01 Sep 2022, 14:28
ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އަންނަ ހޯމަ ދުވަހު ބޭއްވުމަށް ތާވަލްކުރި ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަދިވެސް ހުންނެވީ ޗުއްޓީގައި ކަން އެނގިއްޖެއެވެ.
އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ. ހަތަރު ގަޑިއެއްހާއިރަށް ދިގުދެމިގެންދިޔަ އެ އަޑުއެހުން ނިންމާލަމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ އިތުރު އަޑުއެހުމެއް މިދިޔަ މަހުގެ 30 ވަނަ ދުވަހު ބާއްވާނެ ކަމަށެވެ.
ނަމަވެސް އެ ދުވަހު އަޑުއެހުން ބޭއްވިފައި ނުވަނީ އިސް ގާޒީ, އާއިލީ ޒިންމާ ޗުއްޓީއަކަށް ވަޑައިގަތުމުންނެވެ.
އަންނަ ހޯމަ ދުވަހު އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލް ކުރި ނަމަވެސް, އެނގިފައިވާ ގޮތުގައި އިސް ގާޒީ ވަނީ މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް އާއިލީ ޒިންމާގެ ޗުއްޓީއެއް ނަންގަވާފައެވެ.
އެކަމާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
އެމައްސަލައިގައި ދެން އޮންނަ އަޑުއެހުމުގައި ވެސް އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަސް ނެގުމެވެ.
ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔާތު ހިމެނެއެވެ. އެ ދެ ބޭފުޅުންގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަށް ދިފާއުން މީގެ ކުރިން ހުށަހެޅުމުން ގާޒީ ވަނީ އެ ހުށަހެޅުން ބަލައިގަނެފައެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އެ މައްސާލަގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.