03 Sep 2022, 19:43
އިޝްތިހާރު ކޮށްގެން ޝިރުކުގެ ޢަމަލުތައް ހިންގުމަށް ބަޔަކު މަސައްކަތްކުރަމުން ދިއުމަކީ، ދިވެހީންގެ ހިތުގައި އޮތް އިސްލާމީ އަޤީދާ ފުނޑުފުނޑު ކޮށްލުމަށް ހިންގޭ ބޮޑު ޖަރީމާއެއް ކަމަށް، ދި އިސްލާމިކް އެކްސޮސިޒަމް އިން ބުނެފިއެވެ.
ރުގްޔާކުރާ މީހުންގެ ޖަމުއިއްޔާ ކަމުގައިވާ، ދި އިސްލާމިކް އެކްސޮސިޒަމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިފަހަކަށް އައިސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި، އަތްބެލުމާއި، ފާލުބެލުމާއި ސިހުރު ހެދުމާއި އަދި މި ނޫނަސް މިފަދަ ޝިރުކުގެ ޢަމަލުތައް ބޭނުންކޮށްގެން އެކި ކަހަލަ ބަލިތަކަށް ފަރުވާ ކުރުމުގެ ނަމުގައި ބަޔަކު ހަރަކާތްތެރިވަމުންދާ ކަމަށް ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ފެންނަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން މިކަންކަން ކުރުމަށް މީހުންނަށް ހިތްވަރުދީ، އިޝްތިހާރުކޮށް، މީގެން ފައިދާތަކެއް ލިއްބައިދޭ ކަމަށް ވިސްނައިދީ، ޝިރުކުގެ ތެރެއަށް މީހުން ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމީ ވަރަށް ބިރުވެރި އަދި ހިތާމަހުރި ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެ ޖަމުއިއްޔާގެ ބަޔާނުގައި ބުނީ ރާއްޖޭގައި ސިހުރުވެރިންނާއި، އަތްބަލާމީހުންނާއި، ކާހިނުންގެ ނުބައި ޢަމަލުތައް ޒަމާނުއްސުރެ ވަނީ ފެތުރިގެން ގޮސްފައި ކަމަށެވެ. ހަމައެހެންމެ، އެފަދަ ޝިރުކުގެ އަހުލުވެރިންނަށް ތަބާވެ، އެބައިމީހުންގެ ފަރާތުން ވާގިވެރިކަން ހޯދާ މީހުންގެ އަދަދު ވެސް ވަރަށް ގިނަކަމީ ފެންނަން އޮތް ހަޤީގަތެއް ކަން އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
ސިހުރުވެރިންނަކީ ދީނުން ބޭރުވެ، މުރުތައްދުވެފައިވާ ބައެއްކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ އެބައިމީހުންނަށް އިސްލާމީ ޝަރީޢަތުގައި އޮތް ހައްދަކީ މަރާލުންކަމުގައި އިސްލާމްދީނުގެ ބޮޑެތި ޢިލްމުވެރިން ފަތުވާދެއްވާފައިވާ ކަމަށެވެ.
އެ ޖަމުއިއްޔާގެ އިލްތިމާސަކީ އެފަދަ ޝިރުކުގެ ޢަމަލުތަކާއި، އެ ޢަމަލުތަށް ހިންގައި މީހުން ދެނެގަނެ، އެބައިމީހުންގެ ފަރާތުން ރައްކާތެރިވެ ތިބުމެވެ. އަދި ރޫހާނީ، ޖިސްމާނީ އަދި ނަފްސާނީ ބަލިތަކަށް ފަރުވާކުރުމުގައި އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ އެންމެހައި ކަންތައްތަކުން ދުރުވެ، މާތްاللهގެ މަދަދާއި ވާތްގަށް އެދި، އެކަލާނގެއަށް ވަކީލުކޮށް، ދުއާ ދަންނަވައި، ބަލިތަކަށް ފަރުވާ ކުރުމުގައި އިސްލާމްދީން ހުއްދަކުރައްވާފައިވާ ސަބަބުތަކުގައި ހިފުމަށް ވެސް އެ ޖަމުއިއްޔާ އިން އިލްތިމާސް ކުރެއެވެ.
"މިފަދަ ނުބައި ޝިރުކުގެ ޢަމަލުތައް ހުއްޓުވައި، މިކަންކަމާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމަށް ހުރިހައި އެންމެން ވެސް ގުޅިގެން މަސައްކަތްކުރުމަށާއި، ޚާއްސަކޮށް ދީނީ ދައުވަތުގެ މައިދާނުގައި މަސައްކަތްކުރައްވާ އިލްމުވެރިން މިކަމުގައި އިސް ދައުރެއް އަދާކޮށްދެއްވުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެމެވެ. އަދި ސަރުކާރުގެ ފަރާތުން މިފަދަ ކަންކަން ހުއްޓުވަން އޮތް މުއައްސަސާތަކުން، ޚާއްސަކޮށް އިސްލާމިކް މިނިސްޓްރީން އިސްނެންގެވުމަކީ ވަރަށް މުހިއްމުކަމެއްގެ ގޮތުގައި ދެކެމެވެ. އަދި މި ނުބައި ޢަމަލުތަށް ހިންގާ ފަރާތްތަކަށް އިސްލާމީ ޝަރީއަތުގައި އޮތް އަދަބުތައް ތަންފީޒު ކޮށްދެއްވުމަކީ މިކަންކަން ހުއްޓުވުމަށް އޮތް ހަމައެކަނި ހައްލެވެ،" އެ ބަޔާނުގައިވެއެވެ.
ރުގުޔާ ކުރުމުގެ ނަމުގައި ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިން ރަހީނު ކުރުމަށްފަހު، ޖިސްމާނީ އަނިޔާކޮށް، އަންހެން މީހާއާއި އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް، 2020 ވަނަ އަހަރު ވަނީ ފެންމަތިވެފައެވެ.