01 Sep 2022, 12:30
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އެމަނިކުފާނު ކޮށްދެއްވާފައިވާ ކަންތައްތައް ރާއްޖޭގެ ރައްޔިތުން ބަލައިގަނެފައިވާ ކަމަށާއި އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބު ވާނެ ކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިދިޔަ އާދިއްތަ ދުވަހު އިންޑިއާއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅެއްގައި ޝާހިދު ވަނީ އެގައުމުގެ 'ދަ ޕްރިންޓް' ނޫހަށް އިންޓަވިއުއެއް ދެއްވާފައެވެ.
އެ އިންޓަވިއުގައި ޝާހިދު ވިދާޅުވީ އިންޑިއާ އަބަދުވެސް ވާނީ ރާއްޖޭގެ "އެންމެ ފުރަތަމަ އަދި އެންމެ ގާތް" އެކުވެރިޔާއަށް ކަމަށެވެ. ނަމަވެސް ރާއްޖެއިން ޗައިނާއާއެކު ވެސް އެކުވެރި ގުޅުމެއް ބާއްވާނެކަން ޝާހިދު ފާހަގަކުރެއްވިއެވެ.
އެއަށް ފަހު، އިންޑިއާ އައުޓް ކެމްޕޭނަށް އިޝާރަތް ކުރައްވައި ޝާހިދު ވިދާޅުވީ އެއީ އިންޑިއާއާ ދެކޮޅު ފިކުރެއް ފެތުރުން ނޫން އެހެން އެއްވެސް މަގުސަދެއް ނެތި އިދިކޮޅު ސިޔާސީ ބަޔަކު ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
"އެއީ ރައްޔިތުންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް ބަޔެއް. އެހެންވީމަ އެމީހުން ކުރާނެ ކޮންމެވެސް ކަމެއް ހޯދަން ޖެހުނީ. ރައީސް ޞާލިޙުގެ ވެރިކަމުގައި ކުރައްވާފައިވާ މަސައްކަތްފުޅު ރާއްޖޭގެ ރައްޔިތުން ބަލައިގަނެފި އަދި އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބުވާނެ،" ޝާހިދު ވިދާޅުވިއެވެ.
ހަމައެއާއެކު ޝާހިދު ވަނީ ރައީސް ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގާތުން މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާފައެވެ. އޭގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޞާލިޙު ވެރިކަމުގެ ހުވާ ކުރެއްވުމަށް ނޮވެމްބަރު 17، 2018ގައި ބޭއްވި ރަސްމިއްޔާތަށް ބޮޑުވަޒީރު މޯދީ ވަޑައިގެންނެވިއެވެ. އޭގެ އެއް މަސް ފަހުން ރައީސް ޞާލިޙު އިންޑިއާއަށް ވަޑައިގެންނެވިއެވެ. އަދި 2019 ވަނަ އަހަރު މޯދީ ދެވަނަ ދައުރަކަށް އިންތިޚާބުވުމުން، ގައުމުން ބޭރަށް އެންމެ ފުރަތަމަ ކުރެއްވި ދަތުރުފުޅުގައި ވަޑައިގެންނެވީ ރާއްޖެއަށެވެ.
މިދިޔަ ޖޫން މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞާލިޙު ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ކުރިމަތިއްލައްވަން ތައްޔާރަށް ހުންނެވިކަން އިއުލާންކުރައްވާފައެވެ. ނަމަވެސް އެމްޑީޕީގައި ވަނީ ރައީސް ޞާލިޙަށް ވެރިކަން ދިނުމަށް ތާއިދު ކުރާ ފެކްޝަނަކާއި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދަށް ވެރިކަން ދިނުމަށް ތާއިދު ކުރާ ފެކްޝަނެއް އުފެދިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ބޭނުންފުޅުވަނީ ރިޔާސީ އިންތިޚާބު ބޭއްވުމުގެ ކުރިން ވެރިކަން ކުރާ ނިޒާމު ބަދަލު ކުރުމާ ބެހޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ބޭއްވުމަށެވެ. އެމަނިކުފާނު ގެންދަވަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ތާއިދު ހޯއްދަވަން މަސައްކަތް ކުރައްވަމުންނެވެ.
މިދިޔަ އާދިއްތަ ދުވަހު ޝާހިދު އިންޑިއާއަށް ވަޑައިގެންނެވި އިރު، ނުރަސްމީ ދަތުރުފުޅެއްގައި އިންޑިއާގައި ހުންނެވި ރައީސް ނަޝީދުއާ ވެސް ބައްދަލުކުރެއްވިއެވެ.
ޝާހިދު، މިދިޔަ ހޮނިހިރު ދުވަހު އިންޑިއާއަށް ވަޑައިގަތް ރައީސް ނަޝީދާ ބައްދަލު ކުރެއްވީ އާދިއްތަ ދުވަހުގެ ރޭގައެވެ. އެއީ އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ ޗެއާމަން ޖީއެމް ރާއޯގެ ކާފަ ދަރިކަލުންގެ ކައިވެނި ހަފުލާގެ ތެރެއިންނެވެ.