ރާއްޖޭގައި ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އަދަދު 15،000 އަށް އަރާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ މިއަދާ ހަމައަށް ހިލޭ ފުރަތަމަ ޑިގްރީ ކިޔެވުމަށް އެންރޯލް ކުރި ކުދިންގެ ޖުމްލަ އަދަދު 15،000 އަށް އަރާފައިވާ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ގައުމު ބިނާކުރުމުގައި ހިއްސާވާ، ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ އަދި މަތީ ތައުލީމު ހާސިލުކޮށްފައިވާ ޒުވާން ޖީލެއް އުފެއްދުން ކަމަށް ރައީސް ވިދާޅުވިއެވެ.

ހިލޭ ފުރަތަމަ ޑިގްރީ ދިނުމަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ. އެ ޕްރޮގްރާމުގެ ދަށުން ކިޔަވައިދޭން ފެށީ 2019 އަހަރުގެ ކުރީކޮޅެވެ.

ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށުމުން ސަރުކާރުގެ ދެ ޔުނިވާސިޓީ ކަމަށްވާ ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީގެ އިތުރުން ބައެއް އަމިއްލަ ކޮލެޖްތަކުން ވެސް ހިލޭ ކިޔެވެއެވެ.