ސޯޝަލް މީޑިގައި އަމިއްލަ ބަރަހަނާ ވީޑިއޯ އާންމު ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގ. ކަމަރާގެ، މުހައްމަދު ނަބީލު (ޔާޔާ ނަބީލް)، 36، ގެ ފުށުން މުޖުތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ބުނެ އޭނާގެ ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލައިފިއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް އިސްލާމްދީނާ ހިލާފް ކޮންޓެންޓް ފަތުރާ ކަމަށް ތުހުމަތުކޮށް ޔާޔާ ނަބީލް ދެވަނަ ފަހަރަށް ހައްޔަރު ކޮށްފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ގާޒީ އަލީ ނަދީމް ވަނީ ޔާޔާ ނަބީލް ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ.

ބަންދުން ދޫކޮށްލި ސަބަބެއް ކަމަށް ބުނެފައިވަނީ ޔާޔާ ނަބީލްގެ ފަރާތުން މުޖުތަމައުގެ އެހެން ފަރާތަކަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ނެތުމުން ކަމަށެވެ. އޭނާގެ ފަރާތުން މީހަކަށް ގެއްލުމެއް ލިބިފައިނުވާތީ ބަންދުން ދޫކޮށްލިޔަސް މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ބަންދުގައި ހުރިއިރު ޔާޔާ ނަބީލްގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ނުލިބޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފޯނުގެ ލޮކް ކޯޑު ދިނުމަށް އިންކާރު ވެސް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ފިލާފާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް ފޯނުގެ ލޮކް ކޯޑު ނުދިނުމާ ތަހުގީގަށް ފިލުމާ އެއީ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ ބުނެފައެވެ.

ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމަށް ފުލުހުން އެދުނު އަނެއް ސަބަބަކީ ޔާޔާ ނަބީލްގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލް އޮތްކަމަށް ބުނެއެވެ.

އެ މައްސަލައިގައި ހެކިންގެ ގޮތުގައި ތިބީ ޔާޔާ ނަބީލްގެ އާއިލާ މީހުންނާއި ސޯޝަލް މީޑިއާގައި އޭނާގެ ލައިވް ބަލާ މީހުން ކަން އެނގެން އޮވެއެވެ. ނަމަވެސް ޔާޔާ ނަބީލް އަކީ އޭނާގެ އާއިލާ މީހުނަށް ނުފޫޒު ފޯރުވޭ ފަދަ މަގާމެއްގައި ހުރި މީހެއްކަން ފުލުހުންނަކަށް ބުނެނުދެވުނެވެ. އަދި ލައިވް ވިޑިއޯތައް ބަލަނީ ކޮންބައެއްކަން އޭނާއަށް ނޭންގޭތީ, ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލް އޮތްކަމަށް ނުބެލެވޭ ކަމަށް ގާޒީ ވަނީ ނިންމާފައެވެ.

މިއީ އޭނާ މިފަދަ މައްސަލައެއްގައި ހައްޔަރު ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން ހައްޔަރުކޮށް ބަންދުގެ މުއްދަތުވެސް ޖެހިއެވެ. އެ ފަހަރު ދޫކޮށްލީ ޝަރުތުތަކަކާއެކުއެވެ.