01 Sep 2022, 22:28
އެމްޓީސީސީ ނޯތްލީގުގެ ފުރަތަމަ ޑިވިޝަނަށް ދިއުމަށް ދުވާފަރު ސްޕޯޓްސް ކްލަބުން ކުރަމުންއައި އުންމީދުތައް ގެއްލި މުބާރާތުން އެ ޓީމް ކަޓައިފިއެވެ.
އަލިފުށީ ސްޓޭޑިއަމްގައި މިއަދު ހަވީރު، އުނގޫފާރު ސްޕޯޓްސް ކްލަބާއި ދުވާފަރު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މެޗްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ދެ ޓީމަށް ވެސް ލަނޑުޖަހާނެ ފުރުސަތުތައް ވަނީ ލިބިފައެވެ.
މެޗްގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ، އެގާރަވަނަ މިނެޓް ތެރޭގައި ދުވާފަރު ޓީމުގެ ޖުމާނަށެވެ. ގޯލް އޭރިއާ ތެރެއިން ކީޕަރަށް ވެސް ފުރުސަތެއް ނުދީ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އިރުމަތީ ފަރާތު ދަނޑި ކައިރިން ބޭރަށެވެ.
މި މެޗްގައި ދުވާފަރުގެ ބައެއް ކުޅުންތެރިން ވަނީ، ރެފްރީ މުހައްމަދު ހަމްދީގެ ނިންމުންތަކާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
މެޗަށްފަހު ގްރޫޕް ޑީގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އުޅެނީ އުނގޫފާރެވެ.

އެމްޓީސީސީ ނޯތްލީގް ފުރަތަމަ ޑިވިޝަނުގައި މިއަދު އުނގޫފާރާއި ދުވާފަރު ބައްދަލުކުރި މެޗްގެ ތެރެއިން ---
ފޮޓޯ/ އައްޔަ
ތާވަލްގެ ދެވަނައިގައި ހަތަރު ޕޮއިންޓާއެކު އަލިފުށި އުޅޭއިރު، ތާވަލްގެ އެންމެ ފުލުގައި އުޅޭ ދުވާފަރަށް ލިބިފައިވަނީ، ދެ ޕޮއިންޓެވެ.
އެމްޓީސީސީ ނޯތްލީގުގެ ދެވަނަ ޑިވިޝަނުގެ ގްރޫޕް ޑީގައި ހޮނިހިރު ދުވަހު ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ އުނގޫފާރާއި އަލިފުއްޓެވެ. މި ގްރޫޕްގެ މެޗްތައް މިހާ ހިސާބަށް އައިއިރު، އުނގޫފާރާއި އަލިފުއްޓަށް ވަނީ އެމްޓީސީސީ ނޯތްލީގުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ކަށަވަރުވެފައެވެ.