03 Sep 2022, 11:56
ކޮލަންބޯ (3 ސެޕްޓެމްބަރު 2022): މިދިޔަ ޖުލައިމަހު ސްރީލަންކާގެ ރައްޔިތުން މަގުތަކަށް ނުކުމެ އުތުރިއަރައިގަތުމާއެކު ސްރީލަންކާގެ ރިޔާސީ އޮފީހާއި ރިޔާސީ ގަނޑުވަރު އާންމުންގެ އަތްދަށަށް ދިޔުމުން ސިފައިންގެ މަރުކަޒަކަމަށް ވަޑައިގެން އެތާގައި ހުންނެވުމަށްފަހު ގައުމުން ފިއްލެވި އެގައުމުގެ ކުރީގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ރޭގެ ވަގުތެއްގައި އެނބުރި ސްރީލަންކާއަށް ވަޑައިގެންފިއެވެ.
ސްރީލަންކާގެ ނޫސްތައް ބުނާގޮތުން ގޮތަބަޔަ އެނބުރި ގައުމަށް ވަޑައިގަތީ ސްރީލަންކާގެ މިހާރުގެ ސަރުކާރުން އޭނާއަށް ރައްކާތެރިކަމާއި ހިމާޔަތް ދޭނެކަމުގެ ފުރިހަމަ ޔަގީންކަން ލިބިވަޑައިގަތުމުންނެވެ. މިކަމާބެހޭ ގޮތުން ގޮތަބަޔަ އާއި ސްރީލަންކާ ސަރުކާރު މަޝްވަރާކުރުމަށްފަހު ކުރީގެ ރައީސުންނަށް ލިބިދޭ ރައްކާތެރިކަމާއި ހިމާޔަތް ދޭނެކަމުގެ ގެރެންޓީ ސްރީލަންކާގެ ސަރުކާރުން ގޮތަބަޔައަށް ވަނީ ދީފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސްރީލަންކާ ސަރުކާރުގެ ބައެއް ވަޒީރުންވެސް ގޮތަބަޔަ އެނބުރި ގައުމަށް ވަޑައިގެންނެވިއިރު އޭނާއާ އިސްތިގްބާލު ކުރުމަށް އެއާޕޯޓަށް ވަޑައިގެން ތިއްބެވިއެވެ.
ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ދޭންޖެހޭ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ގޮތަބަޔަ އަށް ދިނުމަށް، ސްރީލަންކާގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޝަނުން އެގައުމުގެ ސަރުކާރުގެ ކިބައިންވަނީ ރަސްމީ ސިފައެއްގައި އެދިފައެވެ. އެ ކޮމިޝަނުން ސްރީލަންކާ ސަރުކާރަށް އަންގާފައިވާގޮތުގައި ގޮތަބަޔަ މަގާމުން އިސްތިއުފާ ދެއްވީ ބިރުދެއްކުމުގެ ސަބަބުން މަޖުބޫރީ ހާލަތެއްގައި ކަމުގެ ޝަކުވާތަކެއް އެ ކޮމިޝަނަށް ވަނީ ލިބިފައެވެ.
އެކަން ބަލަމުން ގެންދާކަން ނުވަތަ ނޫންކަން އެކޮމިޝަނުން ހާމައެއް ނުކުރެއެވެ. ނަމަވެސް އެކޮމިޝަނުން ބުނެފައިވާގޮތުގައި ގޮތަބަޔައާ ދެކޮޅަށް ރައްޔިތުން އުތުރިއަރައި މުޒާހަރާތައް ހިނގި ދުވަސްވަރު، ސްރީލަންކާގެ ސަލާމަތީ ބާރުތަކުން ރައީސެއްގެ ހައިސިއްޔަތުން ގޮތަބަޔައަށް ދޭންޖެހޭ ގާނޫނީ ހިމާޔަތާއި ރައްކާތެރިކަން އެކަށީގެންވާ ގޮތެއްގައި ދީފައެއް ނުވެއެވެ. އަދި އެކަމުގައި ސްރީލަންކާގެ ކަމާބެހޭ މުއައްސަސާތައްވަނީ ފެއިލްވެފައެވެ.
ސްރީލަންކާގެ ރައްޔިތުން މަގުތަކަށް ނުކުމެ ގޮތަބަޔަ އާ ދެކޮޅަށް އުތުރިއަރައި އޭނާގެ ވެރިކަން ވައްޓާލުމަށް ގޮވާލައި ރިޔާސީ ގަނޑުވަރާއި ރިޔާސީ އޮފީހަށް ވަދެގަތީ ގޮތަބަޔަގެ ވެރިކަމުގައި ސްރީލަންކާ އިގްތިސާދީ ގޮތުން އިނދަޖެހުމާ ގުޅިގެންނެވެ. ރައްޔިތުން ބަނޑަށްޖެހި ރައްޔިތުންނަށް ފޯރުކޮށްދޭނެޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައާއި ވެރިކަމުގެ ޒިންމާތައް އަދާކުރުމުގައި ގޮތަބަޔަ އާއި އޭނާގެ ސަރުކާރު މުޅިން ފޭލްވުމުގެ ސަބަބުންނެވެ.
ސްރީލަންކާއިން ފިއްލަވައިގެން ގޮތަބަޔަ އާއި އޭނާގެ އަނބިކަނބަލުން ފުރަތަމަ ވަޑައިގަތީ ރާއްޖެއަށެވެ. ރާއްޖޭގައި އެއްދުވަހު ހުންނެވުމަށް ފަހު އޭނާ ވަޑައިގެންނެވީ ސިންގަޕޫރަށެވެ. ގޮތަބަޔަ މަގާމުން އިސްތިއުފާ ދެއްވީ ސިންގަޕޫރުގައި ހުންނަވައިގެންނެވެ. ސިންގަޕޫރުގައި މަހެއްހާ ދުވަހު ހުންނެވުމަށްފަހު 90 ދުވަހުގެ ވިސާއެއްގައި ދެން ގޮތަބަޔަ ވަޑައިގަތީ ތައިލެންޑްގެ ވެރިރަށް ބެންކޮކަށެވެ. ގޮތަބަޔަ ރޭ އެނބުރި ގައުމަށް ވަޑައިގަތީ ބެންކޮކުންނެވެ.