06 Sep 2022, 08:58
ފިހާރައާއި ހަމައަށް ދެވުނުއިރު އަހަރެން ހުރީ ރީއްޗަށް ވަރުބަލިވެފައެވެ. ލައިގެން ހުރި ދިގު ހެދުމުގެ ފަސްބައި އެއްކޮށް ތެމިފައި ހުރުމުގެ ސަބަބުން އަހަރެން ހުރީ ހެދުން ކުޑަކޮށް ހިއްލާލައިގެންނެވެ. ފިޒާ ފިހާރަ ތެރެއަށް ވަންނަން ދޮރު ހުޅުވައިލި ނަމަވެސް، ކައުންޓަރުގައި ހުރި މީހަކު ފެނި، އަހަރެންގެ ފިޔަވަޅުތައް މަޑުޖެހުނެވެ.
********
"މިރާން؟..." އަހަރެންގެ ހިތް ތެޅިގަތެވެ.
މިރާން ފެނުމުން ކުރެވުނީ ތަފާތު އިހުސާސެކެވެ. އެއީ ދެކެން ބޭނުންވާ މީހަކު އެތައް ދުވަހެއް ފަހުން ފެނުމުން ކުރެވޭނެފަދަ އުފާވެރި އިހުސާސެކެވެ. ފިހާރައިގެ ޔުނީފޯމުގައި މިރާން ފެންނަލެއް ފުރިހަމައެވެ. ކޮންމެ ކަހަލަ ހެދުމެއް އެޅިޔަސް، އެ ފިރިހެންވަންތަކަމަށް ބަދަލެއް ނާދެއެވެ. ކަންތައް ކުރެވުނު ގޮތުން މިރާންގެ ކުރިމައްޗަށް އަރާނެ ހިތްވަރެއް ނުލިބުނެވެ. ކައުންޓަރުގައި ހުރެފައި، މިރާން ދޮރާއި ދިމާއަށް ބަލައިލަން އުޅޭހެން ހީވުމުން، ފިޒާގެ އަތުގައި ހިފައި އެތެރެއަށް ވަނަނުދީ ހުއްޓުވީމެވެ. މިރާންއަށް ފެނުމުގެ ކުރިން އަހަރެން އޭނާއަށް ފުރަގަސްދިނީމެވެ.
"ހިނގާ އެހެން ފިހާރައަކަށް..." އަހަރެން އެދުނީމެވެ.
"ކިހިނެއްވީ؟..." ފިޒާގެ މޫނުން ފެނުނީ ހައިރާން ކަމެވެ.
"މިތާ ހީވަނީ ވަރަށް އެއްޗެހި އަގުބޮޑުވާނެހެން..." އަހަރެން ބަހަނާއެއް ހޯދައިލީމެވެ. "ހިނގާ އެހެން ތާކަށް..."
"ތިއްތާ، ތިއްތަ ގޮވައިގެން ދެން ނުހިނގޭނެ ދުރަކަށް... މަގުމަތިން ހިނގޭވަރެއްވެސް ނޫން ފެންބޮޑުވެފަ އޮތީމަ..." ފިޒާ މޫނަށް ވައްތަރެއް ޖައްސައިލިއެވެ.
"ބޭރުގަ މަޑުކޮށްލިޔަސް އޯކޭތަ؟..." އަހަރެން އަހައިލީމެވެ. "ފިޒާ ދާންވީނު ގަނެގެން އަންނަން..."
"ކީއްކުރަން ބޭރުގަ ހުންނަނީ؟... މިތަނުން ލިބޭނެ ހުރިހާ އެއްޗެއް... އަގެއްވެސް ބޮޑެއް ނުވާނެ... ފިޒާ މިއައީ ބްލޭންކެޓެއްވެސް ގަންނަން... މަތީބައިގަ ހުންނާނެ ބްލޭންކެޓް... ތިއްތަވެސް މިތަނަށް ވަނީމަ ދޯ ގަންނަން ބޭނުންވާ އެއްޗެއް ހުރިއްޔާ ފަހުން ގަންނަން އަންނަންވެސް އެނގޭނީ... ދެން އާދެބަލަ..." ފިޒާ އަހަރެންގެ އަތުގައި ހިފައިލިއެވެ.
