31 Aug 2022, 22:32
ނިއުޔޯކްގެ ފްލަޝިން މެޑޯސްގައި މިހާރު ކުރިއަށްދާ ޔޫއެސްއޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ސްޕެއިންގެ ރަފައެލް ނަޑާލް ހޯދައިފިއެވެ.
ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެނުންގެ ސިންގަލްސް އިވެންޓްގެ ދެވަނަ ބުރަށް ނަޑާލް ދަތުރުކޮށްފައިވަނީ އޮސްޓްރޭލިއާގެ ހިޖިކާޓާ އާ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ނަޑާލް ކާމިޔާބުކޮށްފައިވަނީ، 1-3 ސެޓުންނެވެ.
މިމެޗުގެ ފުރަތަމަ ސެޓް ކުރިން ހީކުރިގޮތާ ޚިލާފަށް ގެންގޮސްފައިވަނީ ހިޖިކާޓާއެވެ. ފުރަތަމަ ސެޓް ހިޖިކާޓާ ގެންގޮސްފައިވަނިކޮށް ނަޑާލް ވަނީ ކުޅުން ރަނގަޅުކޮށް ދެވަނަ ސެޓް 2-6ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. މި މެޗުގެ އަނެއް ދެ ސެޓް ނަޑާލް ގެންގޮސްފައިވަނީ، 3-6ގެ ނަތީޖާއަކުންނެވެ.

ނަޑާލް ހިޖިކާޓާ އާ ދެކޮޅަށް ކުޅެނީ --- ފޮޓޯ/ ޔޫއެސްއޯޕަން
މުބާރާތުގެ ދެވަނަ ބުރުގައި ނަޑާލް ނިކުންނާނީ، އިޓަލީގެ ފޮގްނިނީއާ ދެކޮޅަށެވެ.
ނަޑާލް މިފަހަރުގެ މުބާރާތަށް ނިކުތީ ކޮންމެވެސް ވަރަކަށް އަނިޔާގައި ހުރެގެންނެވެ. ޖުލައިމަހު ބޭއްވި ވިމްބަލްޑަން ޓެނިސް މުބާރާތުގައި ނަޑާލްގެ ބަނޑަށް އަނިޔާ ވުމާ ގުޅިގެން އޭނާ ވަނީ، ސެމީފައިނަލާ ހިސާބުން މުބާރާތް ދޫކޮށްލާފައެވެ.
ދުނިޔޭގެ ތިންވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތުހުރި ނަޑާލް ވަނީ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ތަށި ހަތަރު ފަހަރެއްގެ މަތިން ހޯދާފައެވެ. މި މުބާރާތުގެ ތަށި ނަޑާލް އެންމެފަހުން ހޯދާފައިވަނީ 2019 ވަނަ އަހަރެވެ.