ވޮޝިންޓަން (4 ސެޕްޓެމްބަރު 2022): ފަޒާއާބެހޭ އެމެރިކާގެ އިދާރާ "ނާސާ"އިން ހަނދަށް ފޮނުވަން ރޭވި ރޮކެޓް އިއްޔެ އުދުއްސާލަން ތައްޔާރުވެފައިވަނިކޮށް ދިމާވި ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން ހަނދަށް ފޮނުވާ އުޅަނދުގެ މަސައްކަތް ފަސްވިނަމަވެސް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ނިމިފައިވާކަން "ނާސާ"އިން ހާމަކޮށްފިއެވެ.

ނާސާ ބުނިގޮތުގައި، ހަނދަށް ފޮނުވާ އުޅަނދު އުދުއްސާލަން ބޭނުންކުރަން ހަމަޖެހިފައިވާ "ސްޕޭސް ލޯންޗް ސިސްޓަމް" ނުވަތަ (އެސް.އެލް.އެސް)އަށް ކުރިމަތިވީ އެ ރޮކެޓްގެ ހޮޅިއަކުން ތެޔޮ ލީކުވާން ފެށުމާއި، ފިނިހޫނުމިން ބެލުމަށް ބޭނުންކުރާ ނިޒާމު ކުއްލިގޮތަކަށް ފެއިލްވުމާއި ރޮކެޓާއެކު ފޮނުވާ ދިރާސީ އުޅަނދު ނުވަތަ ކެޕްސޫލްގައި ހިމެނޭ ހޫނުން ރައްކާތެރި ކުރާ އިންސިއުލޭޝަން ނިޒާމު ހަލާކުވުމުގެ މައްސަލައެވެ. މިހުރިހާ މައްސަލަތަކެއް މިހާރުވަނީ ހައްލުކޮށްފައެވެ.

ނާސާއިން ހަނދަށް ފޮނުވަން ތައްޔާރުކޮށްފައިވާ ރޮކެޓް

"އެސް.އެލް.އެސް" ރޮކެޓްގެ އެހީގައި ހަނދަށް ފޮނުވާ ދިރާސީ އުޅަނދުގެ ނަމަކީ "އޮރާޔަން" އެވެ. "އޮރާޔަން" އުދުއްސާލަން ހަމަޖެހިފައިއޮތީ މިދިޔަ މަހުގެ 29 ގައެވެ. ނަމަވެސް އެންމެފަހު ވަގުތު ހުރިހާކަމެއް ޗެކްކުރިއިރު ދިމާވި ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން ހަނދުގެ ދަތުރުވަނީ މަޑުޖައްސާލާފައެވެ.

ނާސާ ބުނާގޮތުން "އެސް.އެލް.އެސް" އަށް ކުރިމަތިވި މި މައްސަލަތައް ހައްލުކުރެވިފައިވާތީ މޫސުން ތަންދޭނަމަ "އެސް.އެލް.އެސް" އާއެކު ޖައްވީ އުޅަނދު "އޮރާޔަން" މާދަމާ ހަނދަށް އުދުއްސައިލާނެއެވެ.

ފަންސާސް ތިން އަހަރަށްފަހު ނާސާއިން ހަނދަށް ފޮނުވާ މިއުޅަނދުގައި އިންސާނަކު ނުހިމެނެއެވެ. ނަމަވެސް މިދަތުރު ކާމިޔާބުވެއްޖެނަމަ އަންނަ އަހަރުގެ ފަހުކޮޅު ނޫނީ 2024 ވަނަ އަހަރު އިންސާނަކު އަލުން ހަނދަށް ފޮނުވަން ރާވާފައިވާކަމަށް ނާސާ ބުނެފައިވެއެވެ.

ނާސާއިން ހަނދަށް އަލުން ކުރާ މިދަތުރުގައި އެމެރިކާގެ އިތުރުން ޔޫރަޕްގެ ބައެއްގައުމުތަކާއި ކެނެޑާ އަދި ޖަޕާނުގެ އިތުރުން ފަޒާއާބެހޭ އެމެރިކާގެ އަމިއްލަ ކުންފުންޏެއްކަމަށްވާ "ސްޕޭކްސްއެކްސް"ގެ ފަންނީ އެހީތެރިކަންވެސް ނާސާއިން ވަނީ ހޯދާފައެވެ. މިހުރިހާ އެހީތެރިކަމަކާއެކުވެސް އިންސާނަކު ހަނދަށް ފޮނުވުމަށް ވާންޖެހޭ ތައްޔާރީތައްވެ ނިންމުމަށް މަދުވެގެން ދޮޅު އަހަރެއްހާ ދުވަސް ނަގާނެކަމަށް ނާސާއިން ބުނެއެވެ.

ނާސާއިން އަލަށް ހަނދަށް އިންސާނުން ފޮނުވަން ރާވާފައިވާ ޕްރޮގްރާމަކީ ގާތްގަނޑަކަށް 70 ބިލިޔަން ޑޮލަރުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް މިހާތަނަށްވަނީ 37 ބިލިޔަން ޑޮލަރުގެ ޚަރަދެއް ހިނގާފައެވެ.

ނާސާއިން އެންމެ ފުރަތަމަ ހަނދަށް އިންސާނަކު ފޮނުވީ 1969 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަސްވަރު ނާސާ ބުނެފައިވާގޮތުން 1969 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު އެއިދާރާގެ ފަޒާއާބެހޭ އުޅަނދު އެޕޯލޯ 11 ވަނީ އިންސާނުންނާއެކު ހަނދަށް ތިރިކުރިއެވެ. އެއުޅަނދުން ދަތުރުކުރި އެސްޓްރޮނޯޓް ނީލް އާމްސްޓްރޯންގް ވަނީ ހަނދަށް ފައިބައި ހަނދުގައި ހިނގާފައެވެ.

މިއީ އިންސާނުންނަށް ތާރީޚީ ދުވަހެކެވެ. ސަބަބަކީ އެއީ އިންސާނަކު އެންމެ ފުރަތަމަ ފަހަރަށް ހަނދުގައި ފިޔަވަޅު އެޅި ދުވަސްކަމަށްވާތީއެވެ. ނާސާގެ މިދަތުރުގައި ހަނދަށް ފައިބައި އެންމެ ފުރަތަމަ ފަހަރަށް ހަނދުގައި ފިޔަވަޅު އެޅި އިންސާނަކީ ނީލް އާމްސްޓްރޯންގްއެވެ.

ނާސާ ހާމަކޮށްފައިވާ ގޮތުގައި އޭގެފަހުން ވެސް އެ އިދާރާއިން ވަނީ އިންސާނުން ހަނދަށް ފޮނުވާފައެވެ. މިގޮތުން 1969 ވަނަ އަހަރާއި 1972 ވަނަ އަހަރާ ދެމެދު ޖުމުލަ ހަ އުޅަނދެއް ހަނދަށް ފޮނުވައި އަދި، ހަނދުގެ ސަތަހަ ދިރާސާ ކުރުމަށް ބޭނުންވާ ސާމްޕަލްތައް ވަނީ ދުނިޔެއަށް ގެނަސްފައެވެ.

މި އުޅަނދުތަކުގައި ނާސާގެ 12 އެސްޓްރޮނޯޓުން ހަނދަށް ދިޔަކަމަށްވެސް ނާސާ ބުނެފައިވެއެވެ. ނަމަވެސް 1972 ވަނައަހަރަށްފަހު ނާސާއިންވަނީ ހަނދަށް ދިޔުމުގެ ޕްރޮގްރާމު މުޅިން ހުއްޓާލާފައެވެ.