ވީޓީވީއަށް ގެއްލުން ދިން މައްސަލައިގެ ތުޙުމަތަށް ތިން މީހަކާއި ކުޑަކުއްޖަކު ފުލުހުން ހޯދަން ފަށައިފި އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖުލީސް ހުޅުވި ޖަލްސާއާ ގުޅިގެން ބަޔަކު ނުކުމެ މާލޭގައި ހިންގި ހަމަނުޖެހުމުގެ މި މަހުގެ 19 ވަނަ ދުވަހު ވިލާ ޓީވީއަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލައިގެ ތަހުގީގަށް މި ހަތަރު މީހުން ފުލުހުން ހޯދަމުން ދަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ހޯދަމުންދާ ހަތަރު މީހުންނަކީ ރ. މަޑުއްވަރި ފެހިއަލި، އިސްމާޢީލް ހައްމާދު 19، އާއި ރ. އަލިފުށީ ޙަމީދީ މަންޒިލް، އަޙުމަދު ޙަމީދު 29، އާއި ރ. އަލިފުށި ޙަމީދީ މަންޒިލް، ޙުސައިން ޙަމީދު 26، އާއި އިތުރުން 17 އަހަރުގެ ކުޑަ ކުއްޖެއް ކަމަށްވާ ހ. ރޯޒެންޑޭލް ޝިފާން ޞަފްރަޠެވެ.

ފުލުހުން ބުނީ މި ހަތަރު މީހުންނާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ އެކަން ފުލުހުންނާ ހިއްސާ ކުރުމަށެވެ.