ގިނަ އަދަދަކަށް މުދާ ބަރުކޮށްގެން މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ނ. ލަންދޫ، ލަންދޫ ބޯޓު މިއަދު ގާފަރު ފަރަށް އަޑިއަށް ދިއުމުން އެ ބޯޓުގައި ހުރި ގިނަ ބައެއްގެ އަގުބޮޑު މުދާ ގެއްލި، ލަންދޫއަށް ކާޑުގެ ދަތިކަން ކުރިމަތިވެއްޖެއެވެ.

"ސަން"އާ ވާހަކަދައްކަވަމުން ލަންދޫ ކައުންސިލް މެމްބަރު އިބްރާހީމް ރައްޒާން ވިދާޅުވީ ލަންދޫ ބޯޓުގައި ރަށަށް ބޭނުންވާ މިންވަރަށް ކާޑު ވެސް އުފުލިކަމަށެވެ. އަދި މިހާދިސާއާ ގުޅިގެން މިހާރު ރަށުގައި ކާޑުގެ ދަތިކަން ވަރަށް ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު މިރަށުގެ ގިނަ ފިހާރަތުން ކާޑުގެ ބާވަތްތައް ހުސްވެއްޖެ. ގިނަ ފިހާރަތަކުގައި ހުރީ ހުސް ހަރު،" ރައްޒާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލަންދޫގައި މުދާ އުފުލާ ދެ ބޯޓެއް އޮންނަކަމަށެވެ. ނަމަވެސް ވަރަށް ފަހުން އެއް ބޯޓު މަރާމާތަށް އެހެލިކަމަށް ރައްޒާން ވިދާޅުވިއެވެ.

"ވާ އެއްޗަކީ އެއް ބޯޓު މަދުވީމަ މުދާ ގެނެވޭ ވަރުވެސް މަދުވާނެތާ. ދެން ލަންދޫ ބޯޓު ހާދިސާއާ ގުޅިގެން ހަމަ ގާތްގަނޑަކަށް އެކަށް ހުސްވަނީ ކާޑު،" އޭނާ ވިދާޅުވިއެވެ.

ލަންދޫން "ސަން"އާ ވާހަކަ ދެއްކި ބައެއް މީހުން ކިޔައިދިންގޮތުގައި އެ ރަށުގައި މިހާރު ކާޑުގެ ބާވަތްތައް ހުރި ފިހާރަތަކުން އެތަކެތި ވިއްކަނީ ކޮންމެ ގެއަކަށް ވަކި މިންވަރަކަށް ކަމަށެވެ.

އެރަށުން ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި ލަންދޫ ބޯޓު އަޑިއަށް ދިޔައިރު ބޯޓުގައި އެރަށު ތިން މީހެއްގެ ތިން ސައިކަލު އުފުލިއެވެ. އަދި އެރަށު ސްމާޓް ސެވަން ކިޔާ ފިހާރައެއްގެ ލައްކައަކަށްވުރެ ގިނަ ރުފިޔާގެ މުދާ އެ ބޯޓުގައި އުފުލިކަަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

"ދެން ބޯޓުގަ ހުންނާނެ އަމިއްލަ މީހަކު ގެހަދަން ގެނެސްފަ ހުރި އެއްލައްކަ ރުފިޔާގެ އަމިއްލަ ތަކެތި،" އޭނާ ބުންޏެވެ.

ލަންދޫ ބޯޓު އަޑިއަށްދާތަން ފެންނަ ވީޑިއޯ އާއި ފޮޓޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ބޯޓުގައި ހުރި ގިނަ އަދަދެއްގެ ގޭސް ފުޅިތައް އޮޔާދާ މަންޒަރު އެ ވީޑިއޯތަކުން ފެނެއެވެ.

ބޯޓުގައި ހުރި މުދަލުގެ ތެރެއިން ސަލާމަތް ކުރެވުނީ މަދު އަދަދެއްގެ މުދަލެވެ.

ލަންދޫ ބޯޓު ފުންކުރުމަށްޓަކައި އެރަށު ރައްޔިތުންގެ ޓީމެއް ވަނީ މިހާރު ދަތުރުފަށާފައެވެ. އެގޮތުން ޅ. ހިންނަވަރަށް ޖެއްސުމަށްފަހު މިރޭ 1:30ގައި ކ. ގާފަރާ ދިމާލަށް އެމީހުން މިސްރާބުޖަހާނެއެވެ.

"އެ މީހުން ދަތުރުކުރާނީ ފަތިހަށް ބޯޓާ ހަމައަށް ދެވޭވަރަށް. އެއީ ރޭގަނޑަކު މަސައްކަތެއް ނުކުރެވޭނެތާ،" ރައްޒާން ވިދާޅުވިއެވެ.

އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގެ މައުލޫމާތު މިއަދު ހެނދުނު 10:55ގައި ލިބިފައިވާ ކަމަށެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން ގާފަރު ކައުންސިލަރު މުހައްމަދު ސަމްއާން މިއަދު "ސަން"އަށް ވިދާޅުވީ އަޑިއަށް ދިޔަ ބޯޓުގައި ތިބި އެންމެން ވެސް ވީއެންމެ އަވަހަކަށް ރައްކާތެރިކަމާއެކު ގާފަރަށް ގެނެސްފައިވާ ކަމަށެވެ.

އަޑިއަށް ދިޔަ ބޯޓުގައި ތިބި މީހުން ގާފަރަށް ގެންގޮސްފައި ވަނީ އެ ރަށު ބަޔަކު ހާދިސާ ހިނގި ސަރަޚައްދަށް ގޮސްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބޯޓުގައި 40 ވަރަކަށް މީހުން ތިބި ކަމަށާއި އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ.

ސަމްއާން ވިދާޅުވީ ގާފަރުގެ ހުރިހާ ރައްޔިތުން އެއްބާރުލުމާއެކު ގާފަރަށް ގެނައި އެންމެނަށް އެ ރަށުގައި ހުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސައި ދީފައިވާ ކަމަށެވެ.

އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގާފަރުގެ ހުރިހާ ރައްޔިތުން ވެސް ހަރަކާތްތެރިވާ ކަމަށާއި އެކަމުގައި ރަށު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ލަންދޫ ބޯޓު އަޑިއަށްދިޔުމާ ގުޅިގެން އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުޙައްމަދު ވަނީ އެ ހާދިސާގައި ގެއްލުން ލިބުނު އެންމެހައި ފަރާތްތަކަށް ހިތްވަރު ދެއްވައި އެ ހާލަތުން އަރައިގަތުމަށް އެދި މާތްﷲގެ ހަޟުރަތުގައި ދުއާ ދަންނަވާފައެވެ.