03 Sep 2022, 11:38
އަހަރެންގެ ޖަވާބަކަށް އޭނާ މަޑެއް ނުކުރެއެވެ. އަހަރެން އެހާ އަވަހަށް ކޮޓަރީގެ ދޮރު ހުޅުވައިލިއިރު، ރައުފާ ފެންނަންވެސް ނެތެވެ. ކޮޓަރިއަށް ވަނުމުގެ ބަދަލުގައި އަހަރެން ނުކުތީ ބޭރަށެވެ. ޖެހިގެން ހުރީ، އާނާގެ ކޮޓަރިހެން ހީވެގެން އެދިމާއަށް ދިޔައީމެވެ. ދޮރު ހުރީ ކުޑަކޮށް ހުޅުވާފައެވެ. ކޮޓަރީގައި އޭސީ ޖައްސާފައި ހުރުމުން، ދޮރު ކައިރި ފުދޭ ވަރަކަށް ފިންޏެވެ. ކޮޓަރި ތެރެއިން އިވުނީ ޓީވީގެ އަޑެވެ. އެއީ އާނާގެ ކޮޓަރިކަން ޔަގީންވީ، ޓީވީއިން އަޅުވާފައި ހުރި ކާޓޫނުގެ އަޑު އިވުމުންނެވެ. ކުޑަކޮށް ގުދުވެލައި، ކޮޓަރީގެ އެތެރެ ފެނޭތޯ ހޯދައިލީމެވެ. ކުޑަކުޑަ އާނާ އެދުމަތީގައި އޮށޯވެލައިގެން އޮތެވެ. އާނާގެ ކައިރީގައި އެހެން ކުއްޖަކު އިށީނދެލައިގެން އިނެވެ. ޔާނިޝް ފެންނާކަށް ނެތެވެ.
"މިތާ ކީއްކުރަނީ؟....." ޔާނިޝްގެ އަޑު އައީ އަހަރެންގެ ފަހަތުންނެވެ.
********
އަހަރެން ދިޔައީ ސިއްސައިގެންނެވެ. ޔާނިޝް ކޮޓަރިން ނުކުތީ ކޮންއިރަކު ހެއްޔެވެ؟ ރައުފާ އާއިއެކު އަހަރެން އައި އިރުވެސް ޔާނިޝް އުޅުނީ އެ ކޮޓަރީގައެވެ. ވަގު ހިފުނީ އަހަރެން ހީވެސް ނުކުރާފަދަ ގޮތަކަށެވެ. އަހަންނާއި ދޭތެރޭ ޔާނިޝް ހީކުރާނީ ކިހިނެތް ކަމެއްވެސް ނޭނގެއެވެ.
ލަސްލަހުން ފަސްއެނބުރި ބަލައިލީމެވެ. ޔާނިޝް ހުރި ގޮތަކުން އެހެން ދިމާއަކަށް ނަޒަރު ހުއްޓައިލަން މަޖުބޫރުވިއެވެ. ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓާލައިގެން ހުރިއިރު، ޔާނިޝްގެ ހަށިގަނޑުން ބޮޑު ބައެއް ފެންނަން ހުއްޓެވެ. ބަނޑުގެ މަސްތައް އެތުރިފައިވާލެއް ތަރުތީބުކަމުން އެ މަންޒަރު ހިތުގައި ބިންވަޅު ނެގުނު ކަހަލައެވެ. މުޅި ގައިން ހީބިހި ނަގައިގަތެވެ. އޭގެ ކުރިން އެއްވެސް ފިރިހެނަކު އަހަރެންގެ ކުރިމަތީގައި އެފަދަ ގޮތަކަށް ނުހުރެއެވެ. އަހަރެން ކަންބޮޑުވީ، ހިނދުކޮޅަކަށް ނަމަވެސް އަހަރެންގެ ނަޒަރު ޔާނިޝްގެ ހަށިގަނޑަށް ހުއްޓިފައިވާ ތަން އޭނާއަށް ފެނުމުންނެވެ.
"އަހަރެންތަ ތި ހޯދަނީ؟..." ތެމިފައިވާ ގަމީސް ހަށިގަނޑާއި ވަކިކޮށްލަމުން ޔާނިޝް އަހައިލިއެވެ.
