01 Sep 2022, 10:46
އދ. މަޖިލިސް (1 ސެޕްޓެމްބަރު 2022): ވިއްސާރައާއެކު ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ އެތައް މިލިއަން މީހުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް މުޅި ދުނިޔޭގެ އެހީ ބޭނުންވާކަމަށް އދ.އިން ބުނެފިއެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ ވިއްސާރައާއެކު ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނަށް ލިބިފައިވަނީ އާދައިގެ ގެއްލުންތަކެއް ނޫންކަމަށާއި މިހާލަތުން އަރައިގަތުމަށް މުޅި ދުނިޔޭގެ އެހީ ޕާކިސްތާނަށް ބޭނުންވާކަމުގައެވެ.
ޕާކިސްތާނުގެ ހާލަތު ދިރާސާކުރުމަށްފަހު އދ.ގެ މަސްއޫލުވެރިން ވަނީ ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ އެތައް މިލިއަން މީހުންނަށް ބޭނުންވާ އިންސާނީ އަވަސް އެހީ ފޯރުކޮށްދިނުމަށް މިވަގުތަށް ވެސް މަދުވެގެން 160 މިލިއަން ޑޮލަރު ބޭނުންވާކަމަށް ބުނެފައެވެ. މިފައިސާ ބޭނުންވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ބޭހާއި އަންނައުނާއި ސާފު ތާހިރުވުމަށް ބޭނުންވާ ސާމާނާއި ރަޖާ ފަދަ ތަކެތި ގަތުމަށްކަމަށް ވެސް އދ.އިން ބުނެފައިވެއެވެ.
ޕާކިސްތާން ސަރުކާރު ބުނާގޮތުން އެގައުމަށް ލިބިފައިވާ އާދަޔާ ޚިލާފު ގެއްލުންތައް ފޫބެއްދުމުގައި އެހީތެރިވުމަކީ މުޅި ބައިނަލްއަގުވާމީ މުޖްތަމައުގެ ޒިންމާއެކެވެ. އެހީއަށް އެދި ޕާކިސްތާން ވަނީ މުޅި ދުނިޔެއަށް އިލްތިމާސް ކޮށްފައެވެ.

ޕާކިސްތާނުގައި ފެންބޮޑުވެ ރައްޔިތުން ހާލުގައި ޖެހިފައި
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ބިލާވާލް ބުއްޓޫ ވިދާޅުވި ގޮތުގައި ފެންބޮޑުވެ ގެދޮރު ގެއްލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެތައް މިލިޔަން ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން، ވަންނާނެ އެއްވެސް ހިޔާވަހިކަމެއް ނެތެވެ. އަދި އެމީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ސާފު ބޯފެނާއި ސިއްހީ ޚިދުމަތްވެސް ވަރަށް ކުޑަ މިންވަރަކަށް ނޫނީ ފޯރުކޮށް ނުދެވެއެވެ. މިހާ ގިނަ އަދަދެއްގެ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދޭން ޕާކިސްތާން ސަރުކާރު ނުކުޅެދިފައިވާކަންވެސް ބިލާވަލް ފާހަގަ ކުރެއްވިއެވެ.
ޕާކިސްތާނަށް އާދަޔާ ޚިލާފަށް ވިއްސާރަކުރަމުންދާތާ ތިންމަހަށްވުރެ ގިނަދުވަސް ވެފައިވާއިރު ޕާކިސްތާނުގެ ތިން ބައިކުޅަ އެއް ބައި އޮތީ ފެނު އަޑީގައެވެ. އެއީ ކޯރުތައް ފުރި ބަންޑުންވުމުގެ ސަބަބުންނެވެ. ޕާކިސްތާނުގެ މައި ކޯރުތަކުގެ ކައިރީގައި ޑޭމްތައް ބިނާކޮށްފައިވީނަމަ ލިބުނު ގެއްލުން މާބޮޑަށްވެސް ކުޑަވީސްކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ދެހާސް ދިހަ ވަނަ އަހަރު ޕާކިސްތާނަށް ކުރި ގަދަ ވިއްސާރައިގައި ވެސް އެގައުމުގެ ބޮޑު ބައެއް ފެނުގެ އަޑިއަށް ގޮސް އެތައް ލައްކަ ގެއެއް ހަލާކުވެ އެތައް މިލިއަން ބަޔަކު ހާލުގައި ޖެހުނެވެ. ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް ލިބުނު އެކާރިސާއިން އަރައިގަތުމަށް އެތައް އަހަރެއް ހޭދަވިއެވެ.
ދެހާސް ދިހަ ވަނަ އަހަރުގެ ފެންބޮޑުވުމަށް ފަހު ތަޖުރިބާކާރުން ވަނީ ޕާކިސްތާނުގެ މައި ކޯރުތަކާ ކައިރީގައި ޑޭމްތައް ބިނާކުރުމަށް ލަފާދީފައެވެ. މިޑޭމްތައް ބިނާކުރުން ޕާކިސްތާން ސަރުކާރުގެ ތަރައްގީގެ ޕްލޭންތަކުގައިވެސް ހިމެނިއެވެ. ނަމަވެސް ކޮރަޕްޝަނުގެ ސަބަބުންނާއި އެނޫންވެސް ސަބަބުތަކާއި ޕާކިސްތާނުގައި ވެރިކަންކުރި ސަރުކާރުތަކުގެ އިހުމާލުގެ ސަބަބުން އެކަންވަނީ ނުކުރެވިއެވެ.