ފިޒާ ކުރުނުކޮށް ކިޔަން ފެށުމުން އަހަންނަށް ޖެހުނީ އެތެރެއަށް ވަންނާށެވެ. ބޮޑު ފިހާރައެއްކަން އެއީ ނަސީބެކެވެ. ކައިރި ކައިރީގައި ބަހައްޓާފައިވާ ހަރުތައް ގިނައެވެ. ކައުންޓަރުގައި ހުންނަ މީހަކަށް ފިލައިގެން، ހަރުތަކުގެ ނިވަލުގައި ރަނގަޅަށް އުޅެލެވޭ ކަހަލަ ތަނެކެވެ. މިރާންއަށް ފިލައިގެން އުޅެފައި އެނބުރިލީ ވަގުތު، އަހަރެންގެ މޫނު ޖެހުނީ ފަހަތުގައި ހުރި މީހެއްގެ މޭގައެވެ. އެހާ ފަސޭހައިން އެމީހެއްގެ ގައިގައި ޖެހުނީ އަހަންނާއި ދާދި ގާތުގައި ހުރުމުންނެވެ.
ކައިރީގައި ހުރީ އިސްކޮޅުން ދިގު މީހެކެވެ. ފުރަތަމަ ނަޒަރު ސީދާވީ އެމީހެއްގެ މެޔަށް ނަމަވެސް، އެއީ ކާކުކަން އެނގިއްޖެއެވެ. އަހަރެންގެ ނޭފަތުގައި ހަރުލައިގެން ދިޔައީ، އެ ވަހަކަށް ހޭނިފައިވާ، ފިރިހެންވަންތަ ލުއި ސެންޓެއްގެ މީރު ވަހެވެ. ކައިރީގައި ހުރީ ކާކުކަން އެނގިގެން ބަލައިލާ ފަދައިން މަޑުމަޑުން އިސްއުފުލައި އެމީހެއްގެ މޫނަށް ބަލައިލީމެވެ.
"މިރާން!..." އަހަރެން ގަދަކަމުން ހިނިތުންވެލީމެވެ.
މިރާން ހުރީ ފާޑަކަށް ބަލަހައްޓައިގެންނެވެ. އެ ބޮޑު ދެލޯ އަހަރެންގެ ލޮލާއި ސީދާވެފައިވާއިރު، ކަޅުކަންގަދަ ދެ ބުމަ ވަނީ ގޮށްޖެހިފައެވެ. އަހަރެން ފިލައިގެން އުޅުނުކަން އެނގިގެން ހިތްހަމަނުޖެހިފައި ހުރި ކަހަލައެވެ. މިރާންގެ މޫނުން ކޮންމެ ގުނަވަނަކަށް ފަރުވާތެރިކަމާއިއެކު ބަލައިލީމެވެ. އެ ރީތިކަމަށް ފަނޑުކަމެއް ނާދެއެވެ. ހިތްހަމަނުޖެހިފައި ހުންނައިރު ވަކީން ފިރިހެންވަންތަހެން ހީވެއެވެ.
މިރާން ކަރުކެހިލިއެވެ. ވަގުތުން ދުރަށް ޖެހިލީމެވެ. އަހަރެން އެހާ ވަރަށް ފިލައިގެން އުޅެނިކޮށްވެސް މިރާންއަށް ފެނުމުން ރަކިވެގެން އަނގަޔަށް ގޮތެއް ހަދައިލެވުނެވެ.
"އަހަރެން ހިއެއް ނުކުރަން ރުއާ އަހަންނަށް ފިލައިގެން އުޅެންޖެހޭވަރުގެ ކަމެއް ކުރެވުނު ކަމަކަށް..." މިރާން ޝަކުވާ ކުރިއެވެ. "ކީއްވެ ފިލައިގެން ތިއުޅެނީ؟..."
"މި، ނޫޑްލްސް ކަޕްތައް ބަލާލަނީ..." ހަރަށް އިޝާރާތްކުރަމުން އަހަރެން ބުނީމެވެ.
"ތީ ނޫޑްލްސް؟..." މިރާން އަހައިލިއެވެ.
