30 Mar 2012, 20:54
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ވަފުދެއް ރާއްޖެ އައީ ރާއްޖޭގެ އިގްތިސޯދީ ހާލަތު ދެނެގަތުމުގެ ދިރާސާއެއް ކުރުމަށް ކަމަށާއި އެ ވަފުދުން ރާއްޖެއަށް ފައިސާގެ އެހީއެއް ދިނުމަށް މަޝްވަރާ ނުކުރާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.
އެމްއެމްއޭއިން ބުނީ ރާއްޖެއަށް މިހާރު ޒިޔާރަތްކޮށްގެން އުޅޭ އައިއެމްއެފްގެ ވަފުދުން ރާއްޖެއަށް އެއްވެސް މާލީ އެހީއެއް ދިނުމަށް އަދި އައިއެމްއެފްގެ ސްޓޭންޑްބައި ފެސިލިޓީއާ ބެހޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.
"މި ވަފުދުގެ ހަމައެކަނި ބޭނުމަކީ ރާއްޖޭގެ އިގްތިސޯދުގެ މިހާރުގެ ހާލަތުދެނެ ގަތުމެވެ،" އެމްއެމްއޭން އާންމުކުރި ބަޔާނުގައިވެ އެވެ.
ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު ސަން އޮންލައިނަށް މިއަދު ވިދާޅުވީ އައިއެމްއެފްގެ ވަފުދާއި އެކު ކުރެއްވި މަޝްވަރާތަކުގައި އައިއެމްއެފުން ފައިސާގެ އެހީއެއް ހޯދުމަށް މަޝްވަރާ ނުކުރައްވާ ކަމަށާއި އަދި ރާއްޖެއާ މެދު އައިއެމްއެފުން އެއްވެސް ފިޔަވަޅެއް އެޅުމާ ގުޅޭގޮތުން ވެސް މަޝްވަރާ ނުކުރައްވާ ކަމަށެވެ.
"އެބޭފުޅުންނާ އެކު މަޝްވަރާ ކުރެއްވީ ރާއްޖޭގެ ހާލަތާ ގުޅޭގޮތުން. އާމްދަނީ އިތުރުކޮށް ހަރަދުކުޑަކޮށް މިގޮތަށް ހުރި ކަންބޮޑުވާ ކަންތައްތަކާ މެދު މަޝްވަރާ ކުރީ،" ޖިހާދު ވިދާޅުވި އެވެ.
މި މަހުގެ 25 އިން ފެށިގެން ރާއްޖެއަށް ކުރާ ޒިޔާރަތުގައި އައިއެމްއެފްގެ ވަފުދުން ވަނީ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އާއި ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދާ ވެސް ބައްދަލުކުރައްވާފަ އެވެ. އައިއެމްއެފްގެ މިޝަންގައި ހިމެނެނީ ޗީފް، ޖޮނަތަން ޑަން އާއި ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ކޯޝީ މަތާއި އާއި ސީނިއާ އިކޮނޮމިސްޓް މިސް އިޔާބޯ މާޝާ އާއި އިކޮނޮމިސްޓް ރޮބަރޓް ގްރެގާ އާއި އިކޮނޮމިސްޓް ކެނިޗިރޯ ކަޝިވަސޭ އާއި އަލްޓަނޭޓިވް އެގްޒެކްޓިވް ޑިރެކްޓާ ސާމި ގިއޭޑާ އެވެ.