ބަމާކޫ (މާޗް 31): މިމަހުގެ 22 ވަނަ ދުވަހު މާލީއަށް ޢަސްކަރީ އިންޤިލާބު ގެނައި ސިފައިން ވެރިކަމުން ފޭބުމަށް އެމެރިކާ ގޮވާލައިފި އެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާން މާކް ޓޯނަރ މާލީގެ އިންޤިލާބީ ސިފައިންނަށް ރޭ ގޮވާލެއްވީ 72 ގަޑި އިރު ތެރޭގައި ވެރިކަމުން ފޭބުމަށް ނޫނީ ވޭންދެނިވި ޢުޤޫބާތްތަކާއި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކާ ކުރިމަތި ލުމަށެވެ. މާލީގެ އަވައްޓެރި ވެސްޓް އެފްރިކާގެ އިޤްތިސާދީ ޖަމާއަތް (އީކުވާސް)ގެ ޤައުމުތަކުން ވެސް ވަނީ މިމޭރުމުން މާލީގެ އިންޤިލާބީ ސިފައިންނަށް އިންޒާރުދީފަ އެވެ.

ފަނަރަ ޤައުމު ހިމެނޭ އީކުވާސް ޖަމާއަތުން ވަނީ 72 ގަޑިއިރު ތެރޭގައި އިންޤިލާބީ ސިފައިން ވެރިކަމުން ނުފާބައިފި ނަމަ މާލީ މުޅިން އެކަހެރިކޮށް އެޤައުމުގެ މަރުކަޒީ ބޭންކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ސަރަޙައްދީ ހުރިހާ ރޮނގުތަކަކާއި ވައިގެމަގުން މާލީއަށް ދަތުރުކުރުމުގެ މަގުވެސް ބަންދުކުރާނެ ކަމުގެ އިންޒާރުދީފަ އެވެ.

މާލީއަކީ "ލޭންޑް ލޮކް" ނުވަތަ އެއްވެސް ފަރާތަކުން ކަނޑާގުޅިފައިނުވާ އެއްގަމުން ބެދިފައިވާ ޤައުމެކެވެ. އެހެންކަމުން އެއްގަމާއި ވައިގެމަގު ބަންދުކޮށްފި ނަމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މާލީ ހުރިހާ ގޮތަކުން ވެސް އިނދަޖެހިގެންދާނެ ކަމަށް މުރާސިލުން ބުނެއެވެ. ނަމަވެސް މާލީގެ ވެރިކަން ޢަސްކަރީ އިންޤިލާބަކުން ވައްޓާލި ޢަސްކަރީ ސިފައިން ވަނީ މިއިންޒާރުތަކަށް ބީރުކަންފަތެއް ދީފަ އެވެ.

ބޭރުގެ މިއިންޒާރުތަކަށް އިޖާބަ ދިނުމުގެ ބަދަލުގައި މާލީގެ އިންޤިލާބީ ވެރިޔާ ކެޕްޓަން އަމާދޫ ސެނެގޯވަނީ އެ ޤައުމުގެ އުތުރުގައި ޙަރަކާތްތެރިވާ ތަވާރިޤް ނަސްލުގެ ބާޣީ ހަނގުރާމަވެރިންނާއި އިސްލާމީ ޚިޔާލުގެ ހަނގުރާމަވެރިން ވެރިރަށް ބާމާކޫ އާ ކައިވަމުންދާ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

ކެޕްޓަން ސެނެގޯ އެމެރިކާ އާއި އެފްރިކާގެ ޤައުމުތަކާ މުޚާތަބު ކުރައްވައި އެޤައުމުތަކަށް ގޮވާލެއްވީ މާލީއަށް އިންޤިލާބު ގެންނަންޖެހުނު ޚާއްސަ ޙާލަތަށް ރިޠާޔަތްކޮށް ތަވާރިޤް ހަނގުރާމަވެރިން މަތަކުރުމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ. ނޫން ނަމަ ޤައުމުގެ އުތުރުގައި ހަނގުރާމަ ކުރަމުންދާ ތަވާރިޤުންނާއި ހަރުކަށި އިސްލާމީ ޚިޔާލުގެ ހަނގުރާމަވެރިން ވެރިރަށް ބަމާކޯ ވަރަށް އަވަހަށް ހިފާނެ ކަމުގެ އިންޒާރުވެސް ސެނެގޯ ދެއްވި އެވެ.

އެމެރިކާ ވެސް ވަނީ ތަވާރިޤުންނާއި އަލްޤާޢިދާއަށް ނިސްބަތްވާ ކަމަށް ތުހުމަތުކުރެވޭ މުސްލިމް ހަނގުރާމަވެރިންގެ އަތްދަށަށް މާލީ ހިނގައިދާނެ ކަމުގެ ބިރު އިހްސާސްކުރާ ކަމަށް ބުނެފަ އެވެ. (އަލްޖަޒީރާ)