01 Sep 2022, 09:53
މާލޭގެ ފިހާރައެއްގެ ތެރޭގައި މަސްތުވާތަކެތި ރައްކާކޮށްގެން ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މާލޭގެ ފިހާރައެއްގައި ބަނގުރަލުގެ ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި 45 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އައްޑޫ ސިޓީ ހުޅުދޫއަށް ނިސްބަތްވާ އެ މީހާގެ ފިހާރަ ބަލައިފާސްކުރިއިރު 69 ފުޅި ބަނގުރަލާއި ބަނގުރާ ކަމަަށް ބެލެވޭ އެއްޗެއްހުރި ދެ ފުޅީގެ އިތުރުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ޕާޓީ ޑްރަގް ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭނާގެ ބަންދާމެދު ގޮތެއްނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތެއް ވަނީ ބަންދަށް އިތުރު ކޮށްދީފައެވެ. އޭއީ ވަކީލެއްގެ ހާޒިރުގައި މުއްދަތު މަޖިލިސް ކުރިއަށް ގެންދިއުމަށް އޭނާ އެދުމުންނެވެ.
އެ މައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާއިރު ކެފޭ އުސޫލުން މާލޭގައި މަސްތުވުމުގެ ހިދުމަތްދޭ ތަންތަން ހުރި ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.