ވޮޝިންޓަން (1 ސެޕްޓެމްބަރު 2022): އިންސާނުންނަށް ދިރިއުޅެން ދަތި އަދި ރައްކާތެރި ނޫން ތަނަކަށް ދުނިޔެ މަޑުމަޑުން ބަދަލުވަމުން ދާކަމަށް ތިމާވެއްޓާބެހޭ އާ ދިރާސާއަކުން ހާމަވެއްޖެއެވެ.

އިމްލީ ދިރާސާތައްކުރުމަށް މަޝްހޫރު އެމެރިކާގެ މުއައްސަސާއެއްކަމަށްވާ "ނޭޗާ" އިން ކުރި ތިމާވެއްޓާބެހޭ ދިރާސާއެއްގެ ނަތީޖާ ދައްކާގޮތުން މިގަރުނު ނިމޭއިރު ދުނިޔޭގެ ވަރަށް ގިނަ ތަންތަނުގައި ހޫނު ގަދަކަމުން އިންސާނުންނަށް ދިރިނޫޅެވޭ ހިސާބަށް ދާނެއެވެ.

މިހިސާބަށް ހޫނުކަން މައްޗަށްދާ ތަންތަނުގެ ތެރޭގައި އީކުއޭޓާ އާ އެންމެ ކައިރި ސަރަހައްދުތަކާއި ޓްރޮޕިކް އޮފް ކެންސާ ލެޓިޓިއުޑްއާއި އީކުއޭޓާ އާ ދެމެދުގައިވާ ބައެއް ސަރަހައްދުތަކެއް ހިމެނެއެވެ.

މި ދިރާސާގައި ހަރަކާތްތެރިވެފައިވަނީ އެމެރިކާގެ ހަވަޑް ޔުނިވާސިޓީއާއި ވޮޝިންޓަން ޔުނިވާސިޓީގެ ގުޅިފައިވާ ރީސާޗް ޓީމެކެވެ. މި ރީސާޗް ނުވަތަ ދިރާސާވަނީ އެމެރިކާގެ މަޖައްލާއެއްކަމަށްވާ "ކޮމިއުނިކޭޝަންސް އާތް އެންޑް އެންވަރަންމަންޓް" ގައި ޝާއިއުކޮށްފައެވެ.

މި ދިރާސާ ބުނާގޮތުން އިންސާނުންނަށް ދިރިއުޅެން ރައްކާތެރި ނޫންތަނަކަށް ދުނިޔެ ބަދަލުވަމުން ދިޔުމުގެ މައިގަނޑު ސަބަބަކީ ކާބަން ޑެންސިޓީ ޖައްވުގައި ބޮޑުވުމެވެ.

އުތުރު ތަނޑީގެ ގަނޑުފެންތައް ހޫނުގަދަވުމުގެ ސަބަބުން ވިރެނީ

އިގްތިސާދީ ހަރަކާތްތަކާއެކު ޖައްވުގައި ކާބަން ޑެންސިޓީ އިތުރުވަމުންދާކަމަށާއި ނަތީޖާއެއްގެ ގޮތުން ހީޓް އިންޑެކްސް މަތިވަމުންގޮސް މި ގަރުނުގެ ފަހުކޮޅާ ހަމައަށްދާއިރު އީކުއޭޓާ އާ ކައިރި ސަރަހައްދުތަކާއި ޓްރޮޕިކް އޮފް ކެންސާ ލެޓިޓިއުޑްއާއި އީކުއޭޓާ އާ ދެމެދުގައިވާ ގިނަ ސަރަހައްދުތަކެއްގެ ފިނި ހޫނުމިން 54 ނުވަތަ 55 ޕަސެންޓަށް އަރާނެކަމަށް މި ދިރާސާގައި ލަފާކޮށްފައިވެއެވެ.

މިވަރަށް ހޫނު ގަދަވެގެން އިންސާނުންނަށް ދިރިނޫޅެވޭނެކަމަށްވެއެވެ. އެއީ މިވަރަށް ހޫނުވެއްޖެނަމަ އިންސާނުންނަށް ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވާނެތީއެވެ. މީގެތެރޭގައި ޑީހައިޑްރޭޓް ވުމާއި ބޮލުގައި ރިއްސުމާއި ހަންގަނޑު ހަލާކުވުމާއި އެތެރެހަށީގެ ގުނަވަންތައް ހަލާކުވެ ހޭނެތޭގޮތްވެ އަދި މަރުވާހިސާބަށްވެސް ދާނެތީއެވެ.

