ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހަބިލިޓޭޝަން ސާވިސަސް (ޑީޕީއާރްއެސް)ގެ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް މުސާ އާޒިމްގެ މައްޗަށް ދައުލަތުން ކުރި ހިޔުމަންރައިޓްސް ކޮމިޝަނުން އަންގާ އެންގުމަށް ތަބާނުވުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ހިޔުމަންރައިޓްސް ކޮމިޝަނުން އަންގާ އެންގުމަށް ތަބާނުވާ ނުވުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައި ވަނީ ޑެޕިއުޓީ ސުޕްރިންޓެންޑެންޓްގެ ހައިސިއްޔަތުން އެޗްއާރްސީއެމް އަށް ހާޒިރުވުމަށް މެއި 23، 2010 ދުވަހު އެންގުމުން އެ ކޮމިޝަނަށް އާޒިމް ހާޒިރުވެފައި ނުވާކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމްގައި ބުނަނީ ދައުވާގެ އަސްލަށް އާޒިމް އިންކާރު ކޮށްފައިވާ ކަމަށާއި އާޒިމް އެޗްއާރްސީއެމްއަށް ހާޒިރުވާން އެންގި ސިޓީ ޑީޕީއާރްއެސް އިން އޭނާއާ ހަވާލުކޮށްފައިވާކަން އެނގެން ނެތުމުން ކޮމިޝަނުން އަންގާ އެންގުމަށް ތަބާނުވާ ކަމަށް ނުބެލެވޭނެ ކަމަށެވެ.

އެ ހުކުމްގައި ބުނަނީ ކޮމިޝަންގެ އެ އެންގުމަކީ މަގުބޫލު އުޒުރެއް ނެތި އެ އެންގުމަށް ތަބާނުވެއްޖެ ނަމަ އެކަމުގެ ޖިނާއީ މަސްއޫލިއްޔަތު ފަރުދީގޮތުން އާޒިމް އުފުލަން ޖެހޭވަރުގެ ކުށެއް ކަމަށާއި ނަމަވެސް އެ ސިޓީ ޑީޕީއާރްއެސް އަށް ފޮނުވުމުން އެތަނުން އެ ސިޓީ އާޒިމާ ހަވާލުކޮށްފައިވާކަން އެކަށީގެންވާ ޝައްކެއްނެތި ޝަރީއަތަށް ސާބިތު ނުވާތީ އާޒިމްގެ މައްޗަށް ކުށްސާބިތުނުވާ ކަމަށް ހުކުމް ކުރީ ކަމަށެވެ.

"ފަރުދީގޮތުން ޒިންމާ އުފުލަން ޖެހޭ ކަމެއްގައި ރަސްމީގޮތުން މަސައްކަތް ކުރާ އޮފީހަށް އެ ސިޓީ ފޮނުވުމުން އެ ސިޓީ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހަބިލިޓޭޝަން ސާވިސަސް އިން މުސާ އާޒިމަށް ހަވާލުކޮށްފައިވާކަން އެކަށީގެންވާ ޝައްކެއް ނެތި ޝަރީއަތަށް ސާބިތު ނުވާތީ، ދައުލަތުން ހ. ދިޔަދޫގޭ މޫސާ އާޒިމްގެ މައްޗަށް ކުޅަ ހިޔުމަންރައިޓްސް ކޮމިޝަނުން އަންގާ އެންގުމަށް ތަބާނުވުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުނުވާކަމަށް ހުކުމްކޮށްފީމެވެ،" އެ ހުކުމްގައިވެ އެވެ.