30 Mar 2012, 19:00
ލ. ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކެއްގެ ފައި ބިނދި އިތުރު ދެ މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެ އެވެ.
ދެ ސައިކަލް ޖެހުނު މި އެކްސިޑެންޓް ހިނގާފައި ވަނީ ލ. ގަމުގައި މުންޑޫ ކަޅައިދޫ މީހުން އާބާދުވެފައިވާ ސަރަހައްދުގައި މިއަދު ހަވީރު 5:30 އެހާކަންހާއިރު އެވެ. އެކްސިޑެންޓުގައި ފައި ބިނދުނު މީހާއާއި އެކި ޒަހަމްތައްވި ދެމީހުންނަށް ގަމު ރީޖިނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
ގަމު ރީޖިނަލް ހޮސްޕިޓަލް ހިންގުމާއިހަވާލުވެހުރި މުހައްމަދު ސަމަދު ވިދާޅުވީ އެ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ އެއް ސައިކަލް ދުއްވަން އިން 51 އަހަރުގެ ޏ. ފުވައްމުލަކު ފިރިހެނަކަށް ކަމަށެވެ. އަދި އޭނާގެ ސައިކަލުގެ ފަހަތުގައި އިން ބިދޭސީ މީހެއްގެ ގައިގެ އެކިތަންތަން މަށައިގެން ގޮސްފައިވާކަމަށް ވެސް ސަމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 51 އަހަރުގެ މީހާގެ ވައަތު ފައިގެ ދެ ކަށިގަނޑު ބިނދިފައިވާއިރު އޭނާގެ ކަނައަތުގެ ކޮނޑު ހުޅުވެސް ބިންދައިގެން ގޮސްފައިވާ ކަމަށާއި އެ ހޮސްޕިޓަލުން އެކްސްރޭ ހެދޭނެ ގޮތެއް ނެތުމުން އެމީހާ މާލެ ފޮނުވުމަށް ޑޮކްޓަރު އަންގާފައިވާ ކަމަށެވެ.
އެމީހާއަކީ ގަމުގައި ވިޔަފާރި ކުރަމުން އަންނަ މީހެކެވެ.
ސަމަދު ވިދާޅުވީ އަނެއް ސައިލްގައި އިންމީހާގެ ފައިގެ ހަން މަށައިގެން ދިޔުމުގެ އިތުރުން އިތުރު ޒަޚަމްތަކެއް ލިބިފައި ނުވާކަމަށެވެ.
"އެކްސިޑެންޓްގައި ވައަތު ފައިގެ ދެ ކަށިގަނޑު ބިންދައިގެންގޮސްފައިވާ އަދި ކަނައަތުގެ ކޮނޑު ހުޅުވެސް ބިންދިފައިވާ މިހާ މާލެގެންދިޔުމަށް ޑޮކްޓަރު ވަނީ އަންގާފަ. ސަބަބަކީ މި ހޮސްޕިޓަލްގެ އެކްސްރޭ މެޝިންގައި މިވަގުތު މައްސަލަ ޖެހިފައި ވާތީ،" ސަމަދު ވިދާޅުވި އެވެ.