މި ދިރާސާއިން ހާމަވިގޮތުގައި ބިމުގެ ވަށައިގެންވާ ޖައްވީ ފަށަލައިގެ ތެރޭގައި ޖައްވު ހޫނުކުރާ ގޭސްތައް އެކުލެވިފައިވާ މިންވަރުދަނީ މައްޗަށެވެ. އަދި ދުނިޔޭގެ ކަނޑުތަކުގެ ލޮނުގަނޑު އުފުލޭ މިންވަރާއި ކަނޑުތަކުގެ ހޫނުމިން ވެސް މިދިޔަ އަހަރު ވަނީ ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައެވެ.

މި ރިޕޯޓްގައިވާގޮތުން، ދުނިޔޭގެ ކަނޑުތަކުގެ ލޮނުގަނޑު 2020 ވަނަ އަހަރު ހުރި މިންވަރަށް ވުރެ، މިދިޔަ އަހަރުވަނީ 4.9 މިލިމީޓަރު އުފުލިފައެވެ. މިއީ ކަނޑުގެ ލޮނުގަނޑު ޖެހިޖެހިގެން އުފުލެމުން އަންނަތާ 10 ވަނަ އަހަރުކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ ކަނޑުތައް އުފުލޭ މިންވަރު ބަލައި އެކަން ރެކޯޑްކުރަން ފަށާފައިވަނީ 1993 ވަނަ އަހަރު ތެރޭގައެވެ. ދުނިޔޭގެ ކަނޑުތައް އުފުލިގެންދަނީ ދުނިޔޭގެ އުތުރުތަނޑީގައި ނުވަތަ ނޯތް ޕޯލްގައިވާ ގަނޑުފެންތައް އާދަޔާ ޚިލާފު ބާރުމިނެއްގައި ވިރެމުންދާތީކަމަށް ސައިންސްވެރިންގެ ރިޕޯޓްތަކުން ކުރިންވެސްވަނީ ހާމަވެފައެވެ.

ދުނިޔޭގެ ޖައްވު ހޫނުވަމުންދާ ވަރަކަށް އުތުރުތަނޑީގެ ގަނޑުފެންތައް ވިރެމުންދާމިންވަރު އިތުރުވާކަމާއި ދުނިޔޭގެ ކަނޑުތައް މިހާރު ހުރި މިންވަރަށް ވުރެ ގާތްގަނޑަކަށް 10 އިންޗި މިގަރުނުގެ ފަހުކޮޅަށްދާއިރު އުފުލޭނެ ކަމަށް ތިމާވެއްޓާބެހޭ އެހެން ދިރާސާއަކުންވަނީ ހާމަވެފައެވެ. މިކަމުގެ ނަތީޖާއަކަށްވާނީ ދުނިޔޭގައި ބިންތިރި ސަރަހައްދުތައް ކަނޑަށް ވެގެން ދިޔުންކަމަށް ސައިންސްވެރިން ލަފާކުރައްވައެވެ.

"ނޭޗާ" ގެ ދިރާސާ ބުނާގޮތުން ތިމާވެއްޓާބެހޭ ޕެރިސް އެއްބަސްވުމުގައިވާގޮތަށް ދުނިޔެ ހޫނުވުމާ ދެކޮޅަށް ކުރެވޭ މަސައްކަތް ކާމިޔާބުވެ 2050 އާ ހަމައަށްދާއިރު ދެ ޑިގްރީ ސެލްސިޔަސް އަށް ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިޔަ ނުދީ ހިފެހެއްޓިއްޖެނަމަ އީކުއޭޓަރުގެ ކައިރީގައިވާ ތަންތަނުގެ ހޫނު ގަދަވެ އެތަންތަނުގައި އިންސާނުންނަށް ދިރިނޫޅެވޭ ހިސާބަށް ދިޔުމުގެ ކާރިސާ އަންނަލެއް ލަސްވާނެ ކަމަށް މި ދިރާސާގައި ލަފާކޮށްފައިވެއެވެ.

ޕެރިސް އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރިނަމަވެސް 2100 ވަނަ އަހަރާ ހަމައަށްދާއިރު ދުނިޔޭގެ އިންސާނުންނަށް ދިރިއުޅެން ދަތި އަދި ރައްކާތެރި ނޫންތަނަކަށް ދުނިޔޭގެ ބޮޑު ބައެއް ވެގެންދާނެމަށް ވަނީ ލަފާކޮށްފައެވެ.