އަހަރެން ބަލައިލިއިރު ހަރުގައި އަތުރާފައި ހުރީ ވަޑާމުގެ ސާމާނެވެ. ވިސްނާނުލައި އަހަންނަށް އެ ބުނެވުނު އެއްޗަކުން، މިރާންގެ ކުރިމަތީގައި ރީއްޗަށް ފަޟީހަތްވިއެވެ.
"ރުއާ ދުވަހަކުވެސް ކަޕްނޫޑްސް ކޭންތަ؟..." މިރާން އަހައިލިއެވެ.
އަހަރެން ބޯ ހޫރައިލީ ކުށްވެރިއަކު ފަދައިންނެވެ. މިރާން އަހަރެން އިޝާރާތްކުރި ދިމާގައި ހުރި ދަޅުތަކުން ދަޅެއް ނެގިއެވެ.
"މިއަށް ކިޔަނީ ޑަންލޮޕް..." މިރާން ބުނެލިއެވެ.
މިރާން އޭނާގެ ލޮލުގެ އިޝާރާތުން ފިހާރައިގައި ހަރުކޮށްފައި ހުރި ކެމެރާ ދައްކައިލިއެވެ. އަހަރެން އުޅުނު ހުރިހާ ގޮތެއް އެ ކެމެރާއިން އޭނާއަށް ފެނުނުކަން އަންގައިލި ކަހަލައެވެ. ލަދުން ހަލާކުވާވަރު ވިއެވެ. ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. މިރާން ދެން ދައްކައިލީ އޭނާގެ ފޯނެވެ.
"ރުއާ ނުބުންޏަސް، އަހަންނަށް އެނގޭ ރުއާ އަހަންނަށް ފިލައިގެން ކަން ތިއުޅެނީ... ކޮލެޖަށްވެސް ނާންނަމެއްނު... ނަންބަރުވެސް ބްލޮކްކޮށްލާފަ..." މިރާން އަސަރާއިއެކު ބުނެލިއެވެ.
އަހަރެންގެ ހިތަށް ގޮތެއް ވެލައިގެން ދިޔައެވެ. ހީވީ ހިތުގައި ވަކި އެޅުނު ހެންނެވެ. އަހަރެންގެ މަގުސަދަކީ މިރާން ދެރަކުރުމެއް ނޫނެވެ. މިރާންގެ ކުރިމަތީގައި އުޅެންވެއްޖެނަމަ، އަހަރެންގެ ހިތް އޭގެ މަގާމުން ދޫވެދާނޭކަން އޭނާއަށް ވިސްނޭނެނަމައެވެ. މިރާންގެ ހިތުގެ އެދުން އަހަންނަށް ދުވަހަކުވެސް ފުރިހަމަކޮށެއް ނުދެވޭނެއެވެ. ވީއިރު، އަހަރެންގެ ސަބަބުން، ހިތާމަ ފިޔަވައި އިތުރު އެއްޗެއް މިރާންއަކަށް ނުލިބޭނެއެވެ. މިރާންއަށް އެންމެ ރަނގަޅުވާނީ އަހަރެން އޭނާއާއި ދުރުގައި އުޅުނިއްޔާއެވެ.
"އޭތް މިރާންގަނޑާ..." ފިޒާއަށް މިރާން ފެނުމުން، ހަލުވި ފިޔަވަޅުތަކެއްގައި އަހަރެމެން ތިބި ދިމާއަށް އައެވެ. "ކައުންޓަރު ދޫކޮށްލާފަ މިތާ ކީއްކުރަނީ ތި؟..."
ފިޒާ މިރާންގެ ބުރަކަށީގައި ނިކަން ބާރަށް ޖެހިއެވެ. މިރާން އަހަންނަށް އަވަސް ނަޒަރެއް ދިނެވެ. ހީވީ ފިޒާ ކުރީ އަހަރެންގެ ކުރިމަތީގައި ކޮށްގެން ނުވާނެ ކަހަލަ ކަމެއް ހެންނެވެ. މިރާން ހަމަޖެހިލަމުން އޭނާގެ އަތުގައި އޮތް ދެ ކޮތަޅު ދައްކައިލިއެވެ.
"ބޭޑް ބޯއީ..." ފިޒާ ބޯ ހޫރައިލިއެވެ.
