސާގެ ތިންވަނަ ގޯލަކީ މެޗުގެ 50 ވަނަ މިނެޓުގައި އެރިކް ގާސިއާ ޖަހައިދިން ގޯލެކެވެ. ރަފީނިއާ ނަގައިދިން ހުރަސް ކުންޑޭ ބޮލުން ގާސިއާއަށް ދިނުމުން އޭނާ ވަނީ ބޯޅަ ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލާފައެވެ.

އެ މޮޅާއެކު ބާސާ ލަލީގާ ތާވަލުގެ ދެވަނައިގައި އޮތީ 10 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި 12 ޕޮއިންޓާއެކު ރެއާލް އޮތްއިރު މެޗުން ބަލިވި ސެވިއްޔާ އެއް ޕޮއިންޓާއެކު އޮތީ ތާވަލުގެ 17 ވަނައިގައެވެ.