ރާއްޖެ އެތެރެކުރި ފަސް މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމުން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 25 ވަނަ ދުވަހު، ޕޯސްޓް މެދުވެރިކޮށް ގެނައި ޕެކޭޖްތައް ބަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ޖަރުމަނުން ރާއްޖެ ގެނެސްފައިވާ މި ޕެކޭޖްތަކުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ހަތަރު ޕެކެޓް ފެނިފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމުން ބުނީ އަތުލައިގަތް ހަތަރު ޕެކެޓުގެ ތެރެއިން ދެ ޕެކެޓުގައި ހުރީ 1087 ގްރާމްގެ ކެޓަމައިން ކަމަށެވެ. އަދި އަނެއް ދެ ޕެކެޓުން ފެނިފައިވަނީ 587 ގްރާމްގެ ކޮކެއިން ކަމަށް ކަސްޓަމުން ބުނެއެވެ.

މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއެކު ޖުމުލަ 1،674 ކިލޯ ހުރިއިރު، މި ތަކެތީގެ މަގުމަތީ އަގު، ފަސް މިލިއަން ރުފިޔާއަށް އަރައެވެ.

ކަސްޓަމުން ބުނީ މި މައްސަލައިގައި ޝާމިލުވާ މީހަކާ އަތުލައިގަނެވުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި އިތުރަށް ތަހުގީގުކުރުމަށް ޓަކައި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކޮށްފައިވާ އެއް މިލިއަން ރުފިޔާގެ ޑްރަގު ވެސް ކަސްޓަމުން ވަނީ އަތުލައިގަނެފައެވެ.