ޑޭމްތައް ބިނާކޮށްފައި ހުރި ނަމަ މިފަހަރުގެ ވިއްސާރައިގައި މިލިބުނު ވަރުގެ ގެއްލުމާ ގާތްކުރާ ވަރުގެ ގެއްލުންވެސް ޕާކިސްތާނަށް ނުލިބުނީސްކަމަށް ތަޖުރިބާކާރުން ލަފާކުރައްވައެވެ. މި ފަހަރުގެ ވިއްސާރައިގައި ލިބުނު ގެއްލުންތަކާއެކު ޑޭމްތައް ބިނާކުރުމުގެ މައްސަލަ ވަނީ އަލުން ފެންމަތިވެފައެވެ.
މިދިޔަ ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ދަނީ ވަރަށް ގަދައަށް ވިއްސާރަ ކުރަމުންނެވެ. ވިއްސާރައިގައި އެ ގައުމުގެ މައި ކޯރުތައް ފުރި ބަންޑުންވެ ގައުމުގެ ބިމުގެ ތިން ބައިކުޅަ އެއްބައި މިހާރުއޮތީ ފެނު އަޑީގައެވެ. ބައެއް ސަރަހައްދުތަކުގައި ބޮޑުވެފައިވާ ފެންގަނޑުގައި އިސްކޮޅުވެސް ނުޖެހެއެވެ.

ޕާކިސްތާނުގައި ފެންބޮޑުވެފައި
ފެންބޮޑުވުމާއެކު ފެންގަނޑުގެ ތެރެއަށް ގެނބިގެން 1400 އެއްހާމީހުން ވަނީ މަރުވެފައެވެ. ފަންސާސް މިލިއަން މީހުންގެ ގެދޮރު ގެއްލި އެމީހުންވަނީ މަގުމަތިވެ ހާލުގައި ޖެހިފައެވެ. އަދި ޕާކިސްތާނުގެ ގިނަ ބައެއްގެ ދިރިއުޅުން ބަރޯސާވާ ދަނޑުތައްވަނީ މުޅިން ހަލާކުވެފައެވެ. އަދި ގެރިބަކަރި އާއި ކުކުޅު ފަދަ ތަކެތި ވަނީ މިލިއަނުން މަރުވެފައެވެ. އެތައް މިލިއަން ބައެއްގެ ބަނޑު ފުރާނަ މުއްތިކުރަނީ ދަނޑުތަކާއި ގެރިބަކަރި އާއި ކުކުޅު ފަދަ ތަކެތިން ލިބޭ އާމްދަނީންނެވެ.
ޕާކިސްތާނުގައި ކުރިއަށް އޮތީ ފިނި މޫސުމެވެ. ފިނި މޫސުމުގެ ކުރިން މިކާރިސާއިން އަރައިގަނެވޭނެ ކަމަށް ނުބެލެވޭއިރު މަގުމަތިވެފައިވާ 50 ވަރަކަށް މިލިއަން މީހުންގެ ދިރިއުޅުމަށް ކުރިމަތިވާނެ ދަތިތަކާއި ވޭންތައް އިންސާނެއްގެ ސިކުނޑިއަށް ތަސައްވަރު ކުރެވޭވަރަށްވުރެވެސް މާ ވޭންދެނެވިކަމަށް ޕާކިސްތާނުގެ މަސްއޫލުވެރިން ވިދާޅުވެއެވެ. ޕާކިސްތާނު ސަރުކާރުން އަންދާޒާކުރާ ގޮތުގައި ވިއްސާރައިގައި ލިބުނު ގެއްލުންތައް 10 ބިލިއަން ޑޮލަރަށް އަރާނެއެވެ.
ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ އެތައް މިލިއަން ބަޔަކަށް ބޭނުންވާ އިންސާނީ އެހީ ދިނުމަށް އެތައް ގައުމަކުން މަސައްކަތް ކުރެއެވެ. ތުރުކީއާއި ގަލްފުގެ ގައުމުތަކާއި ޖަޕާނާއި ޗައިނާ އަދި އެމެރިކާއާއި ޔޫރަޕްގެ އިތުރުން އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކުންވެސް ގެންދަނީ ޕާކިސްތާނަށް ފައިސާގެ އެހީއާއި ތަކެތީގެ އެހީ ފޯރުކޮށްދެމުންނެވެ. ނަމަވެސް މިފަރާތްތަކުން އަދި ލިބެމުންދަނީ ޕާކިސްތާނަށް މިވަގުތު ބޭނުންވާ ވަރަށްވުރެ މާކުޑަ އެހީއެކެވެ.