އެކާވީސް ވަނަ ގަރުނަށް ފެތޭ އަދި ނަތީޖާ ނެރޭ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ވުމަކީ ކުރެވޭ އުއްމީދެއް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން ބޭއްވި، މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ޖަލްސާގައި ހަމީދު ވިދާޅުވީ ފުލުހުންގެ ޚިދުމަތަށް އަންނަމުންދާ ރަނގަޅު ބަދަލުތަކާއެކު ރައްޔިތުންގެ އިތުބާރު ލިބޭނެ މުއައްސަސާއަަކަށް އެ ހެދުމަށް ކުރެވެމުންދާ މަސައްކަތްތައް ކާމިޔާބުވުމަކީ އުއްމީދެއް ކަމަށެވެ.

މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތައް ހުއްޓުވައި ރައްޔިތުންނަށް އަމާން މުޖުތަމައެއް ގާއިމުކޮށްދިނުމަށް ކެނޑިނޭޅި ރެއާ ދުވާލު ކުރެވެމުންދާ މަސައްކަތްތައް އިހުނަށްވުރެ ފުޅާކޮށް މިއަދުގެ ކުށުގެ ވެށި ދައްކުވައިދޭ މަންޒަރުތަކަށް ފުރިހަމައަށް ހަރަކާތްތެރިވެވޭނެ ފުލުހުންނާއި ވަސީލަތްތައް ހުރި ތަނަކަށް ފުލުހުންގެ މުއައްސަސާ ވުމަކީ ވެސް އުންމީދެއް ކަމަށް ހަމީދު ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

"މިނިވަން މުއައްސަސާތަކަށް ޖަވާބުދާރީވެ ފަރުދުންގެ ހައްގުތަކާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އިންތިޒާމުތަކާއެކު، ކުށްކުރުން ހުއްޓުވުމާއި ކުށްކުރާ ފަރާތްތަކުގެ މައްސަލަތައް ހައްލުކުރެވި ދައުވާކުރެވޭނެ މިންވަރަށް ތަހުގީގާ ގުޅޭ އެންމެހައި ކަންކަން ފުރިހަމަވުމަށް ވެސް އުއްމީދު ކުރަން،" އޭނާ ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ މުއަސަސާ ވަކި މުއަސަސާއަކަށް ބަދަލުވުމާ ގުޅިގެން އެންމެންގެ ސަމާލުކަން ލިބިގެންދިޔަ އެއްކަމަކީ ފުލުހުން އަޅާ ޔުނީފޯމާއި ފުލުހުންގެ ދިދައާއި ފުލުހުން އެކިއެކި ކަންކަމުގައި ބޭނުންކުރާ އުޅަނދުތައް ކަމަށެވެ.

އެ ބަދަލަކީ ސިފައިންގެ ފެހި ކުލައިން ފުލުހުންގެ ނޫ ކުލައަށް ބަދަލުވި ބަދަލުވުން އެކަނި ނޫންކަމަށާއި ވަކި މުއަސަސާއަކަށް ފުލުހުންގެ މުއަސަސާ ހެދުމުން ރައްޔިތުންގެ އިހުސާސްތައް ދެނެގަނެގެން ރައްޔިތުންގެ ބޭނުންތަކަށް ފޯރުކޮށްދެވޭ ޚިދުމަތެއްގެ ގޮތުގައި ދެމިއޮތުމަށް ހިތްވަރު ލިބޭ ކަމަށް ހަމީދު ވިދާޅުވިއެވެ.

ވޭތުވެދިޔަ 18 އަހަރުގައި ފުލުހުންނަށް އައިސްފައިވާ ބޮޑު ބަދަލާއެކު ފުލުހުންނާ މެދު ރައްޔިތުން ދެކެމުން އައި ގޮތް ބަދަލުވެފައިވާ ކަމަށާއި ފުލުހުންނާ މެދު ކުރެވޭ އިތުބާރު އިތުރުކުރުމަށް ގިނަ އާ ކަންތައްތަކެއް ކުރުމަށް ކަނޑައެޅިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

"ފުލުހުންނާ މެދު ކުރެވޭ ޝަކުވާތައް ބަލައި އެފަދަ މައްސަލަތައް ހައްލުކޮށް ރައްޔިތުން އެދޭ ގޮތަށް ފުލުހުންގެ ޚިދުމަތް ދިނުމަށް މިސްރާބު ބަދަލުކުރުމަށް ފުލުހުންގެ ގާނޫނުގައި ގިނަ އާ ކަންތައްތަކެއް ވަނީ ތައާރަފު ކުރެވިފަ. އަދި ފުލުހުންގެ ޚިދުމަތުން މިސްރާބު ހިފާފައިވަނީ މި ނަތީޖާތައް ހާސިލުކުރުމަށް ކަމަށް،" ހަމީދު ވިދާޅުވިއެވެ.

ހަމީދު ވަނީ ފުލުހުންނަށް ރައްޔިތުންގެ ކިބައިން އިތުބާރާއި ޔަގީންކަން ހޯދުމަށް ފުލުހުން ކުރާ މަސައްކަތްތައް ވަރުބަލިކަމާއި މަޑުޖެހުމެއްނެތި ތަރުތީބުގެ ތެރެއިން ރާވައި، ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ބޮޑަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުން ފުޅާކުރެއްވުމަށް އޭނާ ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން 2004 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ފުލުހުންގެ ޚިދުމަތް ތަރައްގީވެފައިވާއިރު އެ ތަރައްގީގައި މިހާތަނަށް ފުލުހުންގެ މުއައްސަސާގައި ޚިދުމަތްކުރެއްވި ވެރިންނާއި މުވައްޒަފުން ފޯރުކޮށްދީފައިވާ ޚިދުމަތްތައް ހަނދާންކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، ފުލުހުންގެ ޚިދުމަތުގައި އިސްކޮށް ހަރަކާތްތެރިވި ވެރިންނަށާއި އެކި ރޭންކުގެ ފުލުހުންނާއި މުވައްޒަފުންނަށް ސީޕީ ހަމީދު ވަނީ ޝުކުރުއަދާކުރައްވާފައެވެ.