މެނީލާ (މާޗް 31): އާސިޔާންގެ ޤައުމުތަކުގެ އިޤްތިސާދު މިއަހަރު ތެރޭގައި 5.2 ޕަސެންޓްގެ ނިސްބަތަކުން ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭޝިޔަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ބުނެފި އެވެ.

ވިއެޓްނާމްގެ ވެރިރަށް ނޮމްޕެންގައި ވާހަކަ ދައްކަވަމުން އޭޝިޔަން ޑިވެލޮޕްމެންޓް ބޭންކްގެ ވެރިޔާ ހެރޫ ހީކޫ ކޫޑާ ވިދާޅުވީ އެ ޤައުމުތައް މިދިޔަ އަހަރު ކުރިއަރާފައި ވަނީ 4.6 ޕަސެންޓްގެ ރޭޓެއްގައި ކަމަށާއި އެއަށް ވުރެ މައްޗަށްޖެހި މި އަހަރުތެރޭގައި 5.2 ޕަސެންޓްގެ ރޭޓުގައި އެ ޤައުމުތައް ކުރިއަރާނެ ކަމުގަ އެވެ.

އާސިޔާންގެ ޤައުމުތަކުގެ ތެރޭން އިޤްތިސާދީ ގޮތުން އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ޤައުމަކީ ވިއެޓްނާމް ކަމަށާއި ވިއެޓްނާމްގެ އުފެއްދުންތެރިކަން ވަރަށް ވަރުގަދަ އަސާސެއްގައި ހަލުއިމިނެއްގައި ކުރިއަރަމުން އަންނަ ކަމަށް ބައިނަލްއަޤްވާމީ އިޤްތިސާދީ ރިޕޯޓްތައް ބުނެ އެވެ.

ނޮންޕެންގައި މިހާރު ކުރިޔަށްދާ އާސިޔާންގެ މާލީ ވަޒީރުންގެ ފޯރަމެއްގައި ވާހަކަ ދައްކަވަމުން އޭޝިޔަން ޑިވެލޮޕްމެންޓް ބޭންކްގެ ވެރިޔާ އާސިޔާންގެ ޤައުމުތަކަށް ގޮވާލެއްވީ ޔޫރަޕްގެ އުފެއްދުންތައް އެތެރެކުރުން ކުޑަކޮށް އޭގެ ބަދަލުގައި އަމިއްލަ އުފެއްދުންތައް އިތުރުކުރުމަށެވެ. އަދި ކުރިއެރުމަށް ހުޅަނގަށް ބަރޯސާވުމުގެ ޒަމާން ފާއިތުވެއްޖެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާސިޔާންގައި ހިމެނޭ އިންޑޮނީޝީޔާއަކީ ދުނިޔޭގެ ފެންވަރުގައި އިޤްތިސާދީ ކުރިއެރުންތައް ހަލުއި ސުޕީޑެއްގައި ޙާސިލްކުރަމުން އަންނަ ޤައުމެކެވެ. އަދި ތައިލެންޑްގެ އިޤްތިސާދަށް ވެސް މަޑުޖެހުމަށް އައުމަށް ފަހު މިހާރުދަނީ ކުރިއަށް ކަމަށް އިޤްތިސާދީ ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)