ލެސްޓާސިޓީއަށް ކުޅެމުން އައި ފްރާންސްގެ ޒުވާން ޑިފެންޑަރު ވެސްލޭ ފޮފާނާ ޗެލްސީއަށް ސޮއިކޮށްފިއެވެ.

ޗެލްސީން މިހާރު ވަނީ 21 އަހަރުގެ ފޮފާނާ އެ ކުލަބަށް ބަދަލުވިކަން ރަސްމީކޮށް ހާމަކޮށްފައެވެ. އެގޮތުން ޗެލްސީގެ ރަސްމީ ސޯޝަލް މީޑިއާގެ އެކައުންޓްތަކުން މިހާރު ވަނީ އެ ކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ސަޕޯޓަރުންނަށް ފޮފާނާ ދައްކާލާފައެވެ.

ފޮފާނާ ޗެލްސީއަށް ގެންދިޔަ އަގު އެ ކުލަބުން ރަސްމީކޮށް ނުބުނި ނަމަވެސް، މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފޮފާނާގެ ޓްރާންސްފާ ފީގެ އަގު އުޅެނީ 70 މިލިއަން ޕައުންޑަށްވުރެ މަތީގައެވެ. ޗެލްސީން ފޮފާނާ އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކްލަބާއެކު އޭނާ ހަތް އަހަރުވަންދެން ހުންނާނެއެވެ.

ޗެލްސީއަށް ބަދަލުވުމަށްފަހު މީޑިއާއަށް ފުރަތަމަ ދިން އިންޓަވިއުގައި ފޮފާނާ ބުނީ، މިދިޔަ ދެ ދުވަހަކީ އޭނާގެ ހަޔާތުގައި ކުރިމަތިވި ބޮޑު ދެ ދުވަސްކަމަށާއި، ނިންމުނު އެ ނިންމުމާމެދު ވަރަށް އުފާވާކަމަށެވެ.

"މިއަދު ހެނދުނު ޓީމާއެކު ފަރިތަކުރުންތަކުގައި އަހަރެން ބައިވެރިވިން. މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. ބޭނުންވަނީ ޗެލްސީ އާއެކު ގިނަ ތަށިތަކެއް ހޯދަން،" ފޮފާނާ ބުންޏެވެ.

ފޮފާނާއާ ގުޅޭގޮތުން ޗެލްސީގެ ޗެއާމަން ޓޮޑް ބޯލީ ވިދާޅުވީ، ފޮފާނާއަކީ ވަރަށް އުއްމީދީ ކުޅުންތެރިއެއް ކަމަށާއި، މިފަދަ ކުޅުންތެރިއަކު އެ ކްލަބާ ގުޅުމަކީ ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށެވެ.

ފޮފާނާއަކީ ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިއެއްކަން އޭނާ ސާބިތުކޮށްދީފައިވާކަމަށް ޓޮޑް ވިދާޅުވިއެވެ. ފޮފާނާ ކަހަލަ ކުޅުންތެރިއަކު ޗެލްސީގެ ސްކޮޑާ ގުޅުމުން މި ސީޒަނުގައި އެ ޓީމް ވަރުގަދަވާނެ ކަމަށް ވެސް ޓޮޑް ފާހަގަކުރިއެވެ.

ޗެލްސީން ވަނީ ފޮފާނާ ގެންދިޔުމަށް މީގެކުރިން އެތައް ފަހަރެއްގެ މަތިން މަސައްކަތްކޮށްފައެވެ. ނަމަވެސް ޗެލްސީގެ ހުށަހެޅުންތަކަށް ލެސްޓާއިން މިހާތަނަށް އައީ ނޫނެކޭ ބުނަމުންނެވެ.

ފޮފާނާ ވަނީ ލެސްޓާސިޓީގައި ދެ ސީޒަން ހޭދަކޮށް މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ ލެސްޓާސިޓީއަށް 37 މެޗް ކުޅެދީފައެވެ. ފޮފާނާ އަކީ މިހާރު ޔޫރަޕް ލީގްގައި ކުޅޭ ޑިފެންޑަރުންގެ ތެރެއިން އެންމެ މޮޅު އެއް ޑިފެންޑަރެވެ.