ލާނެތްކަމެއް ޔާނިޝްގެ މޫނުމަތިން ނުފެނުނު ނަމަވެސް، އޭނާ އެ ސުވާލުކުރީ އަހަރެން ރަކިކޮށްލަން ކަން އެނގުނެވެ. ވަކީން ހާއްސަކޮށް ޔާނިޝް އެތަނުގައި ހުރެފައި ގަމީސް ބޭލުމުން، އަހަރެން މާ ބޮޑަށް ލަދުގަތެވެ. އެއީ ޔާނިޝް ގަސްދުގައި ކުރި ކަމެކެވެ. އެ މަންޒަރު މީހަކަށް ފެނިދާނެތީ ވަށައިގެން ހޯދައިލެވުނެވެ.
"އަހަރެން ކުރި އެއްވެސް ސުވާލަކަށް ރުއާ ޖަވާބެއް ނުދެމެއްނު..." ޔާނިޝް ބުނެލިއެވެ. "ރުއާ ހަމައެކަނި އަހަންނާ ވާހަކަ ދައްކަނީ އަހަރެން ގޯސް ކަމެއް ކުރީމަތަ؟...."
ޔާނިޝް މަޑުމަޑުން އަހަންނާއި ދިމާއަށް އަންނަން ފެށިއެވެ. އެ ތޫނު ދެލޯ ހުއްޓިފައިވީ ސީދާ އަހަރެންގެ މޫނަށެވެ. އަހަރެންގެ ހިތުގެ އިހުސާސްތައް ދެނެގަންނަން އޭނާ މަސައްކަތްކުރާ ކަހަލައެވެ. ލާން އުޅުނު ނޭވާގެ މަތީންވެސް ހަނދާންނެތުނެވެ. ޔާނިޝްގެ އެފަދަ އަދާތަކުން އަހަރެންގެ ހިތް ހުއްޓިދާ ފަދައެވެ. ކިތަންމެ ވިސްނައިގެން ހުއްޓަސް، އެފަދަ ގޯނާތަކަށް އާދައެއް ނުވެވުނެވެ.
"މީ މީ.. ކޮޓަރި..." ޔާނިޝް އާއި ދިމާއަށް ނުބަލަން މަސައްކަތް ކުރަމުން އަހަރެން ބުނީމެވެ.
ކިތަންމެ ހަމަޖެހިފައި ވާހަކަ ދައްކަން އުޅުނު ނަމަވެސް، އަހަރެންގެ އަނގަ އޮޅުނެވެ. ޔާނިޝް އެފަދަ ގޮތަކަށް އަހަރެންގެ ކުރިމަތީގައި ހުއްޓައި، އަހަންނަށް ރަނގަޅަށް ކޮޅަށްވެސް ނުހުރެވޭނެއެވެ. އެފަދަ ހާލެއްގައި ވާހަކަ ދެއްކުން އެއީ އަހަންނަށް ކުރެވުނު މޮޔަކަމެކެވެ. ޔާނިޝްއަށް އިތުރު ހިތްވަރެއް ލިބުނު ކަހަލައެވެ. ކުރިއަށްވުރެ ބޮޑަށް އޭނާ އަހަންނާއި ކައިރިވެލިއެވެ. އަހަރެން ފަހަތަށް ޖެހިލީމެވެ. ފާރުގައި ޖެހުމުގެ ކުރިން ޔާނިޝް އަހަރެންގެ ބޮލުގެ ފުއްކިބައިގައި ހިފަހައްޓައިލިއެވެ. އެވަގުތު ދުވީ ފިރެހެންވަންތަ ސެންޓެއްގެ މީރު ވަހެވެ.
"ކަމެއް ކޮށްދީފާނަންތަ؟..." އެހާ ކައިރިންވެސް އަހަރެންގެ މޫނަށް ބަލައިލަމުން ޔާނިޝް ސުވާލު ކުރިއެވެ.
