03 Sep 2022, 00:20
މިނީ ބަހުގެ ޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މާފަންނު ދަނޑު އޮންނަ ސަރަހައްދުގައި 335 ސައިކަލުގެ ޕާކިން ޒޯނެއް ހަދައިފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕާކިން ޒޯނަކީ މިނީ ބަހުގެ އޮޕަރޭޝަން ފެށުމަށްޓަކައި މަގުތަކުގައި ޖާގަ އިތުރު ކުރުމަށް ހަދާފައިވާ ޕާކިން ޒޯނެއް ކަމަށެވެ.
މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކައި ބައެއް ސަރައްދުތަކުގައި ޕާކު ކުރުން ވަނީ މަނާކޮށްފައެވެ. އެގޮތުން އަމީނީ މަގާއި އޯކިޑް މަގާއި ފަރީދީ މަގުގެ އިތުރުން މަޖީދީ މަގުގައި ޕާކް ކުރުން ވަނީ މަނާ ކޮށްފައެވެ.

މިނީ ބަހުގެ ޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މާފަންނު ދަނޑު ހުންނަ ސަރަހައްދުގައި ހަދާފައިވާ ޕާކިން ޒޯން--- ފޮޓޯ/ ޑރ. މުޙައްމަދު މުއިއްޒު ޓްވިޓާ
މާލޭގައި މިނީ ބަހުގެ ޚިދުމަތް އަންނަ ހޯމަ ދުވަހު ފަށާނެކަން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ހާމަކުރައްވާފައެވެ.
އާޒިމް ވިދާޅުވީ ފުރަތަމަ ދެ ހަފުތާގައި ބާއްވާނީ މިނީ ބަހުގެ ޓެސްޓު ދަތުރުތައް ކަމަށާއި އެ ދަތުރުތައް ހިލޭ ކުރެވޭނެ ކަމަށެވެ. އެއަށް ފަހު ދަތުރަކަށް ނަގާނީ ހަތް ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ތިން އަހަރުން ދަށުގެ ކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށާއި ޔުނިފޯމްގައި ތިބޭ ސްކޫލް ކުދިންނަށް ހިލޭ ދަތުރު ކުރެވޭނެއެވެ.
މާލޭގައި 18 މިނީ ބަސް ބޭނުންކުރަން ހަމަޖެހިފައިވާ އިރު އޭގެ ތެރެއިން ކޮންމެ ބަހެއްގައި 20 ސީޓު ހުންނާނެއެވެ. އަދި ބައެއް ބަސްތަކުގައި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަ ހުންނާނެއެވެ.
އެ ބަސްތައް ދަތުރުކުރާނީ މަޖީދީ މަގާއި އޯކިޑް މަގާއި އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުންނެވެ. އަދި ބަސް ދަތުރުތައް ފަތިހު 5:45އިން ދަންވަރު 12:15އާ ހަމައަށް އޮންނަ އިރު، ކޮންމެ 10 މިނެޓަކުން ކޮންމެ ސްޓޮޕަކަށް ބަސް މަޑުކުރާނެއެވެ.