03 Sep 2022, 19:23
ނިއުޔޯކްގެ ފްލަޝިން މެޑޯސްގައި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ތިންވަނަ ބުރުން ވީ ބައްޔާއެކު މުބާރާތުން ކަޓައި ކެރިއަރުވެސް ބައްޔަކުން ނިންމާލަން ސެރީނާ ވިލިއަމްސްއަށް ޖެހިއްޖެއެވެ.
އަންހެނުންގެ ސިންގަލްސް އިވެންޓްގައި އޮސްޓްރޭލިއާގެ އާލާ ޓޮމްލަނޮވިޗާ ދެކޮޅަށް ކުޅުނު މިމެޗުން ސެރީނާ ބަލިވީ، 1-2 ސެޓުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ސެޓް ޓޮމްލަނޮވިޗް ކާމިޔާބުކުރީ 5-7 ގެ ނަތީޖާއަކުންނެވެ. މެޗްގެ ދެވަނަ ސެޓް ވަރަށް ވާދަވެރި ކުޅުމަކަށްފަހު 7-6 ގެ ނަތީޖާއަކުން ސެރީނާ ގެންދިޔައިރު، މެޗުގެ އެންމެ ފަހުސެޓް ޓޮމްލަނޮވިޗް ގެންދިޔައީ ވަރަށް ފަސޭހަކަމާއެކު 6-1 ގެ ނަތީޖާއަކުންނެވެ. މެޗްގެ ފަހު ސެޓްގެ ކުޅުން ފެނިގެންދިޔައިރު ސެރީނާ ފެނުނީ މާބޮޑަށްވެސް ވަރުބަލިކޮށެވެ.
މުބާރާތުގެ ތިންވަނަ ބުރުން ސެރީނާ ބަލިވުމުން އޭނާއަށް ވަނީ މުބާރާތުން އަލްވަދާއުކިޔަން ޖެހިފައެވެ. މި މުބާރާތަކީ ސެރީނާ ކެރިއަރުގައި ކުޅޭނޭ އެންމެ ފަހު މުބާރާތެވެ. މެޗަށްފަހު ސެރީނާ ވަނީ މެޗްބެލުމަށް ސްޓޭޑިއަމަށް ވަން ސަޕޯޓަރުންނަށް އަތުގެ އިޝާރާތުން އަލްވަދާއު ކިޔާފައެވެ.

ރޭގެ މެޗް ބެލުމަށް ދަނޑަށް ވަދެތިބި ސެރީނާގެ ސަޕޯޓަރުން ---ފޮޓޯ/ ޔޫއެސްއޯޕަން
ކޯޓުތެރޭގައި ހުރެ ސެރީނާ ބުނީ، މީގެ 27 އަހަރުކުރިން ޓެނިސް ކެރިއަރު ފެށިއިރު، އެންމެ ކައިރީގައިތިބި މީހުން ކުރިމަތީ ކެރިއަރު ނިންމާލަން ޖެހުމަކީ ލިބިގެންދިޔަ އެންމެބޮޑު އެއް އުފާވެރިކަންކަމަށެވެ.
ސެރީނާ ބުނީ، މަންމަ އާއި ދައްތަ ވީނަސް ވިލިއަމްސް ނެތްނަމަ ޓެނިހުގެ އެންމެ އުހަށް އޭނާއަށް ނުދެވުނީސް ކަމަށެވެ.
"ޓެނިހުގެ ކެރިއަރުގައި ކުޅުންތެރިއަކަށް ހާސިލްވާނެ ހުރިހާކަމެއް އަހަރެންނަށް މިވަނީ ހާސިލުވެފައި. ކެރިއަރު ނިންމާމިލަނީ އުފަލާއެކު. އަހަރެންގެ ލޮލުން މިހާރު ކަރުނަ ފޭބިޔަސް މިއީ އުފަލުގެ ކަރުނައެއް،" ސެރީނާ ބުންޏެވެ.
ސެރީނާ އެންމެ ފުރަތަމަ ޕްރޮފެޝަނަލް ޓެނިސް މެޗަކަށް ނިކުމެފައިވަނީ، 1995 ވަނަ އަހަރު އޭނާގެ އުމުރުން 14 އަހަރުގައެވެ. ޓެނިހުގެ ކެރިއަރުގައި ސެރީނާ ވަނީ، ގްރޭންޑް ސްލޭމްގެ ޗެމްޕިއަންކަން 23 ފަހަރު ހޯދާފައެވެ.