01 Sep 2022, 12:23
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުގައި އާލިން ހާލަންޑުގެ ހެޓްރިކުން މެންޗެސްޓާ ސިޓީ ނޮޓިންހަމް ފޮރެސްޓު ބަލިކުރިއިރު އާސެނަލް އެސްޓަން ވިލާ ބަލިކޮށް މޮޅުވުމުގެ ސިލްސިލާ ވަނީ ދަމަހައްޓައިފައެވެ. އަދި ފަހަތުން އަރައި ލިވަޕޫލުން ވަނީ ރޭ ނިއުކާސަލް ޔުނައިޓެޑު ބަލިކޮށްފައެވެ.
ރޭ ސިޓީގެ އަމިއްލަ ދަނޑުގައި ނޮޓިންހަމްއާ ދެކޮޅަށް ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ 6-0ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.
އެ މެޗުގައި މި ސިޒާނުގައި ސިޓީއާ ގުޅުނު ހުނަރުވެރި ޒުވާން ފޯވާޑު ހާލަންޑު ވަނީ ތިން ގޯލު ޖަހައި ހެޓްރިކެއް ހަދައިފައެވެ. މެޗުގެ 12 ވަނަ މިނެޓުގައި ހާލަންޑު ވަނީ މެޗުގެ ފުރަތަމަ ގޯލު ޖަހައިފައެވެ. އަދި ނޮޓިންހަމްގެ ޑިފެންސް ލައިނުން ހެދި ގޯހެއްގެ ބޭނުންހިފައި މެޗުގެ 23 ވަނަ މިނެޓުގައި ހާލަންޑު ވަނީ މެޗުގެ ދެ ވަނަ ގޯލު ޖަހައިފައެވެ. އޭނާގެ ތިން ވަނަ ގޯލަކީ މެޗުގެ 38 ވަނަ މިނެޓުގައި ޖޯން ސްޓޯން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހި ގޯލެކެވެ.
މީގެ އިތުރުން ދެވަނަ ހާފު ފަށައިގެން މެޗުގެ 50 ވަނަ މިނެޓުގައި ބަނާޑޯ ސިލްވާގެ އެހީތެރިކަމާއެކު ޖާއޯ ކޮންސޭލޯ ވަނީ މެޗުގެ ހަތަރު ވަނަ ގޯލު ޖަހައިފައެވެ. އަދި 65 ވަނަ މިނެޓުގައި ސިޓީގެ ޒުވާން ފޯވާޑު ޖޫލިއަން އަލްވަރޭޒް ގޯލެއް ޖެހިއިރު މެޗުގެ ހަ ވަނަ ގޯލަކީ ވެސް 87 ވަނަ މިނެޓުގައި އޭނާ ޖެހި ގޯލެކެވެ.
އެ ނަތީޖާއާއެކު ސިޓީ ވަނީ 13 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. އަދި ނޮޓިންހަމް ހަތަރު ޕޮއިންޓާއެކު އޮތީ ތާވަލުގެ 15 ވަަނައިގައެވެ.

ގޯލު ޖެހުމަށްފަހު ގަބްރިއާލް މާޓްނެލީ އުފާ ފާޅުކުރަނީ---
ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗު އާސެނަލްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
އެ މެޗު ކޮންޓްރޯލްކޮށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެނެ ކުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލް އިންނެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓުގައި ގޯލެއްޖަހައި އާސެނަލްއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ގަބްރިއާލް ޖީސުސް ޖަހައިފައިވާ ގޯލެކެވެ. އަދި މެޗުގެ 74 ވަނަ މިނެޓުގައި އެސްޓަން ވިލާގެ ޑޯގްލަސް ލުއިޒް ވަނީ ކޯނަރަކުން ގޯލު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން އާސެނަލްގެ ގަބްރިއާލް މަޓްނެލީ ވަނީ އާސެނަލްއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ.
އެ މޮޅާއެކު އާސެނަލް ވަނީ ކުޅުނު ފަސް މެޗުން މޮޅުވެ 15 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. މެޗުން ބަލިވި އެސްޓަން ވިލާ ތާވަލުގެ 19 ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކުގައެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލްއިން ކާމިޔާބުކުރީ 1-2ގެ ނަތީޖާއަކުންނެވެ،
އެ މެޗުގައި ފުރަތަމަ ގޯލުޖަހައި ލީޑު ނެގީ ނިއުކާސަލްއިންނެވެ. އެ ގޯލަކީ މެޗުގެ 38 ވަނަ މިނޓުގައި އެ ޓީމާ އަލަށް ގުޅުނު އެލެކްސެންޑާ އިސާކް ޖެހި ގޯލެކެވެ. އެ ގޯލާއެކު ނިއުކާސަލް ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ވަނީ ނިމިފައެވެ. ނަމަވެސް ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ލިވަޕޫލްގެ ފަބިއޯ ކަރްވާޅޯ ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު އެ ޓިމަށް ނަގައިދީފައެވެ. އެ ގޯލަކީ މުހައްމަދު ސަލާހުގެ އެހީތެރިކަމާއެކު އޭނާ ޖެހި ގޯލެކެވެ.
އެ ނަތީޖާއާކު ލިވަޕޫލް ވަނީ އަށް ޕޮއިންޓާއެކު ތާވަލުވެ ފަސް ވަނައަށް ޖެހިލައިފައެވެ. އަދި ނިއުކާސަލް ތާވަލްގެ 11 ވަނައިގައި އޮތީ ހަ ޕޮއިންޓާއެކުގައެވެ.