އަހަރެން ހުރީ ސުވާލު އުފެދިފައެވެ. ފިޒާއަށް މިރާން އެނގެނީ ކިހިނެތް ހެއްޔެވެ؟ ފިޒާ ވާހަކަ ދެއްކިގޮތުން ދެމީހުންނަކީ ދެކެފަރިތަ ގާތް ދެމީހުން ކަން ކަށަވަރެވެ. މިރާން އަކީ އަންހެން ކުދިންގެ މެދުގައި ހަމަ އެހާ މަގުބޫލު މީހަކީ ހެއްޔެވެ؟ އެފަދަ ކަންކަމުން އަހަރެންގެ ހިތަށް ތަދުވަނީ ކީއްވެ ހެއްޔެވެ؟ މިރާން އާއި ވާހަކަ ދައްކަން ޖެހޭނެ ހަމައެކަނި މީހަކީ އަހަރެންކަމުގައި ހިތް ބުނަނީ ކީއްވެ ހެއްޔެވެ؟
ތިއްތާ، މީ މިރާން... މިރާން، މީ އަހަރެންގެ ތިއްތަ..." ފިޒާ އަހަރެމެން ތައާރަފުކޮށްދިނެވެ.
މިރާން އަހަންނަށް ބަލައިލާފައި ނިތް އަރުވައިލިއެވެ. އަހަރެން ހީކުރީ މިރާން އާއި ބެހޭ އިތުރު ތަފްސީލް ދޭނެ ކަމަށެވެ. އެކަމަކު ފިޒާ ފެށީ އެހެން ވާހަކައެކެވެ.
"އަހަރެންގެ ތިއްތަ ލޯތްބެއް ނޫންތަ؟..." ފިޒާ ދެން އަހައިލި ސުވާލަކުން އަހަރެން ހާސްވިއެވެ.
މިރާން އެ ސުވާލުގެ ޖަވާބުގައި ބުނާނީ ކީކޭބާއެވެ. ފިޒާއަކީ ތޫނުފިލި ކުއްޖެކެވެ. ބުނެވޭ އެންމެ ވާހަކައަކުންވެސް ކަންތައް ގޯސްވެދާނެއެވެ. އަހަރެމެން ދެމީހުން ކުރިއްސުރެ އެނގޭކަން ފިޒާއަށް އަންގާކަށް އަހަރެން ބޭނުމެއް ނޫނެވެ.
"ވަރަށް ލޯބި..." އަހަރެންގެ މޫނުން ނަޒަރު ވަކިކޮށްލުމެއްނެތި މިރާން ބުނެލިއެވެ. "މިހާ ލޯބި ކުއްޖެއް އަހަރެން އަދި ނުދެކެން..."
އަހަރެންގެ ދެފައިން ވާގިދިޔަ ކަހަލައެވެ. ދެކޯތާފަތް ރަތްވިހެން ހީވިއެވެ. ކަންފަތަށް އިވުނީ ރަނގަޅަށް ބާއޭ ހިތަށް އެރިއެވެ. މިރާން ބުނީ ތެދެއް ހެއްޔެވެ؟ ނޫނީ އެއީ ކޮށްލި ސަމާސާއެއް ހެއްޔެވެ؟
"ލޯތްބަކަސް ނުލިބޭނެ އިނގޭ..." ފިޒާ ހީގަތެވެ. "މިރާން ޑިއުޓީ ނިމުނީތަ؟... އެހާ އަވަހަށް ބަންގި ގޮވީ؟..."
އަތުކުރީގައި އޮތް ގަޑިއަށް ބަލައިލާފައި ފިޒާ ތެޅިފޮޅިގަތެވެ.
"އަޅެ، މާ ބޮޑަށް ލަސްވެއްޖެ... މިރާން ތީ މިހާރު ތީ ކަސްޓަމަރެއްނުދޯ... އަވަހަށް އާދޭ އަހަރެމެން ގަންނަ އެއްޗެހި ހިފައިދޭން..." ހަރުތަކާއި ދިމާއަށް ހިނގައިގަންނަމުން ފިޒާ ބުނެލިއެވެ.
