31 Mar 2012, 10:07
ކުދި އާބާދީތަކަށް އަހަންމިއްޔަތުކަން ދެއްވައިގެން، ރައްޔިތުންގެ ކަންތައްތައް މިސަރުކާރުގެ ފަރާތުން ބައްލަވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ގާދޫ ރައްޔިތުންނާ އިއްޔެ ހަވީރު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގެ އިސް ބޭފުޅަކު ގާދުއަށް ވަޑައިނުގަންނަވާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި އެކަމަށް ޓަކައި ހިތާމަ ކުރައްވާ ކަމުގައި ވިދާޅުވެ، ޚުދު އެމަނިކުފާނަށް ވަޑައިނުގެންނެވުނު ކަމުގައިވީ ނަމަވެސް، އެމަނިކުފާނުގެ ކެބިނެޓްގެ ކޮންމެވެސް އެއްބޭފުޅަކު، ކޮންމެ ރަށަކަށް ވެސް މިއަހަރު ޒިޔާރަތް ކުރެއްވޭތޯ ބައްލަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދާންޖެހޭނެ، އަޅުގަނޑުމެންގެ ރައްޔިތުން ދިރިއުޅޭ ތަންތަނަށް ގޮސް ރައްޔިތުންގެ ޙާލު ހުރިނެތް ގޮތް އަޅުގަނޑުމެން ޖެހޭނެ ބަލަން. ބަލާފައި، އެވަގުތަކު ކޮށްދެވެން ހުރި ކަންތައް ދައުލަތުގެ ފަރާތުން ކޮށްދިނުމަކީ އެއީ އަޅުގަނޑުމެންގެ ވާޖިބު"، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އާބާދީ ކިތަންމެ ކުޑަޔަސް، އެ ރައްޔިތުންނަށް ލިބިދޭން ޖެހޭ ޙައްޤުތަކާއި ޚިދްމަތްތައް ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ ގޮތުގައި އެބަ ލިބިދޭން ޖެހޭ ކަމުގައި ވިދާޅުވި އެވެ. އަދި އަސާސީ ޚިދުމަތްތައް ދިނުމާއި، އެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ، ވަރަށްބޮޑު ޚަރަދެއް ކޮށްގެން ނޫނީ ނުކުރެވޭނެ ކަންތައްތައް ކަމުގައި ބަޔާންކުރައްވަމުން، ކުދި ޖަމާޢަތްތަކާ ދޭތެރޭގައި ތަފާތު ވިސްނުންތަކެއް ގެންގުޅެން ޖެހޭ ކަމުގައި ވިދާޅުވި އެވެ. މިގޮތުން، ގާދޫ ރައްޔިތުން ފާހަގަކުރައްވާފައިވާ ދަތިތައް ޙައްލުކުރެއްވުމުގައި މިކަން ކުރެވެން އޮތްގޮތެއް ހޯދޭތޯ މަސައްކަތް ކުރައްވާނެ ކަމަށާއި މިކަންކަން ނިންމަ ވާނީ ރައްޔިތުންނާ މަޝްވަރާކުރައްވައި ރައްޔިތުން އެދޭ އަދި ޑިމޮކްރެޓިކް ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ގާދުއަށް ވަޑައިގެންނެވުމުން، އެ ރަށުގެ ރައްޔިތުން އެމަނިކުފާނަށާއި، އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.