02 Sep 2022, 14:34
ހއ. އިހަވަންދޫ ގެއެއްގައި އަލިފާން ރޯވެ، އެއް ކޮޓަރި ބޭނުން ނުކުރެވޭވަރަށް އަނދައިފިއެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ޞަބާހް "ސަން"އަށް މިއަދު ވިދާޅުވީ ނަލައައްސޭރި ގޭގެ އެޕާޓްމަންޓުގައި އަލިފާން ރޯވީ މިއަދު 11:30 ހާއިރުކަމަށެވެ. އަދި ރަށުގެ ރައްޔިތުންނާއި ކައުންސިލް އަދި އިހަވަންދޫ ފުލުހުން ގުޅިގެން ކުރި މަސައްކަތުން ގަޑިއެއްހާއިރު ތެރޭ އަލިފާންގަނޑު ނިވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
"އެކަމަކު އެ ކޮޓަރި ހަމަ އެއްގޮތަކަށް ވެސް ބޭނުން ނުކުރެވޭވަރަށް އަދާފަ ވަނީ. ފުރާޅާ ފާރުތަށް ވެސް ހަމައެއްކޮށް ގޮއްސަ،" އޭނާ ވިދާޅުވިއެވެ.

އިހަވަންދޫގައި އަލިފާން ރޯވި އެޕާޓްމަންޓް -- ފޮޓޯ/ އިހަވަންދޫ ކައުންސިލް
އޭނާ ވިދާޅުވީ އެ ގޭގައި ތިން ކޮޓަރި ހުންނައިރު އަލިފާން ރޯވެފައިވަނީ ގުދަނެއް ގޮތަށް ބޭނުން ކުރަމުން ދިޔަ ކޮޓަރީގައި ކަމަށެވެ. އަނެއް ދެ ކޮޓަރިއަށް މާ ބޮޑު ގެއްލުމެއް ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެތާ ހުރީ ލަކުނޑި ފިލާ ކަހަލަ ސާމާނުތަކެއް،" އޭނާ ވިދާޅުވިއެވެ.
ޞަބާހް ވިދާޅުވީ އަލިފާން ރޯވާން ދިމާވި ސަބަބު އަދި ދެނެގަނެވިފައި ނުވާކަމަށެވެ. އަދި ލަފާކުރެވޭ ގޮތުގައި އެ ހާދިސާގެ ސަބަބުން އަށް ލައްކަ ރުފިޔާގެ ގެއްލުން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.