މިރާން ދެކޮޅު ނުހެދުމުން ފިޒާގެ މޫނުން ފެނުނީ ހައިރާންކަމެވެ. އޭގެ ކުރިން މިރާން އެފަދަ ކަމަކަށް އެއްބަސްވެފައި ނުވާ ކަހަލައެވެ. އެ ދެމީހުންގެ ގާތްކަމުން އުނދަގޫވެގެން އަހަރެން ކުޑަކޮށް ފަހަތަށް ޖެހިލީމެވެ. މިރާންވެސް އަހަންނާއި އެއްވަރަށް ފަހަތަށް ޖެހިލިއެވެ.
"ރުއާ ކިހިނެތް؟..." މިރާން އަހައިލިއެވެ.
"އޯކޭ..." އަހަރެން ކުރު ޖަވާބަކުން ފުއްދައިލީމެވެ.
"ހީވަނީ ރުއާ ވަރަށް ހިކިއްޖެހެން..." މިރާން ވާހަކަ ދެއްކީ އަހަންނަށް ނުބަލާ ހުރެއެވެ. "މޫނުކޮޅު ވަރަށް ކުޑަވެއްޖެ... ކުރިން އިންނަ ކޯކޮޅެއްވެސް މިހާރު ނެތް..."
ބޭއިހުތިޔާރުގައި ދެކޮލުގައި އަތް ޖައްސައިލެވުނެވެ. މިރާން އަހަންނަށް ބަލާލާފައި ހިނިތުންވެލިއެވެ. އެ ހިނިތުންވުން ދެކިލުމަށް އަހަރެންގެ ދެލޯ ހާދަ އިންތިޒާރެއް ކޮށްފިއެވެ. ހިތުގެ ޒަހަމްތަކަށް ޝިފާ ލިބުނު ކަހަލައެވެ.
"ދެމީހުން ހާދަ ފަހަތުގަ..." ފިޒާ އައީ ބައިވަރު އެއްޗެހިތަކެއް ނަގައިގެންނެވެ. "ތިއްތަ ބޭނުން އެއްޗެއް ނެތީތަ ހަމަ؟..."
އަހަރެން ބޯ ޖަހައިލީމެވެ. ފިޒާ ހީލާފައި ކައުންޓަރާއި ދިމާއަށް ދިޔައެވެ. ގަންނަން ބޭނުންވި އެއްޗެއްސަށް އަގު ދައްކާފައި ތިން މީހުން ބޭރަށް ނުކުތީ އެކީގައެވެ. ހުރިހާ ކޮތަޅެއް ހިފައިގެން ހުރީ މިރާންއެވެ. ބައެއް ކޮތަޅު ދޭން އެދުމުންވެސް މިރާން އެކަމާއި ދެކޮޅު ހެދިއެވެ.
"މަތީބައި ބަންދުކޮށްފަ ހުރީމަ ބްލޭންކެޓެއްވެސް ނުގަނެވުނު... މިވީގޮތުން ހަވީރު އަދި އަންނަންޖެހޭނީ... ސައިކު ގެންގުޅޭ ކުއްޖެއްނު ތީ..." ފިޒާ މިރާންގެ އަތުގައި އެލިގަތެވެ. "ލިފްޓެއް ދެއްޗޭ..."
މިރާން ބަލައިލީ އަހަންނަށެވެ. އަހަރެންގެ ހުއްދައަކަށް އެދޭ ފަދައިންނެވެ. އަހަންނަށް ހުރެވުނީ ދެބުމަ ކައިރިކޮށްލައިގެން ކަން އެނގުނީ، އަހަންނަށް ބަލައިލި ވަގުތު މިރާންގެ މޫނުން ފެނުނު ކަންބޮޑުވުމުގެ އަސަރުންނެވެ. އަހަރެން އަވަސް އަވަހަށް މަގުމައްޗަށް ނަޒަރު ހުއްޓައިލީމެވެ. މިރާން ކުރާ ކަމަކާއި ހިތްހަމަނުޖެހެން އަހަރެން މީ ކާކު ހެއްޔެވެ؟ އަހަރެމެން ދެމީހުންގެ މެދުގައި އެއްވެސް ގުޅުމެއް ނެތެވެ. ނުވެސް އޮންނާނެއެވެ.
"ސައިކު ހަލާކުވެފަ..." މިރާން ބުނެލިއެވެ.
"ދޮގުހަދާ މީހާ... ހަމަ އަހަރެން ގޮވައިގެން އަންނަންޖެހޭތީ ހަދާ ދޮގު... ފޫހިވޭ..." ފިޒާ ތުން އަނބުރައިލިއެވެ.