އަހަރެން ހުރީ ނޭވާލާންވެސް ހަނދާންނެތިފައެވެ. ދެ ހަށިގަނޑުގެ ހޫނުކަން އެކަކު އަނެކަކަށް އިހުސާސްވާހައި ކައިރީގައި ހުންނަން ޔާނިޝްއަށް ކެތްވިޔަސް، އަހަރެންގެ ހިތް ތެޅިފޮޅެނީއެވެ. އަހަންނަށް ކުރެވެމުންދިޔައީ އުޑާއި ބިމާއި ދެމެދު ފިތެމުންދިޔަ ކަމުގެ އިހުސާސެވެ. އެއީ ނުރައްކާތެރި އިހުސާސެކެވެ. ޔާނިޝްއަކީ އިންޒާރެއް ދިނުމެއްނެތިވެސް އޭނާ ބޭނުންވާ ކަންތައް ކޮށްލާ މީހެކެވެ. ވީއިރު، އަހަރެންގެ ހުއްދައަށް އެދުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟
އަހަންނަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. ޔާނިޝް ކޮއްޕައިލާފައި ދުވެ ފިލަން އެތައް ފަހަރަކު ހިތަށް އެރިއެވެ. ހިތްވަރެއް ނުލިބުނެވެ. މުށްކެވިފައިވާ ދެއަތް ފާރުގައި ޖައްސާލައިގެން ހުރުން ނޫންކަމެއް ނުކުރެވުނެވެ. ޔާނިޝްގެ ނޭވާގެ ހޫނުކަން މޫނަށް އިހުސާސްކުރެވުނެވެ. ނުރައްކާތެރި ދަރަޖައަކަށް އެ މޫނު ކައިރިވިކަން އެނގުނެވެ. ކޮނޑުމަތީގައި މަޑު އެއްޗެއް ޖެހުމާއިއެކު، ޔާނިޝް ދުރަށްޖެހިލިކަމުގެ އިހުސާސް ކުރެވުނެވެ. އަހަރެން ކުޑަކޮށް ލޯ ހުޅުވައި ބަލައިލީމެވެ. ޔާނިޝް ހުރީ ފުރަގަސްދީގެންނެވެ. ދެ ޖީބަށް އަތް ޖަހާލައިގެން ހުރެފައި، ފަސްއެނބުރި އަހަންނާއި ދިމާއަށް ބަލައިލިއެވެ. އޭރު އެ ތުންފަތުގައިވީ ލާނެތް ހިނިތުންވުމެކެވެ.
"ރުއާގެ ވިސްނުން ވަރަށް ކަމުނުދޭ... އަބަދު ތިހުންނަނީ ގޯސް ހިޔާލެއްގަ... ދެން ކިހިނެތް ވާހަކައެއް ބުނާނީ؟..." މަލާމާތުގެ ރާގަކަށް ޔާނިޝް ހީލިއެވެ. "ތި ޓީޝާޓު އިސްތިރިކޮށްލަދީފާނަންތޯ އަހަން އުޅުނީ..."
އަހަރެންގެ އެތެރެހަށި އަނދައިގަތެވެ. ދެއަތް މުށްކެވުނެވެ. ދަތްކުނޑި ވިކައިލެވުނެވެ. ރުޅިގަދަވެގެން ދެލޮލަށް ކަރުނަ ޖަމާވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. ކަރުނަތައް ހިންދައިލުމުގައި ކާމިޔާބު ހޯދުނު ނަމަވެސް، އަހަރެންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ޓީޝާޓެއް އިސްތިރިކުރަން ބޭނުންވިޔަސް އަހަންނާއި އެހާ ކައިރިވާންޖެހޭ ހެއްޔެވެ؟ ދުރުގައި ހުރެގެން ޔާނިޝް ބުނަން ބޭނުންވާ ވާހަކައެއް ނުބުނެވެނީ ހެއްޔެވެ؟ ގޯސްވީ އަހަރެންގެ ނިޔަތެވެ. ޔާނިޝް ކޮންމެ ފާޑަކަށް އުޅުނަސް ވަރިހަމައެވެ. އަހަންނަކީ އަޑު އިވުމުގެ މައްސަލަ ހުރި މީހެއް ނޫންކަން ޔާނިޝްއަށް ރަނގަޅަށް އެނގޭނެއެވެ. ޔާނިޝްގެ މަގުސަދަކީ ގަސްދުގައި އަހަރެން ތެޅުވުމެވެ.
