އެމްޓީސީސީ ނޯތްލީގް ދެވަނަ ޑިވިޝަންގެ ގްރޫޕް ޑީގެ އެންމެ ފަހު މެޗުގައި މިއަދު އަލިފުއްޓާއި، އުނގޫފާރު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އަލިފުށީ ސްޓޭޑިއަމުގައި ކުޅުނު މިމެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. މެޗުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނަސް ދެޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ވަނީ ލިބިފައެވެ.

މިއަދުގެ މެޗަށް އަލިފުއްޓާއި، އުނގޫފާރު ނިކުތްއިރު ދެޓީމް ވަނީ، ނޯތްލީގު ފުރަތަމަ ޑިވިޝަނުން ޖާގަހޯދާފައެވެ. ގްރޫޕްޑީގެ ފަހުމެޗުގެ ކުޅުން ނިންމާލިއިރު، ހަ ޕޮއިންޓާއެކު ތާވަލްގެ އެއްވަނަ ލިބުނީ އުނގޫފާރަށެވެ. ފަސް ޕޮއިންޓާއެކު ދެވަނަ އަލިފުއްޓަށް ލިބުނުއިރު، ދެ ޕޮއިންޓް ލިބިގެން ތިންވަނަ ލިބުނީ ދުވާފަރަށެވެ.

އަލިފުއްޓާއި އުނގޫފާރާއެކު ނޯތް ޒޯން ފުރަތަމަ ޑިވިޝަނުގެ ޓީމުތައް ވަނީ ކަށަވަރުވެފައެވެ. މިގޮތުން ނޯތް ޒޯން ފުރަތަމަ ޑިވިޝަނަށް ހޮވިފައިވާ އިތުރު ޓީމްތަކަކީ، ކުޅުދުއްފުށީ ޒިގްޒެޒް ފޯ ޔޫތު ލިންކޭޖް، އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑިވެލޮޕްމަންޓް، ޔުނިޓީ ސްޕޯޓްސް، ކެނދިކުޅުދޫ ފުޓްބޯޅަ ކްލަބް، ޓީމް ހޮޅުދޫގެ އިތުރުން ދިއްދޫ ބްލެކްޒީނޯ ސްޕޯޓްސް ކްލަބެވެ.

އެމްޓީސީސީ ނޯތްލީގުގެ މެޗްތަކަށްފަހު ދެން ފެށުމަށް ހަމަޖެހިފައިވަނީ، ސެންޓްރަލް ޒޯނުގެ މެޗުތަކެވެ.

އަންނަ ސީޒަނުގައި ދިވެހި ޕްރިމިއާލީގު ފުޅާވެގެންދާއިރު، މިފަހަރުގެ ލީގު ހަތަރު ޒޯނަކަށް ބެހިގެންދާނެއެވެ. މިފަހަރުގެ ހަތަރު ޒޯނުގައި ހިމެނެނީ ނޯތް ޒޯން، ސެންޓްރަލް ޒޯން، ސައުތުޒޯން އަދި މާލޭ ލީގެވެ.

ޒޯނުގައި ހިމެނޭ އަތޮޅުތަކަށް ބަލާއިރު ނޯތް ޒޯނުގައި ހިމެނެނީ، ހއ، ހދ، ށ، ނ، ރ އަތޮޅެވެ. ސެންޓްރަލް ޒޯނުގައި ހިމެނެނީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އަތޮޅެވެ. ސައުތުޒޯނުގައި ހިމެނެނީ ތ، ލ، ގއ، ގދ، ޏ، ސ އަތޮޅެވެ. މީގެ އިތުރުން މާލޭ ޒޯނުގައި ހިމެނެނީ މާލެ، ވިލިނގިލި އަދި ހުޅުމާލެއެވެ.