31 Aug 2022, 12:23
މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރުކުރަމުން ދިޔަ އެ އަތޮޅު ލަންދޫ، މާލޭ ދަތުރުކުރާ ބޯޓެއް ކ. ގާފަރު ފަރަށް އަރައި އަޑިއަށް ދިއުމުން ބޯޓުގައި ތިބި މީހުން ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގެ މައުލޫމާތު މިއަދު ހެނދުނު 10:55ގައި ލިބިފައިވާ ކަމަށެވެ. އަދި މިހާރު އެ ހާދިސާ ހިނގި ސަރަހައްދަށް ދިޔުމަށް ކޯސްޓްގާޑުން ދަތުރު ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން ގާފަރު ކައުންސިލަރު މުހައްމަދު ސަމްއާން މިއަދު "ސަން"އަށް ވިދާޅުވީ އަޑިއަށް ދިޔަ ބޯޓުގައި ތިބި އެންމެން ވެސް ރައްކާތެރިކަމާއެކު ގާފަރަށް ގެނެސްފައިވާ ކަމަށެވެ.

ނ. ލަންދޫ މާލޭ ދަތުރުކުރާ ބޯޓެއް ކ. ގާފަރު ފަރަށް އަރައި، ދިޔަވެ، އަޑިއަށް ދަނީ --- ފޮޓޯ/ ޒަހީން އަބްދުﷲ
އަޑިއަށް ދިޔަ ބޯޓުގައި ތިބި މީހުން ގާފަރަށް ގެންގޮސްފައި ވަނީ އެ ރަށު ބަޔަކު ހާދިސާ ހިނގި ސަރަޚައްދަށް ގޮސްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ބޯޓުގައި 40 ވަރަކަށް މީހުން ތިބި ކަމަށާއި އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ.
"ދެންމެ އެގެނައީ އެންމެން. އެހެންވީމަ ސީދާ ނޭނގެ އަދަދެއް. އެކަމު އެންމެން މިހާރު ގާފަރަށް ގެނެސްފި. 40ވަރަކަށް މީހުން އެބައުޅޭ،" އޭނާ ވިދާޅުވިއެވެ.
ސަމްއާން ވިދާޅުވީ ގާފަރުގެ ހުރިހާ ރައްޔިތުން އެއްބާރުލުމާއެކު ގާފަރަށް ގެނައި އެންމެނަށް އެ ރަށުގައި ހުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސައި ދީފައިވާ ކަމަށެވެ.
އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގާފަރުގެ ހުރިހާ ރައްޔިތުން ވެސް ހަރަކާތްތެރިވާ ކަމަށާއި އެކަމުގައި ރަށު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.