އައި ރުޅިން ކޮނޑުމަތީގައި އޮތް ޓީޝާޓު ނަގައި ޔާނިޝް އާއި ދިމާއަށް ހޫރައިލީމެވެ. ޔާނިޝް ހުށިޔާރުކަމާއިއެކު ޓީޝާޓުގައި ހިފިއެވެ.
"މީ އާނާގެ ކޮޓަރިކަން ރުއާއަށް އެނގޭދޯ؟..." އިސްތިރިކުރާ މޭޒާއި ދިމާއަށް ހިނގައިގަނެފައިވެސް ޔާނިޝް ހުއްޓުނެވެ. "އާނާގެ މޫޑު އެހާ ރަނގަޅެއް ނޫން... ރުއާ އަދި އެކޮޓަރިއަށް ނުވަނިއްޔާ ރަނގަޅީ..."
ޔާނިޝް އެހާ ފާޅުކަން ބޮޑު ގޮތެއްގައި އާނާގެ ކޮޓަރިއަށް ވަނުން މަނާކޮށްފާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. އެކަމާއި ވަކީން ރުޅިގަދަވިއެވެ. ޔާނިޝްގެ ދަރިއަކު ބެލުމަކީ އަހަރެން އެއްގޮތަކަށްވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ވަކީން ހާއްސަކޮށް ޔާނިޝްގެ އެ ހުންނަ ސިފައެއްގެ ސަބަބުން އެއް ކަމެއްވެސް ރަނގަޅަށް ކޮށްދޭކަށް އަހަރެންގެ ހިތަށްވެސް ނާރައެވެ. އާނާގެ ކޮޓަރިއަށް ނުވަދެ އުޅުމަކީ އަހަންނަށް އެންމެ ފަސޭހަ ގޮތެވެ. އެކަމަކު، އެކަމާއި އުފަލެއް ނުވެވުނެވެ. ކައިވެނީގެ ކުރިން ޔާނިޝް ބުނީ އާނާ ބެލުމަކީ އަހަރެން ކުރަންޖެހޭނެ ކަމެއް ކަމުގައެވެ. ކުއްލިއަކަށް ޔާނިޝްގެ ހިޔާލު ބަދަލުވީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ހިތް ޝައްކުން ފުރުނެވެ. ފިކުރުތަކުގައި ހުއްޓައި، އިސްތިރިކޮށްގެން ޔާނިޝް އައި އިރުވެސް ނޭނގުނެވެ.
"އާނާގެ މޫޑް ރަނގަޅުވީމަ ފަހުން އިންޓްރޮޑިއުސް ކޮށްދޭނަން..." ޓީޝާޓު ލައިގެން އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓިލަމުން ޔާނިޝް ބުނެލިއެވެ.
"ދެން ނޫޅެން އެއްވެސް ކަމެއް ކުރާކަށް..." އަހަރެން ތުން ފިއްތައިލީމެވެ.
ފިޒާ ސިޑިން އަރައިގެން އަންނަ ތަން ފެނުމުން ޔާނިޝް ކުއްލިއަކަށް އަހަރެންގެ އަތުގައި ހިފައިލިއެވެ. އަހަރެންގެ ހިމަ ހޯލިކޮޅެއްފަދަ އިނގިލިތަކުގެ ތެރެއަށް، އޭނާގެ ދިގު އިނގިލިތައް މަހައިލީ ދާދި ފަސޭހައިންނެވެ. އައި ރުޅީގައި ޔާނިޝްގެ އަތް ފޮޅުވައިލަން އުޅުނީމެވެ. ޔާނިޝް ހުރީ އެއަށްވުރެ ބާރަށް ހިފަހައްޓައިގެންނެވެ.
"ދޫކުރޭ..." ދެދަތްޕިލަ ޖައްސައިގެން ހުރެ ބުނެލީމެވެ.
ފިޒާގެ ނަޒަރު އަހަރެމެންގެ ގުޅި ލާމެހިފައިވާ އަތަށް ހުއްޓުނެވެ. ވަގުތުން އެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އަހަރެމެންގެ ގުޅުމާއިމެދު އޭނާ އުފާކުރާ ކަހަލައެވެ.
