ބާސެލޯނާގެ ޒުވާން ފުލްބެކް ސާޖީނިއޯ ޑެސްޓު އޭސީ މިލާނަށް ބަދަލުވާން އެއްބަސްވިއިރު އާސެނަލްގެ ފުލްބެކް ހެކްޓާ ބެލެރިން އެނބުރި ބާސާއަށް އައުމަށް އެއްބަސްވެއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޑެސްޓު އޭސީ މިލާނަށް ބަދަލުވަނީ 2027 ގެ ނިޔަލަށް ލޯނު އުސޫލުންނެވެ. ނަމަވެސް އޭސީ މިލާނުން ބޭނުންނަމަ އެ މުއްދަތު ހަމަވުމުން އޭނާ އެ ޓީމުގައި ދާއިމީ ކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

ޑެސްޓަކީ 2020 ވަނަ އަހަރު 21 މިލިއަން ޔޫރޯއަށް އަޔެކްސް ދޫކޮށް ބާސާއާ ގުޅުނު ކުޅުންތެރިއެކެވެ. އޭނާ ބާސާއަށް ބަދަލުވެ 51 މެޗު ކުޅެދީ ދެ ގޯލު އެ ޓީމަށް ވަނީ ޖަހައިދީފައެވެ.

ބާސާއަށް ބަދަލުވާ ބެލެރިން އަކީ 2003 ވަނަ އަހަރުން 2011 ވަނަ އަހަރު ބާސާގެ ޔޫތު އެކެޑެމީން ތަމްރީނު ހޯދައިފައިވާ ކުޅުންތެރިއެކެވެ. އޭނާ މިވަގުތު އާސެނަލްގެ ކޮންޓްރެކްޓެއްގައި ހުރި ނަމަވެސް އޭނާ ލޯނު އުސޫލުން ނިމިދިޔަ ސީޒަންގައި ކުޅެފައިވަނީ ރެއަލް ބެޓިސްއަށެވެ.

ބެލެރިން ބާސާއާ ގުޅެނީ އެއް އަހަރު ދުވަހުގެ މުއްދަކަށެވެ. މިވަގުތު އާސެނަލްއާއި ބާސާއިން އޭނާގެ ކޮންޓްރެކްޓްުގެ ކަންކަން ކުރިއަށް ގެންދާކަމަށާއި މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި ބާސާއާއެކު އޭނާ ސޮއި ކުރާނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.