ރާއްޖޭގައި ދީނީ ތައުލީމު ދިނުމާއި ދީނީ ނަސޭހަތް ދިނުމުގެ ކަންކަން ހިނގަނީ އިސްލާމީ ދުނިޔޭގެ ބޮޑެތި ގިނަ އިލްމުވެރިން އިއްތިފާގުވާ 'މެދުމިނުގެ' އިންތަކުގެ ތެރޭގައި ކަން ކަށަވަރު ކުރުމުގެ މަސައްކަތް އިތުރަށް ބާރަށް ހިންގުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ ހުށަހަޅުއްވާފައިވަނީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ)އެވެ. އެ މައްސަލަ ހުށަހަޅުއްވަމުން ވައްޑޭ ވިދާޅުވީ އިސްލާމް ދީނުގެ ނަމުގައި އަނިޔާވެރި އަމަލުތައް ހިންގާ އެތައް ބަޔަކު ރާއްޖޭގައި އުޅޭ ކަމަށެވެ.

އެގޮތުން ހަރުކަށި ފިކުރަށް ތަބާވެ އެ ފިކުރުގެ ދިފާއުގައި މީހުން މަރަން ފަސްނުޖެހޭ 1400އަށްވުރެ ގިނަ މީހުން ރާއްޖޭގައި އެބަތިބި ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވެފައިވާކަން ވައްޑޭ ފާހަގަކުރެއްވިއެވެ. އަދި އެފަދަ މައްސަލަތަކުގެ ތެރޭގައި މި މަހުގެ 22 ވަނަ ދުވަހު އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހަށް އަމާޒުކޮށް ތޫނު އެއްޗަކުން ހަމަލާ ދިނުން ހިމެނޭ ކަމަށް ވައްޑޭ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އެއްކޮށްފައިވާ ބައެއް މައުލޫމާތުތަކުގައި ވެސް، ހަރުކަށި ފިކުރު ގެންގުޅޭ އެތައް ބަޔަކު އަނިޔާވެރި އަމަލުތައް ހިންގަމުންދާ ކަމުގެ ހެކި އެއްކޮށްފައިވާ ކަމަށެވެ.

އެފަދަ މީހުން ހަތިޔާރާއި ގޮވާތަކެތި އުފައްދައި، މީހުންނާއި ތަންތަނަށް އަމާޒުކޮށް ހަމަލާ ދީފައިވާ ކަމަށް ވެސް ވައްޑޭ ވިދާޅުވިއެވެ. އަދި ދައުލަތުގެ ގާނޫނީ ނިޒާމު ބަލައިނުގަނެ، ދައުލަތް ކުފުރުކޮށް، ދައުލަތުގެ ވަޒީފާތަކުގައި އުޅޭ ބައެއް މީހުންނަށް ހަމަލާދިނުން ތަކުރާރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވައްޑޭ ވިދާޅުވީ ރާއްޖޭގައި އުޅޭ ބޭރު މީހުންނާއި ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިން ވެސް މިފަދަ ނުރައްކާތެރި މީހުންގެ ޝިކާރައަކަށް ވާން ފަށާފައިވާ ކަމަށެވެ.

"އެ ކަންކަން ހިންގާ ފަރާތްތަކާއި އެކަމާ ގުޅުންހުރި މީހުންނާ މެދު ފިޔަވަޅު އެޅުމުގައި މުއައްސަސާތަކުގެ ފަހަތު ފަޔަށް ބުރަވެފައިވާތީ،" މައްސަލަ ހުށަހަޅުއްވަމުން ވައްޑޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ސަބަބަށްޓަކައި އައު ހިތްވަރަކާއި އައު އިންތިޒާމެއްގެ ދަށުން، ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން ފިލުވާލައި، ރައްޔިތުންނާއި މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.

އެކަން ކުރުމަށް، ސިފައިންނާއި ފުލުހުން އަދި ސަލާމަތީ ކަންކަމާއި ތަންފީޒީ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު އޮތް އިދާރާތަކުގެ މައްޗަށް އެކުލެވޭ ކޮމާންޑެއްގެ ދަށުން އެކުލެވޭ ހާއްސަ ފައުޖެއް އުފެއްދުމަށް ވައްޑޭ ވަނީ ގޮވާލައްވާފައެވެ.

އެ ފައުޖުން މިސްކިތްތަކާއި ތައުލީމުދޭ ތަންތަން ބަލަހައްޓަން ފަށަން ޖެހޭ ކަމަށް ވައްޑޭ ވިދާޅުވިއެވެ. އަދި މީހުންގެ ފުރާނައާއި މުދަލަށް ގެއްލުން ދީފާނެ ކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިފައިވާ މީހުން އެކަހެރި ކުރުމާއި ރީހެބިލިޓޭޓް ކުރުމުގެ މަސައްކަތް އެ ފައުޖުން ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ހުށަހެޅުއްވި މައްސަލައިގައިވެއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ހުއްޓުވުމަށް މިހާރު ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.