"އޯހްހްހްހް.... ހޫމްމްމް... ހޫމްމްމް..." ފިޒާ ދިމާކުރާ ރާގަކަށް އަޑެއް ލައްވައިލިއެވެ. "ހާދަ ލޯބިވާ ދެކުދިންނޭ... ލަވްބާޑްސް... ކޮޓަރި އެބަހުރި އިނގޭ އެކޮޅުގަ... ނައިޓްވެސް އޮތީ ހަމަ ކުރިއަށް... ތިއްތި ބޭނުމިއްޔާ ކޮޓަރި ފުރެންދެން ފިނިފެންމާ ފިޔަ އަޅާދީފާނަން... ކޭންޑްލްސްތަކާ އެއްޗެހި ރޯކޮށްފަ..."
"ހާދަ އަނގަގަދަ ކުއްޖެކޭ... ދެން ނެތްތަ ކުރާނެ ކަމެއް؟..." ޔާނިޝް ހީގަތެވެ. "އިހަށްދުވަހު ކިޔަވާ ނިންމީ... ފިޒައްކޮ ކޮންތާކުން ތިހުރިހާ ކަމެއް ދަސްކުރީ؟..."
"ސިމްޕަލް... މިހާރު ކުޑަކުއްޖަކަށްވެސް އެވަރު އިނގޭނެ..." ފިޒާ ޗޮކެއް ކަނޑައިލިއެވެ.
"ފިޒައްކޮ ވާހަކަ ދައްކާއިރު ކޮންމެވެސް ވަރަކަށް ވިސްނަން އެބަޖެހޭ... ކުޑަކުދިންގެ ލިސްޓުގަވެސް ނުހިމެނޭ މީހުން މިގޭގަ އެބަ އުޅޭ...." އަހަރެންގެ އަތަށް ފިތައިލަމުން ޔާނިޝް ބުނެލިއެވެ.
ފިޒާ އާއި ޔާނިޝް ދައްކަމުންދިޔަ ވާހަކައިން އަހަންނަށް އިސް އުފުލައިލަންވެސް ނުކެރުނެވެ. ލަދުން ހަލާކުވާވަރު ވިއެވެ. ޔާނިޝް ގަސްދުގައި އަހަންނަށް ޖެއްސުން ކުރަނީކަން އެނގުނެވެ. ޔާނިޝްގެ އަތް ނައްޓުވައިލަން އުޅެއުޅެ އެކަމެއް ނުވިއެވެ. ޔާނިޝް ހީވަނީ އަހަރެން ލަދުގަންނުވައިލާނެ ގޮތެއް ނުފެނިގެން އުޅޭ ހެންނެވެ. ފިޒާ ދިމާކުރުމުންވެސް އޭނާ ލަދުގަތްހެނެއް ހިއެއްނުވެއެވެ. ވާނީވެސް އެހެންތާއެވެ. އަހަންނަށް އައު ކަމަކަށް ވިޔަސް، ޔާނިޝްއަށް އެއީ އައު ކަމަކަށް ނުވާނެއެވެ. އާނާގެ މަންމަ އާއިއެކު އެންމެންގެ ކުރިމަތީގައި ހުންނާނީ އެތައް ގޮތަކަށް އުޅެފައިކަން ޔަގީނެވެ.
"މަންމަ ބުނީ ލަވްބާޑް އަވަހަށް އަންނާށޯ ސައިބޯން..." ހިނގަނޑު މައިތިރިކުރަމުން ފިޒާ އަހަރެންގެ ސަލާމަތުން އޮތް އަތުގައި ހިފައިލިއެވެ. "ތިއްތި ދެން ދޫކޮށްލަންވީނު ދޯ... އަބަދު ތިހެން ހިފާއްޓާގެން ހުންނަންޏާ އަންހެންކުދިން ވަރަށް އަވަހަށް ފޫހިވާނެ... ތެޔޮނާށި ކާޅު ޖަހައިގަނެފާނެ..."
"ފިޒައްކޮއަށް ނޭނގެއެއްނު ރަނގަޅަށް އެއްޗެއް ކިޔަންވެސް..." ފިޒާގެ ނިތްކުރީގައި އިނގިލި ޖައްސައި ފަހަތަށް ކޮއްޕައިލަމުން ޔާނިޝް ބުނެލިއެވެ. "ތެދެއް؟... ދޫކޮށްލަންވީ؟..."