އިންޒާރެއް ދިނުމެއްނެތި ވާރޭ ވެހެން ފެށީ، ފިހާރައިން ނުކުމެގެން ތަންކޮޅަކަށް ދިޔަ ތަނާއެވެ. ހިޔާވާން ވަންނާނެ ތަނެއް ނެތެވެ. މިރާން އޭނާގެ އަތުގައި އޮތް ކުޑަ ހުޅުވައިލުމުން، ފިޒާ ވަގުތުން މިރާން އާއި ކައިރިވެލިއެވެ. މިރާން ޖެހިލީ އަހަރެންގެ ކައިރިއަށެވެ. އަހަންނަށް ހިޔާވާނޭހެން ކުޑަ ހިފަހައްޓައިލިއިރު، އެތަނުގައި އެހެން މީހަކު ހުރިކަން އޭނާއަށް ނުވެސް އެނގޭ ކަހަލައެވެ. މިރާން ތެމެމުން ދިޔަ ނަމަވެސް އޭނާގެ ފަރުވާލެއް ނެތެވެ. ފިޒާއަށް ކޮންމެވެސް ކަމެއް ފާހަގަވެއްޖެކަން އެނގުނީ، އޭނާ އަހަރެމެން ދެމީހުންނަށް ބަލައިލި ގޮތުންނެވެ. އަހަރެން ހާސްވިއެވެ. އަވަހަށް ފިޒާގެ އަތުގައި ހިފައި ގެނެސް، ކުޑައިގެ ހިޔަލަށް ވެއްދީމެވެ.
"ގެއާ ހަމައަށް ދާންވާއިރަށް ތެމޭނެ..." ފިޒާ ކުދި ކިޔައިލިއެވެ. "ވާރޭވެސް މިގަޑީވިއްޔަ ވެހެން އެ ފެށީ..."
ގެއާއި ހަމައަށް ދެވުނުއިރު ތިން މީހުން ތެމި ފޯވެއްޖެއެވެ. އަހަރެމެންނާއިއެކު މިރާންވެސް ގެއަށް ވަނެވެ. އަހަރެން ހާސްވީ ޔާނިޝްއަށް މިރާން ފެނިދާނެތީއެވެ. އަވަހަށް ކުޑަ ލައްޕާފައި މިރާންގެ އަތަށް ދިނީމެވެ. އަހަރެން ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން އަރައިގެން މައްޗަށް ދިޔައީމެވެ. މިރާން އަހަރެންގެ ފަހަތުން އައިހެން ހީވިއެވެ.
ކޮޓަރިއަށް ވަދެ، ދޮރު ތަޅުލާފައި ބުރުގާ ބޭލީމެވެ. އިސްތަށިގަނޑު ނިއުޅައިލާފައި، އަތްފުނާ އަޅަމުން ފާހާނާ އާއި ދިމާއަށް ހިނގައިގަތީމެވެ. ތަޅުގައި ހިފައިލަން އަތް ދިއްކޮށްލި ތަނާ، ކޮންމެވެސް މީހަކު ފާހާނާގެ ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރީ ޔާނިޝްއެވެ. އޭނާ ހުރީ ހަމައެކަނި ތުވާލިކޮޅުގައެވެ. މުޅި ތަނުގައި ހިފައިލީ، ސައިބޯނީގެ މީރުވަހެވެ. ޔާނިޝްގެ ތެމިފައިވާ އިސްތަށިގަނޑުން ފެންތިކިތައް ތިރިއަށް ފައިބަމުން ދިޔައެވެ. އެ އޮމާން ހަށިގަނޑުގައި ބީހިލާފައި ގޮސް، އުނަގަނޑުގައި އޮޅާލާފައި އޮތް ތުވާއްޔަށް ހިނދެމުން ދިޔައެވެ. ނުބަލަން އުޅުނަސް، އެ ފުރިހަމަ ހަށިގަނޑަށް އަހަރެންގެ ނަޒަރު ދަތުރުކޮށްލިއެވެ. މޫނުން ފެށިގެން ތުވާއްޔާއި ހަމައަށެވެ.
(ނުނިމޭ)