31 Aug 2022, 16:39
ޔުވެންޓަސް ސެރީއާ ހޯދުމަށް ވާދަކުރާނަމަ މިރޭ ސްޕޭޒިއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާންޖެހޭނެކަމަށް ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނެފިއެވެ.
ޖެހިޖެހިގެން ނުވަ އަހަރު ސެރީއާ ހޯދުމަށްފަހު އެ ޓީމަށް ވޭތުވެދިޔަ ދެ އަހަރުގެ ލީގު ތަށި ވަނީ ގެއްލިފައެވެ. އެހެންކަމުން މި އަހަރުގެ ސީޒަނަށް އެ ޓީމު ނިކުތީ ލީގު ހޯދުމުގެ އަޒުމުގައެވެ.
ނަމަވެސް އާ ސީޒަނާ ކުރިމަތިލައި ޔުވެންޓަސް ކުޅުނު ތިން މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ. އަނެއް ދެ މެޗުން އެ ޓީމު ވަނީ އެއްވަރުވެފައެވެ.
ތިން މެޗު ކުޅުގެން ލިބުނު ފަސް ޕޮއިންޓާއެކު ޔުވެންޓަސް އޮތީ ތާވަލުގެ އަށް ވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި އޮތް ރޯމާ ވަނީ ޔުވެންޓަސްއަށް ވުރެ އިތުރަށް ފަސް ޕޮއިންޓު ހޯދައިފައެވެ.
އެހެންކަމުން ސްޕޭޒިއާއާ ދެކޮޅަށް މިރޭ ކުޅޭ މެޗަކީ އެ ޓީމަށް މުހިންމު މެޗެކެވެ. އެ މެޗުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަމުން އަލެގްރީ ބުނީ މިރޭގެ މެޗަށް ނިކުންނާނީ ޔުވެންޓަސްއިން ނެރެވެން އޮތް އެންމެ ވަރުގަދަ ކުޅުންތެރިންކަމަށެވެ.
އެހެންނަމަވެސް އެ ޓީމުގެ މުހިންމު ކުޅުންތެރިން އަނިޔާގެ ސަބަބުން ކުޅުމުގައި ބައިވެރި ނުވޭތީ އަލެގްރީ ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ޓީމަށް މި ސީޒަނުގައި އެނބުރި އައި ޕައުލް ޕޮގްބާއަށް އަނިޔާވެ އޭނާއަށް ކުޅުމުގައި ބައިވެރިނުވެވޭއިރު އެ ޓީމުގެ ކެޕްޓަން ލިއަނާޑޯ ބޮނައްޗީއަށް މި ސީޒަނުގައި ކުޅެވުނީ އެންމެ މެޗެކެވެ. އޭނާއަށް ވެސް އަނިޔާވެ ކުޅުމުގައި ބައިވެރި ނުވެވޭނެެއެވެ.