ޔާނިޝް ލާނެތް ގޮތަކަށް ހީލާފައި އަހަރެންގެ މޫނަށް ބަލައިލިއެވެ. އަހަރެން ވަގުތުން ލޯ އަޅައިލީމެވެ. އަހަރެންގެ އަތުގައި ހިފީ ހުއްދަ ހޯދައިގެނެއް ނޫނެވެ. ވީއިރު، ދޫކޮށްލުމުގެ ހުއްދައަށް އެދެންވީ ކީޢްކުރަން ހެއްޔެވެ؟
ޔާނިޝް އަހަރެންގެ އަތުން ދޫކޮށްލިއެވެ. ދަނޑިވަޅުގެ ބޭނުން ހިފައި، ފިޒާ އާއިއެކު ތިރިއަށް ދިޔުމަށް ހިނގައިގަތީމެވެ. ސިޑިން ފައިބައިގެން ދިޔައިރު، އެންމެން ތިބީ އޮލަ ވާހަކައެއްގައެވެ. އަހަރެން ފެނުމުން ވަގުތުން އެ ވާހަކައެއް ހުއްޓައިލިއެވެ. އަވަހަށް މައުޟޫއު ބަދަލުކޮށްލިކަން އެނގުނެވެ. ރައުފާ އަހަންނަށް ބަލައިލީ ފާޑަކަށެވެ. އޭނާ އަހަންނާ އެހާ ގަޔާނުވާ ކަހަލައެވެ.
ސައިބޯން އެކި ވައްތަރުގެ އެއްޗެހި ހަދާފައި ހުއްޓެވެ. މޭޒުމަތި ފުރާލާފައިވާ ކާތަކެތީގެ މީރުވަސް ހުރީ، މުޅި ތަނުގައި ހަރުލާފައެވެ. ވަހުން އެކަނިވެސް ބަނޑު ފުރޭހައިވެއެވެ. ޔާނިޝްގެ މަންމަ ހުރީ އަހަރެމެންގެ ހިދުމަތުގައެވެ. ކައިރިން ދުރަށްވެސް ނުދެއެވެ. ކާން އެރުމުން ޖޫހާއި ފެން އަޅައިދިނެވެ. ތަށިތައް ކައިރިކޮށްދީ ހެދިއެވެ. ކުރިއަށް އޮތް ތަނުގައި ކެއުމުގެ ކަންތައް ކިހާ ވަރަކުން ދާނެބާއޭ ހިތަށް އެރިއެވެ. ހިތް ޝައްކުވެފައި އިނުމުން އަހަންނަށް ކެވުނީ ވަރަށް ކުޑަކޮށެވެ. އެކަމާއިވެސް ޔާނިޝްގެ މަންމަ ޝަކުވާ ކުރިއެވެ.
"ތިހާ ކުޑަކޮށް ކާތީއޭ ދަރިފުޅު މާ ބޮޑަށް ހިކި އަނަރޫފަވެފަ ތިހުރީ...." ޔާނިޝްގެ މަންމަ އަހަރެންގެ ބުރަކަށީގައި ފިރުމައިލިއެވެ. "ގިނައިން ކާންވާނެ... ދަރިފުޅުގެ މަންމައަށް ދެން ފެންނައިރު، އެހެން މީހެކޭ ބުނާ ވަރު ކުރަންވާނެ... އޭރުން ދަރިއަކު ހޯދާއިރު ގައިގަ ވަރު ހުންނާނީ..."
ފެންތަށި ބޯން އިންދައި ކޮށި އެރިއެވެ. ކައިވެނިކޮށްގެން އަދި މިއުޅެނީ ހަފްތާއެއް ނުވެއެވެ. އެހާ އަވަހަށް ދަރިއަކު ހޯދާ ވާހަކައެވެ. ހިތްހަމަނުޖެހުނު ވަރުން ޔާނިޝް އާއި ދިމާއަށް ބަލައިލެވުނީ ނުރުހިފައެވެ. ހަމަޖެހިލައިގެން އިނދެ ޔާނިޝް ކަމުންދިޔައިރު، އެތަނުގައި މީހަކު ވާހަކައެއް ދައްކާ އަޑު އޭނާއަށް ނުވެސް އިވޭ ކަހަލައެވެ.
