ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ބޯޑުން މުހައްމަދު އާސިފް (މޮންދު) އިސްތިއުފާ ދެއްވައިފިއެވެ.

މޮންދު "ސަން"އަށް ވިދާޅުވީ ޕީއެސްއެމްގެ ބޯޑުން އިސްތިއުފާ ދެއްވީ އެ މަސައްކަތުގެ މަސްލަހަތަށް ފުށޫ އަރާ އެހެން މަސައްކަތެއް ކުރައްވަން މިހާރު ނިންމަވާފައިވާތީ ކަމަށެވެ.

މޮންދު ޕީއެސްއެމްގެ ބޯޑަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މީޑިއާގައި 1991 ވަނަ އަހަރު މަސައްކަތް ކުރައްވަން ފެއްޓެވި މޮންދު ވަނީ ޓީވީއެމްގައި 23 އަހަރު ހިދުމަތް ކުރައްވާފައެވެ. ޓީވީއެމްގައި މޮންދު އެންމެ ފަހުން ހުންނެވީ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމުގައެވެ.

ޓީވީއެމްއިން އިސްތިއުފާ ދެއްވުމަށް ފަހު މޮންދު ގުޅިވަޑައިގަތީ ވީ މީޑިއާއާއެވެ. އަދި ވީމީޑިއާގައި ހަތް އަހަރު ވަންދެން ސީއޯއޯގެ މަގާމުގައި ހުންނެވިއެވެ.

މީޑިއާ ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާފައިވާ މޮންދު މިހާރު ގެންދަވަނީ 'މޮންދު ޕްރޮޑަކްޝަން'ގެ ނަމުގައި އަމިއްލަ ސްޓޫޑިއޯއެއް ހިންގަވަމުންނެވެ.