03 Sep 2022, 15:51
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުން ޖަމާވި ކަމަށް ތުހުމަތު ކުރެވޭ އެއް މިލިއަން ޑޮލަރު އަނބުރާ ހޯދުމަށް ދައުވާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރޭ "ސަންގު ޓީވީ"އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ އޭސީސީއާ އެކު އެކުލަވާލައިފައިވާ އެސްކްރޯ އެއްބަސްވުމެއްގެ ދަށުން، އެއް އަހަރު ދުވަސް ތެރޭ އެ ފައިސާ އަކީ ދައުލަތުގެ ފައިސާކަން ސާބިތު ނުކޮށްދެވިއްޖެނަމަ، އެމަނިކުފާނުގެ އެކައުންޓަށް އެ ފައިސާ ޖަމާވާން ޖެހޭނެކަމަށެވެ.
"ނަމަވެސް ބޭންކް އޮފް މޯލްޑިވްސް އިން އަދިވެސް އެކަން ކޮށްދޭކަށެއް ނޫޅޭ އިނގޭތޯ. ދެން އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސް ގޮވައިގެން ކޯޓަށް ދިޔުމުގެ މަގުމަތީގައި މިއުޅެނީ" ރައީސް ޔާމީން ވިދާޅުވިއެވެ.
އޭސީސީއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ބަހައްޓާފައިވާ އެއް މިލިއަން ޑޮލަރަކީ، އެމްއެމްޕީއާރުސީގެ ޚިޔާނަތުގައި ހިމެނޭ، އެސްއޯއެފްގެ އެކައުންޓުން، މޯލްޑިވްސް އިސްލާމިކް ބޭންކުގައި ރައީސް ޔާމީން ހުޅުވާފައިވާ އެކައުންޓަކަށް ޖަމާވީ އެއް މިލިއަން ޑޮލަރެވެ.
މި އެއްބަސްވުން އެކުލަވާލުމުގައި ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް، ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝުކޫރަށް ވަނީ ދައުލަތުގެ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންނަށް މަގުފަހި ކޮށްދިނުމުގެ ދައުވާ އުފުލާފައެވެ.
ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި 2019 ވަނަ އަހަރުގެ ނޮވެންބަރު މަހު، ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލައިފައެވެ. ނަމަވެސް، މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ވަނީ އެމަނިކުފާނު މިނިވަން ކުރުމަށް ހުކުމްކޮށްފައެވެ.
އެ މައްސަލައިގެ އިތުރުން، ރ. ފުއްގިރި އާއި، ވ. އާރަށް ދޫކުރުމުގެ މައްސަލައިގައި، ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ދައުވާއާއި، ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އުފުލާފައެވެ.