01 Sep 2022, 18:56
ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ދެމިއޮންނާނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑާ އެއްގޮތަށް، އަދި ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތްދިނުމަށް ކުރެވޭ މަސައްކަތްތަކެއްގެ މައްޗަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމަށް ބޭއްވި ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތް ވަކި މަދަނީ ޚިދުމަތެއްގެގޮތުގައި ފެށި ޚިދުމަތް ދެވެމުން އަންނަތާ 18 އަހަރު ފުރިގެން ދިޔައިރު، ދިވެހި ފުލުހުންގެ ޚިދުމަަތަށް އެތައް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވި ކަމަށެވެ.
ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދިވެހި ފުލުހުން ބުރަ މަސައްކަތްތަކެއް ކުރަމުންދާކަންވެ ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމްކޮށް ރައްޔިތުންނަށް ރައްކާތެރި ވެއްޓެއް ހޯދައި ދިނުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ.
ނައިބު ރައީސްގެ ވާހަކަފުޅުމުގައި މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވީ ގައުމު ތަރައްގީ ކުރުުމުގައި ހަމަޖެހުން ގާއިމްކޮށް ތަރައްގީ ގެނެވޭނީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށެވެ.
އެމަނިކުފާނު ވަނީ، އަމަން އަމާންކަން ގާއިމްކޮށް ދެެމެހެއްޓުމަށް ފުލުހުން ކުރާ މަސައްކަތުގައި، ދިވެހިރައްޔިތުންގެ ފަރާތުން އިތުރު އެއްބާރުލުން ދެއްވުމަށް ވެސް އިލްތިމާސްކުރައްވާފައެވެ.
އެ ޖަލްސާގައި ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިން ފެށިގެން މަތީ ރޭންތަކުގެ ފުލުހުންނަށް ހަނދާނީ ފިލާ ހަވާލުކޮށްފައިވެއެވެ. އަދި ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގެ އާއްމު މުވައްޒަފުންނަށް ވެސް ޚިދުމަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ހަވާލުކޮށްފައިވެއެވެ. ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ނައިބު ރައީސްއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ވަކި ޚިދުމަތެއްގެ ގޮތުގައި ހަމަޖެއްސީ، 2001 ސެޕްޓެމްބަރު އެކެއްގައެވެ.