ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްކޮށް އޮންނަތާ ފަސް މަސް ދުވަސް ފަހުން، މިއަދު އެ މަގާމަށް ބޭފުޅަކު އައްޔަނުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން މިއަދު އެ މަގާމަށް އައްޔަނުކުރީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޔޫސުފް ސިރާޖް، ހަޒާރުމާގެ/ ހއ.ދިއްދޫއެެވެ.

ޔޫސުފް ސިރާޖު ވަނީ މީގެ ކުރިން ހއ ކައުންސިލުގެ ރައީސް ކަމުގެ މަގާމު ވެސް ފުރުއްވާފައެވެ. އޭނާ އެ މަގާމުން ވަކިކުރީ 2011ވަނަ އަހަރު އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އޭގެ ކުރިން އޭނާ ވަނީ ތައުލީމީ ދާއިރާގައި ވެސް ހަރަކާތްތެރިވެ ވަޑައިގެންފައެވެ.

އޭނާ ވަނީ މައިސޫރު ޔުނިވާސިޓީން ބެޗެލާސް އޮފް ކޮމާސް ޑިގްރީ ހާސިލުކުރައްވާފައެވެ.