31 Aug 2022, 15:29
އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެފައިވާ ބަންގްލަދޭޝްގެ އަލަމްގީރު ހަތް މަހާއި ހަތް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ދާދި ދެންމެ ހުކުމް ކޮށްފިއެވެ.
ގިނަ ބަޔަކާއެކު އަލަމްގީރު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރުތަކެއް ފެންނަ ވީޑިއޯތަކެއް ލީކްވެފައި ވަނިކޮށް އޭނާ ހައްޔަރުކުރީ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.
އަލަމްގީރުގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ދައުވާ އުފުލައި އަޑުއެހުންތައް ފަށާފައިވަނީ އިއްޔެއެވެ.
އިބްތިދާއީ އަޑުއެހުމުގައި އޭނާ ވަނީ ކުށަށް އިއުތިރާފްވެފައެވެ. އެހެންކަމުން އަވަސް ނިޔާގެ އަޑުއެހުމެއްގެ ގޮތުގައި ކުރިއަށް ގެންގޮސް އަދަބާ މެދު ވާހަކަ ދެއްކުމަށްފަހު މިއަދަށް ވަނީ ހުކުމް ކުރުން ތާވަލް ކޮށްފައެވެ.
އާންމުންނަށް ސިއްރުން ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް މިއަދު ހުކުމް ކުރެއްވީ އަލަމްގީރު ހަތް މަހާއި ހަތް ދުވަހަށް ޖަލަށް ލުމަށް ފަހު ތައުބާ ލައިދިނުމަށެވެ.
އަލަމްގީރް ހައްޔަރުކުރީ ގިނަ އަދަދެއްގެ ބަޔަކާ އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކްވުމާ ގުޅިގެންނެވެ. އޭނާއާއެކު އެ ހުތުރު އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ސީނިއާ މީހެއް ކަމުގައިވާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު ހިމެނެއެވެ. ތަހުގީގަށް ފަހު ބަންދުން އެ މީހުން ދޫކޮށްލާފައިވާއިރު އެ މީހުންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އޭގެ އިތުރުން ބައެއް މުދިމުންނާއި ޓީޗަރުންކަމަށް ބުނާ ބައެއްގެ ވީޑިއޯވެސް ވަނީ ލީކްވެފައެވެ.