ރޭޑިއޯ އާއި ޓީވީ ފްރިކުއެންސީ ދޫކުރުމުގެ ބީލަމުގައި ބައިވެރިވާން މިހާތަނަށް 17 ފަރާތަކުން ބީލަން ފޮތް ގަނެފައިވާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ]އެމްބީސީ[ އިން ބުނެފި އެވ

ނަމަވެސް އެ 17 ބީލަން ފޮތުގެ ތެރެއިން ރޭޑިއޯ ފްރީކުއަންސީ އަށް އެދި ގަނެފައި ވަނީ ކިތައް ބީލަން ފޮތް ކަމެއް އަދި ޓީވީ ފްރިކުއަންސީ އަށް އެދި ގަތީ ކިތައް ފޮތްކަމެއް ނާސިހް ވިދާޅެއްނުވެ އެވެ. އޭގެ އިތުރުން ބީލަން ފޮތްތައް ގަތް ފަރާތްތަކުގެ ނަންތަކެއް ވެސް އެ ކޮމިޝަނަކުން އަދި އާންމެއް ނުކުރެ އެވެ.

އެ ކޮމިޝަނުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ނާސިހު ވިދާޅުވީ ރޭޑިއޯ އާއި ޓީވީ ފްރިކުއެންސީ ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.

"އެ ދުވަހު ހުރިހާ ބީލަންތައް ހުޅުވާފައި އެ ދުވަހު އިވެލިއޭޓް ކުރާނީ. އިވެލިއޭޓް ކުރުމަށް ފަހު ކޮމިޝަނަށް ހުށައަޅާ އެ ފަރާތްތައް އަޅުގަނޑުމެން އިއުލާން ކުރާނަން،" ނާސިހު ވިދާޅުވި އެވެ.

ފްރިކުއެންސީ ދޫކުރުމާ ބެހޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ދިވެހި ރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ޕްރީ ބިޑް މީޓިންގައި ރާއްޖޭގައި ޓީވީ އާއި ރޭޑިއޯގެ ޚިދުމަތްތައް ފޯރުކޮށްދޭ ޗެނެލްތަކުން ބައިވެރިވި އެވެ. އެ ފަރާތްތަކުން އެކޮމިޝަނާ ކުރެއްވި ސުވާލުތަކަށް ކޮމިޝަނުން ޖާވަބު ދެއްވާފައިވާ ކަމަށް ވެސް ނާސިހު ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނި ގޮތުގައި ޓީވީ ފްރިކުއެންސީގެ ބީލަން ފެށޭ އަގަކީ 100،000ރ. އެވެ. އަދި ރޭޑިއޯ ފްރިކުއެންސީ ފެށޭ އަގަކީ 50،000ރ. އެވެ.

އެ ކޮމިޝަނުން މިފަހަރު ބީލަމަށް ލާފައި ވަނީ ތިން ޓީވީ ޕްރިކުއެންސީއާއި ރޭޑީއޯގެ ހަތަރު ފްރިކުއެންސީ އެވެ.

ބީލަންތަކުގައި ބައިވެރިވެވޭނެ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ބްރޯޑްކާސްޓް ކުރުމާ ބެހޭ ގަވާއިދުގައި ކަނޑައެޅިފައިވާ އިރު މިހާރު ވެސް މުޅި ރާއްޖެ އަށް ބްރޯޑްކާސްޓް ކުރުމުގެ ފްރީކްއެންސީއެއް ލިބިފައިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިނުވެވޭނެ އެވެ. އަދި އަލަށް ދޫކުރާ ފްރީކްއެންސީތައް ބީލަމުން ކާމިޔާބު ކުރާ ފަރާތަކަށް ރާއްޖޭގެ ވަކި ސަރަހައްދަކަށް ބްރޯޑްކާސްޓްކުރުމަށް ފްރީކުއެންސީއެއް ލިބިފައިވާ ނަމަ އެ ފްރީކުއެންސީ ދޫކޮށްލަން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މުޅި ރާއްޖެ އަށް ޓީވީ އާއި ރޭޑިއޯގެ ހިދުމަތް ދިނުމަށް ފްރީކުއެންސީތަކެއްގެ ބީލަން މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނުން ހުޅުވާލާފައި ވަނީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.