03 Sep 2022, 00:45
ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލަނީ ގާނޫނު ތަންފީޒު ކުރާ މީހެއް ކަމަށް ގަބޫލުކުރެއްވޭތީ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
'ސަންގުޓީވީ'އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އިންޑިއާ އައުޓް ހަރަކާތް މަޑުޖެހިފައިވާ ސަބަބު ކިޔައިދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެ ހަރަކާތް މަޑުޖެހިފައިވަނީ އިންޑިއާ އައުޓް ކެންޕޭނާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނެރުއްވި ގަރާރު އޮތުމާއެކު އިތުރު ހަމަނުޖެހުމަކަށް ދާން ބޭނުން ނުވާތީ ކަމަށެވެ.
"އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ދާނެ. އެކަމަކު އަޅުގަނޑު ރަށްރަށަށް ދަތުރުކުރުމާ އެކަންކަމުގައި އަޅުގަނޑު އުޅެން ބޭނުން ނުވަނީ އަޅުގަނޑަކީ ގާނޫނާ އެއްގޮތަށް މަސައްކަތް ކުރަން ބޭނުންވާ މީހެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސް ކަމަށް ކުރިމަތިލާ މީހަކު، ގާނޫނާ ޚިލާފަށް މަސައްކަތް ކުރަން ނުކުތުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ އިންތިޚާބާ ހަމައަށް ރައްޔިތުން ދަނީ ވަރަށް ބޮޑަށް ނާއުއްމީދުވެ ތިބެގެން ކަމަށެވެ. އަދި އިންޑިއާ އައުޓް ހަރަކާތާ ދެކޮޅަށް ރައީސް ގަރާރު ނެރުއްވީ ގާނޫނާ ޚިލާފަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާ އައުޓް ހަރަކާތް ހިންގުމުން އެ ގަރާރުގައި ބުނާ ކަންކަން ފުލުހުން ތަންފީޒު ކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެއީ ގާނޫނާ ޚިލާފު ގަރާރެއް ނަމަވެސް މުޒާހަރާއެއް ކުރަން ނުވަތަ ރައްޔިތުން އަޑުއުފުލަން ނުކުތުމުން ފުލުހުން ރައްޔިތުންނާ މެދު ކަންތައް ކުރާގޮތް ފެންނަ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"ވަރަށް އަނިޔާވެރިކޮށް ހާލަތާ ނުބައްދަލު ފޯސް ބޭނުން އެކުރަނީ. އިންޑިއާ ހަރަކާތުގެ އިސްވެހުރެ އަޅުގަނޑު ރަށްރަށަށް ގޮސް މި ޒިޔާރަތް ކުރަނީ. އަޅުގަނޑުމެން ދިޔައިމަ ފުލުހުންނަށް މަޖުބޫރުވާނެ އަޅުގަނޑުމެން ކައިރީގަ ބުނަން ރައީސްގެ ގަރާރު އޮތީމަ ތި ހަރަކާތެއް ނުހިންގޭނެއޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސަކަށް އެކަހަލަ ގަރާރެއް ނުނެރެވޭނެ ކަމަށެވެ. އެގޮތުން ގާނޫނީ އަމުރު ހިންގާ ގަރާރެއް ނުވަތަ ގަވައިދެއް ރައީސަކަށް ނުހެއްދެވޭނެ ކަމަށާއި ގާނޫނަކުން އެކަމަށް ޖާގަ ނުދޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވާއިރު ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑު ކުރެވިދާނެ ކަމަށެވެ. ނުވަތަ ގާނޫނީ ބައެއް ބާރު ލިބޭ ބައެއްކަހަލަ އަމުރު ކުރެވިދާނެ ކަމަށެވެ. ނަމަވެސް އާންމު ހާލަތެއްގައި ރައްޔިތުން އެ އަމުރެއްގެ މައްޗަށް ތަބާވާންޖެހޭ އަމުރުތަކާއި ގަވާއިދުތައް ހަދަނީ ގާނޫނު ހަދައިގެން ގާނޫނުން ބާރުލިބިދޭ ގަވާއިދުތަކުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އޭޕްރީލް މަހުގެ 21ގައި ރައީސް ސޮއި ކުރައްވައި ނެރުއްވި "އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން" ގަރާރުގައި ވަނީ އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވާ ކަމަށެވެ.
ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމެއް ކަމަށާއި އޭގެ ސަބަބުން ގައުމަށް ނުރައްކާ އޮތް ކަމަށް ގަރާރުގައިވެއެވެ.
އަދި "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމާންކަމާއި ހަމަޖެހުން ގެއްލި، އިގުތިސާދަށާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހި ދާނެ ކަމަށް ގަރާރުގައިވެއެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އެކަހެރިވުމުގެ ބިރު އޮތް ކަމަށް ވެސް ގަރާރުގައިވެއެވެ.