އިސްކަންދަރު ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ އެ ސްކޫލްގައި ހަރަކާތްތަކެއް ކުރިއަށް ދަނިކޮށް އެ ސްކޫލްތެރޭގައި ރޭ ހިންގި މާރާމާރީ އަކާއި ގުޅިގެން ނުވަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ 10:45 އެހާކަންހާއިރު އިސްކަންދަރު ސްކޫލްތެރެއިން ފުލުހުން ހައްޔަރުކޮށްފައި ވަނީ ތިން މީހަކާއި ހަ ކުޑަކުއްޖަކު ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

މާރާމާރީ އާއި ގުޅިގެން ފުލުހުން ރޭ އެ ސްކޫލަށް ދިޔަވަގުތު ސްކޫލްގެ ބޭރުގައި ގިނަބަޔަކު ވަނީ އެއްވެފައެވެ.