01 Sep 2022, 19:11
ނިއުޔޯކްގެ ފްލަޝިން މެޑޯސްގައި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެނުންގެ ސިންގަލްސް އިވެންޓްގެ ތިންވަނަ ބުރުގެ ޖާގައެއް އެމެރިކާގެ ސެރީނާ ވިލިއަމްސް ހޯދައިފިއެވެ.
މުބާރާތުގެ ތިން ވަނަ ބުރުގެ ޖާގައެއް ސެރީނާ ހޯދާފައިމިވަނީ، ދެވަނަ ބުރުގައި އެސްޓޯނިއާގެ އަނެޓް ކޮންޓަވެއިޓް އާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށްގެންނެވެ. ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް، ސެރީނާ ކާމިޔާބުކުރީ 1-2 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓް 6-4ގެ ނަތީޖާއަކުން ސެރީނާ ގެންގޮސްފައިވަނިކޮށް ކޮންޓަވެއިޓް ވަނީ ކުޅުން ރަނގަޅުކޮށް ދެވަނަ ސެޓް 2-6ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.
ފަހުސެޓްގައި ސެރީނާ ވަނީ ދުނިޔޭގެ ދެވަނަ ކުޅުންތެރިޔާގެ ގޮތުގައި މިވަގުތުހުރި ކޮންޓަވެއިޓާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައެވެ. މި ސެޓް ސެރީނާ ކާމިޔާބުކުރީ 2-6ގެ ނަތީޖާއަކުންނެވެ.
މެޗަށްފަހު ވާހަކަދައްކަމުން ސެރީނާ ބުނީ، އަނިޔާގެ ސަބަބުން ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ނުލިބުނު ނަމަވެސް، ކުރިއަށްގެންދިޔަ ފަރިތަކުރުންތައް ރަނގަޅުކަމަށެވެ. މެޗުން މޮޅުވުމުގެ ހިތްވަރު ލިބުނީ ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ސަބަބުންކަމަށް ސެރީނާ ފާހަގަކުރިއެވެ.
މި މުބާރާތުގެ ތިންވަނަ ބުރުގައި އަންނަ ހުކުރު ދުވަހު ސެރީނާ ނިކުންނާނީ، އޮސްޓްރޭލިއާގެ އާލާ ޓޮމްލަނޮވިޗާ ދެކޮޅަށެވެ.
މިފަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތަކީ ޓެނިސް ލެޖެންޑް ސެރީނާ ވިލިއަމްސް ކެރިއަރުގައި ކުޅޭނެ އެންމެ ފަހު މުބާރާތެވެ. މިހިނގާ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު 41 އަހަރުފުރޭ ސެރީނާ ވިލިއަމްސް މި މުބާރާތަށް ނިކުންނަމުން ބުނެފައިވަނީ، ޓެނިސް ކުޅުން ހުއްޓާލުމަށްފަހު މިހާރު ވިސްނުން ހުރީ އަމިއްލަ ދިރިއުޅުމައިގެން ކުރިއަށްދިޔުމަށް ކަމަށެވެ.