ސައިބޮއެ ނިންމާލިގޮތަށް ޔާނިޝް ދިޔައީ ބޭރަށެވެ. އަހަރެން ހުރީ އެންމެންގެ ތެރެއިން ސަލާމަތްވާނެ ގޮތެއް ނޭނގިފައެވެ. ޔާނިޝްގެ ގެއަކީ ޖަލެއް ފަދައެވެ. ވަންނަންވީ ތަންތަނާއި ނުވަންނަންވީ ތަންތަނަކީ ކޮބައިކަމެއް ނޭނގެއެވެ. ކޮޓަރިއަށް ދާކަށްވެސް ނުކެރުނެވެ. ސޯފާގައި އިންދާ، ފިޒާ އައިސް ފިހާރައަކަށް ދާން އެދުނެވެ.
އުޑުމަތި އޮތީ ބަނަކޮށެވެ. ހީވަނީ ދެންމެދެންމެ ވާރޭ އޮއްސައިލަފާނޭ ހެންނެވެ. މަގުތަކުގައި ފެންބޮޑުވެފައެވެ. ގެއިން ނުކުންނައިރު ކުރިމަތީގައި ބޮޑު ފިހާރައެއް ހުރިނަމަވެސް، ފިޒާ ހިނގައިގަތީ ދުރަށެވެ.
"ތިއްތަވެސް އެތަނަށް ނުވަންނާތި..." އަހަރެން ސުވާލުކުރަން އުޅޭހެން ހީވެގެން ކަންނޭނގެއެވެ. ފިޒާ ބުނެލިއެވެ. "ވަރަށް ފާޑެއްގެ މީހެއް އިންނާނީ އެތާ ސޭޓަކަށް... ގޭ އެކަކުވެސް އެ ފިހާރަޔަކަށް ނުވަންނާނެ..."
"ކޮންކަހަލަ މީހެއް؟..." އަހަރެން ޝައުގުވެރިވެފައި އަހައިލީމެވެ.
"ވަރަށް ގޯސް މީހެއް..." ފިޒާގެ މޫނުން ފެނުނީ ނުތަނަވަސްކަމެވެ. އެވާހަކަ ދައްކަން އޭނާއަށް އުނދަގޫވާ ކަހަލައެވެ. "އޯކޭދޯ ތިއްތަ ކިޔަސް؟... ތިއްތި ދައްތަ ކިޔަން މާ އުނދަގުލީ..."
އަހަރެން ބޯ ޖަހައިލީމެވެ. ކިތަންމެ އެނގެން ބޭނުންވެފައި ހުރިނަމަވެސް، ފިހާރައިގައި އިން މީހާއާއި ބެހޭގޮތުން އިތުރަށް ސުވާލު ކުރާކަށް ނުކެރުނެވެ.
މަގުމަތީގައި މީހުން ގިނައެވެ. ހަނި މަގުގެ ދެފަރާތުގައި ޕާކުކޮށްފައިވާ ދުއްވާ އެއްޗެހި ގިނަކަމުން، ހިނގާބިނގާވެ އުޅެން އުނދަގޫވިއެވެ. ފިޒާ މަގުމައްޗަށް ފަރިތައެވެ. ހަނި ދޭތެރެއިން ދެމިގަންނައިރު، އަހަރެން އުޅެންޖެހެނީ، ދުއްވާ އެއްޗެހީގެ ކިބައިން ސަލާމަތް ނުވެވިގެންނެވެ.
ފިހާރައާއި ހަމައަށް ދެވުނުއިރު އަހަރެން ހުރީ ރީއްޗަށް ވަރުބަލިވެފައެވެ. ލައިގެން ހުރި ދިގު ހެދުމުގެ ފަސްބައި އެއްކޮށް ތެމިފައި ހުރުމުގެ ސަބަބުން އަހަރެން ހުރީ ހެދުން ކުޑަކޮށް ހިއްލާލައިގެންނެވެ. ފިޒާ ފިހާރަ ތެރެއަށް ވަންނަން ދޮރު ހުޅުވައިލި ނަމަވެސް، ކައުންޓަރުގައި ހުރި މީހަކު ފެނި، އަހަރެންގެ ފިޔަވަޅުތައް މަޑުޖެހުނެވެ.
(ނުނިމޭ)